ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާގޮތުން ޚިދުމަތްތައް ދިނުމުގައި ގިނަ ގޮންޖެހުންތަކަކާ، ހުރަސްތަކެއް ކުރިމަތިވެއެވެ. އެހެންނަމަވެސް ސިއްޙީ ޚިދުމަތަކީ ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޚިދުމަތެކެވެ. ސިއްޙީ ޚިދުމަތް ހޯދުމުގައި އެންމެ ގިނަ ބަޔަކު ބަރޯސާވެފައިވަނީ މާލެ ސަރަޙައްދަށެވެ. އިތުރު ޚިދުމަތްތައް ޤާއިމުކުރެވުމާއެކު، މަޑުމަޑުން އަތޮޅުތަކުގައި ހުރި ސަރަޙައްދީ ހޮސްޕިޓަލްތަކަށްވެސް ރައްޔިތުންގެ އިތުބާރުދަނީ ލިބެމުންނެވެ. އެހެންނަމަވެސް ސިއްޙީ ކުއްލި ޙާލަތްތަކުގައި ސިއްޙީ ފަރުވާ އެންމެ އެކަށީގެންވާގޮތުގައި ލިބޭނެ މަގު ފަހިކޮށްދިނުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ވަށައިގެންވާ ކަނޑެވެ.
އަހަރުތަކެއް ކުރިއަށްޖެހިލާއިރު ސިއްޙީ ކުއްލި ޙާލަތްތަކުގައި އެއްރަށުން އަނެއް ރަށަށް މީހުން ގެންދިޔުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ މީހުންގެ ފުރާނަ ގެއްލުމުގެ ހިތާމަވެރި ޙާދިސާތަކެއްވަނީ ހިނގާފައެވެ. މިކަން ބަދަލުކޮށް ރާއްޖޭގެ ސިއްޙީ ނިޒާމަކީ ކުއްލި ޙާލަތްތަކުގައި އެއްގަމާއި ވައިގެ މަގުން އަދި ކަނޑުމަގުންވެސް ގުޅިފައިވާ ނިޒާމަކަށް ހެދުމަށް ސަރުކާރުންވަނީ ދައުރުގެ ފުރަތަމަ އަހަރުން ފެށިގެން ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައެވެ. މޯލްޑިވްސް ނޭޝަނަލް އެމްބިއުލާންސް ސަރވިސްގެ ނަމުގައި ޚާއްސަ ޚިދުމަތެއް ޤާއިމުކޮށް އެއަރ އެމްބިއުލާންސާއި، ސީ އެމްބިއުލާންސް އަދި އެއްގަމުގައި ދުއްވާ އެމްބިއުލާންސްތަކުގެ ފްލީޓު ވަރުގަދަކޮށް ޚިދުމަތް ހަރުދަނާކުރުމަށްދަނީ މަސައްކަތް ކުރަމުންނެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބެލެހެއްޓުންތެރިކަމެއް ނެތި އަޅާނުލާ ދޫކޮށްލެވިފައިވުމުގެ ސަބަބުން ރާއްޖޭގެ ގިނަ ރަށްރަށުގައި ހުރި އެމްބިއުލާންސްތައް ހުރީ ހަލާކުވެ މަރާމާތު ނުކުރެވޭ ޙާލަތުގައިކަމަށެވެ. އެހެންކަމުން އައު އެމްބިއުލާންސް ރަށްރަށަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. މިމަޝްރޫޢުގެ ދަށުން މިހާތަނަށްވަނީ 56 އެމްބިއުލާންސް ރަށްރަށަށް ފޮނުވާފައެވެ. އަދި މިއަހަރުގެ މަރިޗު މަހުގެ ތެރޭގައި 31 އެމްބިއުލާންސާއި 10 ޕެރަމެޑިކް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ކުރައްވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ސީ އެމްބިއުލާންސްގެ ޚިދުމަތް ރާއްޖޭގައި ބަލަހައްޓަވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބެލުމުގެ ދަށުންނެވެ. ފްލީޓުގައި ހިމެނޭ ސީއެމްބިއުލާންސްތައް މަރާމާތުކޮށްފައިވާއިރު އިތުރު 12 ސީއެމްބިއުލާންސް މިއަހަރުގެ ތެރޭގައި ގެނައުމަށްދަނީ މަސައްކަތް ކުރަމުންނެވެ.
އެއަރ އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށް ޑޭޝް-8 މަރުކާގެ ބޯޓެއް އެއަރ އެމްބިއުލާންސްގައި ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އެއްގޮތަށް ފަރުމާކޮށް އަންނަނީ ބޭނުންކުރަމުންނެވެ. އެކަމަށްޓަކައި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން 15 މުވައްޒަފުންވަނީ ތަމްރީނުކޮށްފައެވެ. މިއާއެކު އަތޮޅުތަކުގެ ކޮންމެ ރަށަކުން އެންމެ ކައިރީގައި އެއަރޕޯޓު އޮންނަ ރަށަކަށް ބަލި މީހާ ގެނައުމާއެކު އެއަރ އެމްބިއުލާންސްގެ ޚިދުމަތް މެދުވެރިކޮށް ސިއްޙީ ފަރުވާ އެންމެ ގާތުން ލިބޭނެ ހިސާބަކަށް ބަލި މީހުން ގެންދެވެއެވެ.
މިޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުންދަނީ އެމްބިއުލާންސް ފްލީޓަށް ހެލިކޮޕްޓަރު ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެޚިދުމަތް މިއަހަރުގެ ތެރޭގައި ފެށުމަށްދަނީ ތައްޔާރުވަމުންނެވެ. މިއާއެކު އެއަރޕޯޓު ނެތް ރަށްރަށުންވެސް ފަސޭހަކަމާއެކު މޫސުން ގޯސްވެ ސީއެމްބިއުލާންސްއަށް ހުރަސް އެޅޭ ޙާލަތްތަކުގައިވެސް ބަލި މީހުން އުފުލޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
ސިއްޙީ ނިޒާމަށް ބަލާއިރު ބައެއް ޙާލަތްތަކުގައި ރާއްޖެއިން ބޭރަށް ބަލި މީހުން ފޮނުވަންޖެހޭ ޙާލަތްތައް ކުރިމަތިވެއެވެ. އެހެންކަމުން އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފުޅާކޮށް ޔޫ.އޭ.އީއާއި ތައިލެންޑް އަދި މެލޭޝިއާއާއި ސިންގަޕޫރަށް ބަލި މީހުން ގެންދިޔުމަށް އެޤައުމުތަކާއެކު ސަރުކާރުންވަނީ މަސައްކަތް ކުރައްވާފައެވެ.
މިމަސައްކަތްތަކާއެކު އެކަށީގެންވާ ނިޒާމެއްގެ ތެރެއިން ރާއްޖޭގެ ސިއްޙީ ޚިދުމަތްތައް ކުއްލި ޙާލަތްތަކުގައި ގުޅާލެވިގެންދާނެއެވެ. ރާއްޖެ ފަދަ ވަކި ވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމަކަށް މިއީ އިންޤިލާބީ ބަދަލެކެވެ.