ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި ރޭ ބެންފީކާގެ ކޯޗު ހޯސޭ މޮރީނިއޯ ރެއާލް މެޑްރިޑްގެ ވިނީޝިއުސް ޖޫނިއާ ގާތުގައި ދެއްކި ވާހަކަތަކުން އިތުރަށް މައްސަލަ ހޫނުވެއްޖެ އެވެ.
ބްރެޒިލްގެ ފޯވަޑް ޖެހި ހަމައެކަނި ލަނޑުން ރެއާލް މޮޅުވި މެޗު 10 މިނިޓަށް ހުއްޓާލަން ޖެހުނީ ބެންފީކާގެ ސަޕޯޓަރުން ވިނީޝިއުސް އަށް ނަސްލީ ގޮތުން ދިމާ ކުރަން ފެށުމުންނެވެ. މި ހޫނު ގަނޑުގެ ތެރޭގައި ފެނުނީ މޮރީނިއޯ އާއި ވިނީޝިއުސް ވާހަކަ ދެއްކި ތަނެވެ.
"އަހަރެން އޭނާ ގާތުގައި ބުނީ މި ކުލަބުގެ އެންމެ އަގުހުރި ޝަހުސިއްޔަތަކީ (ޕޯޗުގަލްގެ ކުރީގެ ކެޕްޓަން ޔޫސޭބިއޯ) އޭ. އޭނާ އަކީ ކަޅު މީހެކޭ. އެހެންވީމާ މި ކުލަބުން މީހުންނަށް ނަސްލީ ގޮތުން ދިމާކޮށް ނުހަދާނެއޭ،" މެޗަށް ފަހު މޮރީނިއޯ ބުންޏެވެ.
މެޗުގައި ރަތް ކާޑު ދެއްކުމުން މި ދެ ޓީމު ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅޭ މެޗަށް ސަސްޕެންޑްވި ކޯޗު ބުނީ ވިނީޝިއުސް ލަނޑުު ޖަހާފައި އުފާފާޅު ކުރީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އަދި ބެންފީކާގެ ސަޕޯޓަރުން އޭނާއާ މެދު ހިތްހަމަ ނުޖެހުނުނަމަ އޭގެ ސަބަބަކީ ވެސް އުފާފާޅު ކުރި ގޮތް ކަމަށެވެ.
"އެ ޖެހީ އާދަޔާ ހިލާފު ލަނޑެއް. މޮޅު ލަނޑެއް. ފަހަރުގައި އޭނާ ގަޔާނުވީ ކަންނޭނގެ އެކަމަށް. އަހަރެން އޭނާ ގާތުގައި ބުނިން ލަނޑު ޖަހާފައި އުފާފާޅުކޮށްފައި އޭނާ ދާންވީއޭ. އިތުރު ކަންކަން ކުރާނެ ކަމެއް ނެތޭ. ދަނޑުބޭރާ ގުޅުމަކީ ގޯހެކޭ. ކީއްވެ އޭނާ ޕެލޭ އާއި ޑީސްޓެފާނޯ ފަދައިން ސެލެބްރޭޓް ނުކުރީ. އޭނާގެ ފުށުން ވެސް ގޯސްކަމެއް ފެނުނީމަ (ސަޕޯޓަރުން) ހޫނުވީ. އަހަރެން ބުނިން މިއީ ވަރަށް ގިނަ ސްޓޭޑިއަމްތަކުގައި ހިނގާ ކަމެކޭ،" މޮރީނިއޯ ބުންޏެވެ.
ނަމަވެސް މޮރީނިއޯގެ މި ވާހަކަތަކަށް ކުރީގެ ގިނަ ތަރިން ވަނީ ފާޑުކިޔައިފަ އެވެ. މި ގޮތުން އިނގިރޭސި ކުރީގެ ކުޅުންތެރިޔާ ތިއޯ ވޮލްކޮޓް ބުނީ އޭނާ އަކީ އަބަދުވެސް މޮރީނިއޯ ކުރާ ކަންކަމަށް ގަޔާވި މީހެއް ކަމަށާއި ނަމަވެސް ރޭގެ މެޗުގައި އޭނާ ދެއްކީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ. ފްރާންސްގެ ފޯވަޑް ތިއޭރީ އޮންރީ ވެސް ބުނީ އޭނާ ރޭ ސަޕޯޓް ކުރީ ރެއާލް މެޑްރިޑަށް ކަމަށެވެ. ސަބަބަކީ ވިނީޝިއުސްއާ މެދު ކަންތައްތައް ކުރީ ރަނގަޅަށް ނޫން ކަމަށެވެ.
މި ކަމާ ގުޅިގެން ބްރެޒިލްގެ ފުޓްބޯޅ ފެޑަރޭޝަނުން ވެސް ވަނީ ވިނީޝިއުސްގެ ދިފާއުގައި ބަޔާނެއް ނެރެފަ އެވެ. ބުނެފައިވަނީ ނަސްލީ ގޮތުން ދިމާ ކުރުމަކީ ގަސްތުގައި ދޭ ހަމަލާއެއް ކަމަށެވެ.