ޚަބަރު

ފުޓްސަލް ރަސްގެފާނުންނަށް އަމިއްލަ ރަށުން ހޫނު މަރުޙަބާއެއް


  • މިއީ ނައިވާދޫއިން ގޯލްޑަން ފުޓްސަލްގެ ތަށި ހޯދި ފުރަތަމަ ފަހަރު

  • މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ފުޓްސަލް ކިންގުގެ ޝަރަފު ހޯދީ ނައިވާދޫގެ ޔާމީން

  • ނައިވާދޫއިން އެ ރަށު ޓީމަށް ވަނީ ރަތްދޫލައިގެ ހޫނު މަރުޙަބާއެއް ކިޔާފައި

މުޅި ރާއްޖެއިން ބައިވެރިވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ހޯދައި، ދިވެހި ފުޓްސަލްގެ ރަސްގެފާނުންގެ ގޮތުގައި އަމިއްލަ ރަށް، ހދ. ނައިވާދޫއަށް ދިއުމުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޗެމްޕިއަންކަން ނައިވާދޫއިން ހޯދީ، މުބާރާތުގެ ފައިނަލުގައި ގއ. ދެއްވަދޫގެ މައްޗަށް 3-9 ގެ ނަތީޖާއަކުން ބޮޑު މޮޅެއް ހޯދައިގެންނެވެ.

މި މޮޅާއެކު ހޯދި ރަސްކަމުގެ ރަމްޒުކަމުގައިވާ ތަށްޓާއި، ރަސްގެފާނު ޔާމީން މުޙައްމަދު (ޔާންޓޭގެ) ރަސްކަމުގެ ތާޖާއި ގައުން އަދި ޓްރޮފީއާއެކު ނައިވާދޫއަށް ދިޔައީ އަންގާރަ ދުވަހުއެވެ.

މި ބޮޑު ޝަރަފާއެކު ނައިވާދޫ ޓީމުން އަމިއްލަ ރަށަށް ދިއުމުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ވަނީ ބަނދަރު ސަރަހައްދަށް ނުކުމެ ޓީމަށް ރަތްދޫލައިގެ ފުރިހަމަ މަރުޙަބާއެއް ކިޔާފައެވެ.

މީގެއިތުރުން، ޓީމަށް މަރުޙަބާ ކިޔުމަށްޓަކައި ރަށުގެ ފުޓްސަލް ދަނޑުގައި ޙާއްސަ ޙަފްލާއެއް ވެސް ބާއްވާފައިވެއެވެ. ޓީމުގެ ކުޅުންތެރިންގެ ކަރުގައި ފައިސާ ފަތިވެސް އަޅުވާފައިވެއެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ނައިވާދޫއިން މި ފަހަރުގެ ޗެމްޕިއަންކަން ހޯދިއިރު، މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ވެސް ނައިވާދޫ ކުޅެފައިވެއެވެ. އެފަހަރު ކާށިދޫއާ ކުޅެ ލިބުނު ނާކާމިޔާބީއާއި ހިތްދަތިކަން ފިލުވާލައި މިފަހަރު ޗެމްޕިއަންކަން ހޯދިއިރު، 119 ޓީމު ވާދަކުރި މި މުބާރާތުގެ ބެސްޓް ސަޕޯޓާސް ޓީމަކަށް ވެސް ހޮވުނީ ނައިވާދޫއެވެ.

މި އަހަރު ބޭއްވީ ގޯލްޑަންގެ 10 ވަނަ މުބާރާތެވެ. މީގެ ކުރިން މި މުބާރާތުގެ ތަށި ހޯދާފައިވަނީ، ތ. ތިމަރަފުށި ތިން ފަހަރުގެ އިތުރުން، ލ. ގަން، ބ. އޭދަފުށި، ބ. ހިތާދޫ، މާފަންނު، ހެންވޭރު އަދި ކ. ކާށިދޫ އެވެ.

ނައިވާދޫ އަކީ 10 އަހަރުވީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި ޖެހިޖެހިގެން ދެ އަހަރު ކުޅުނު ތިން ވަނަ ޓީމެވެ.

ނައިވާދޫ ޓީމުން ގޯލްޑަންގެ ތަށްޓާއެކު ރަށަށް ދިޔައިރު، މިފަހުން ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޓްރޮފީ ވެސް ގެންގޮސްފައިވެއެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި ނައިވާދޫ ޓީމުގައި، ޤައުމީ ޓީމުގެ މުހިންމު ތިން ކުޅުންތެރިއަކު ހިމެނެއެވެ. އެއީ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި އަޙްމަދު ހަމީދު (އައްމަޑޭ) ގެ އިތުރުން ކީޕަރު ނާޖިހު (ހޭޓް) އެވެ.