ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ކުރިޔަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބުދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ އެތުލެޓިކްސް އެސޯސިއޭޝަނާއެކު ބޮޑެތި މަޝްވަރާތަކެއް ކުރުމަށްފަހު ހުޅުމާލޭގެ ފެސިލިޓީއަކީ މުސްތަގުބަލުގައި ރީޖަނަލް މުބާރާތްތައް ބާއްވަން ކަނޑައަޅާފައި އޮތް ތަންކަމަށެވެ.
ސަބަބަކީ އެތަނުގައި ސީޓީން އޭރިއާ އާއި ފާހަނާ އަދި އެހެނިހެން ހިދުމަތްތައް ލިބެން ހުރުން ކަމަށެވެ. އެހެންކަމުން އެއީ މުބާރާތެއް ބާއްވާނަމަ އޭގެ ފައިދާ ވަރަށް ބޮޑަށް ކުރާނެ ތަނެއްކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މުބާރާތެއް ބާއްވާނަމަ އެތަނުގައި ޓްރެކްގެ އިތުރުން ވޯމްއަޕް އޭރިއާއެއްވެސް އޮންނަންޖެހޭ ކަމަށާއި، އެކުވެނީގައި އެކަން ކުރެވެންނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެންކަމުން އުންމީދަކީ ހުޅުމާލޭ ސިންތެޓިކް ޓްރެކް ހެދިގެންދާއިރު ވޯމްއަޕް ކުރާނެ ތަނެއްވެސް އެތަނުގައި އޮތުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން މުބާރާތްތަކުގައި އެއް އިވެންޓުން އަނެއް އިވެންޓަށް ބަދަލުވެގެން ދާއިރު އެތުލީޓުންނަށް އޭގެ ފައިދާކުރާނެ ކަމަށް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކުޅުދުއްފުށީގައިވެސް ސިންތެޓިކް ޓްރެކެއް އެޅުމަށް މިހާރު ސާވޭކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން އެތަނުގައިވެސް ދާދި އަވަހަށް އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.
"އެތަނުގައި ވޯލްޑް އެތުލެޓިކްސް ގަބޫލުކުރާ ފެންވަރުގެ ޓްރެކެއް އެޅުން އެއީ އަޅުގަނޑުމެން އެންމެ ބޮޑަށް އެދޭ ކަންތައް" ވަޒީރު ވިދާޅުވިއެވެ. އެތުލެޓިކްސް ރާއްޖޭގައި ކުރިއަރުވަން ކުރެވޭ މިމަސައްކަތްތައް މިއީ ދިވެހި އެތުލީޓުންނަށް ލިބިގެންދާނެ އުފަލެއްކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެތުލީޓުން ކުރިއެރުވުމަށް އެސޯސިއޭޝަނުން ކުރާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ކޮންމެ ވަގުތެއްގައި ދަންނަވާލިޔަސް އެތުލެޓިކްސް އެސޯސިއޭޝަނުން ސާވޭ ޓީމާއެކު ހަރަކާތްތެރިވާކަމަށާއި، އެސޯސިއޭޝަނުގެ އެއްބާރުލުން މިކަމަށް ވަރަށް ބޮޑަށް ލިބޭކަމަށެވެ. އަދި އެތުލެޓިސްއަށް ހާއްސަ ވަސީލަތްތައް އެންމެންނަށް ކަމުދާ ގޮތަށް ހެދިގެން ދިއުމަކީ ސަރުކާރުން އެންމެ ބޭނުންވާ ގޮތްކަމަށެވެ.
ހުޅުމާލޭ ސިންތެޓިކް ޓްރެކަކީ 400 މީޓަރުގެ، 8 ލޭން ހިމެނޭހެން ރާއްޖޭގައި ތަރައްގީކުރި މިފަދަ އެންމެ ފުރަތަމަ ޓްރެކެވެ. މި ޓްރެކް ރަސްމީކޮށް އާންމުންނަށް ހުޅުވާލީ 28 މޭ 2018 ގައެވެ.