މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހާއި ހަމައަށް މާލެއާއި ސިނަމާލެ ބުރިޖު އަދި ހައިވޭގައި ޖުމްލަ 43 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާލެއާއި، ބްރިޖު އަދި ހައިވޭ ހިމެނޭހެން މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން އެކްސިޑެންޓު ހިނގާފައިވަނީ މާލެ ސިޓީގެ ސަރަޙައްދުތަކުގައެވެ. މިގޮތުން ފެބްރުއަރީ 8 ވަނަ ދުވަހާއި 14 ވަނަ ދުވަހާ ދެމެދު ޖުމްލަ 37 އެކްސިޑެންޓު ހިނގާފައިވެއެވެ.
މީގެ އިތުރުން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނައިން އެކްސިޑެންޓް ހިނގާފައިވަނީ، ފެބްރުއަރީ 8 ވަނަ ދުވަހުއެވެ. އެދުވަހު 10 އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.
ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ، ދުވާލުގެ ވަގުތުތަކުގައި ކަމަށް ފުލުހުން ފާހަގަކުރައްވައެވެ.
Traffic Statistics | 8–14 February 2026
— Maldives Police (@PoliceMv) February 17, 2026
Malé, Bridge and Highway
A total of 43 road accidents were reported across Malé, the bridge, and the highway during this period. Malé accounted for the majority, with 37 cases recorded.
The highest number of incidents in a single day was… pic.twitter.com/46rlTh1apW
ފުލުހުން ވިދާޅުވީ، ރިޕޯޓްކުރި އެކްސިޑެންޓުތަކުގެ ތެރެއިން 41 އެކްސިޑެންޓެއްގައި މީހުންނަށް ލިބިފައިވަނީ ކުދި އަނިޔާތައް ކަމަށެވެ. އަދި 2 އެކްސިޑެންޓެއްގެ ސަބަބުން މީހުންނަށް ނުރައްކާތެރި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
މިމުއްދަތުގެ ތެރޭގައި ހިނގާފައިވާ އެކްސިޑެންޓުތަކުގެ ތެރޭގައި އެންމެ ގިނައީ، ދެ ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓުތަކާއި، ސައިކަލާއި ކާރާއި ޖެހިގެން ހިނގި އެކްސިޑެންޓުތަކެވެ. އަދި މި އެކްސިޑެންޓުތަކުގެ ސަބަބުން 50 އުޅަނދަކަށް ވަނީ ގެއްލުން ލިބިފައެވެ.
ހުރިހާ ފަރާތްތަކުންވެސް މަގުމަތީގައި އުޅޭއިރު ސަމާލުވުމަށާއި، ޓްރެފިކް ޤަވާއިދުތަކަށް ބޯލެނބުމަށާއި، ދުއްވާއިރު ފަރުވާތެރިވުމަށް ފުލުހުން ޢިލްތިމާސްކުރައްވައެވެ. އަދި އެކަކު އަނެކަކަށް އަޅާލައި، މަގުތަކަކީ އަމާން ތަނަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ފުލުހުން ޢިލްތިމާސްކުރައްވައެވެ.
ޓްރެފިކް އެކްސިޑެންޓުތައް އިތުރުވަމުން ދިޔުމުގެ މައްސަލައަށް އެދެވޭ ޙައްލެއް ގެނައުމަށްޓަކާ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.