ކައްކާ ގޭސް ލިބުމުގައި ދިމާވި މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް ގޭސް ވިއްކަން ފަށާފައިވާކަމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން، އެސްޓީއޯއިން ވިދާޅުވެއްޖެއެވެ.
އެސްޓީއޯއިން މިހެން ވިދާޅުވީ، އެކުންފުނީގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވް ގޭސްއިން ވިއްކާ ކައްކާ ގޭސް ލިބުމުގައި ބައެއް ދަތިތައް ކުރިމަތިވެ ކައްކާ ގޭސް ދޫކުރާ މިންވަރު ދަށްކުރުމަށް ފަހުއެވެ. މިމައްސަލަ ދިމާވުމާއި ގުޅިގެން އެސްޓީއޯއިން ވިދާޅުވީ، ދުނިޔޭގައިވެސް އަދި ސަރަޙައްދީގޮތުންވެސް ބާޒާރުގައި ސަޕްލައިއަށް ލޮޅުންތަކެއް އަރާފައިވާކަމަށެވެ. އޭގެ ސަބަބުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިކަމަށްވާ މޯލްޑިވް ގޭސް މެދުވެރިކޮށް 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި ޑިސްކައުންޓް ރޭޓުތަކެއްގައި ވިއްކަމުންދަނީ 7 ކިލޯގެ ގޭސްފުޅިކަމަށެވެ.
ނަމަވެސް ގޭހުގެ ސްޓޮކް އިޔާދަ ކުރެވި މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް 10 ކިލޯގެ ގޭސް ފުޅި ވިއްކަން ފަށާފައިވާ ކަމަށް ޕީއެސްއެމް ނިއުސްއަށް އެސްޓީއޯއިން މިއަދު ވަނީ ކަށަވަރުކޮށްދީފައެވެ. އެސްޓީއޯއިން ވަނީ މިހާރު މިމައްސަލަ ހައްލުކުރެވުމާއެކު ކުރިއަށް އޮތް ތަނުގައި އެއްވެސް ދަތިކަމެއް ނެތި ކައްކާ ގޭސް ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރޯދަ މަހަކީ އާންމުގޮތެއްގައިވެސް ގޭހަށް އޮންނަ ޑިމާންޑު އިތުރުވާ މަހެކެވެ. ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ބާޒާރުގައި މެދުނުކެނޑި ގޭސްލިބޭނެ މަގުތައް ފަހިކުރުމަށް ކޮންމެ އަހަރެއްގެ މިދުވަސްވަރުވެސް އެސްޓީއޯއިން މަސައްކަތްކުރާކަމަށް އެކުންފުނިން ވިދާޅުވެއެވެ. މިއާއެކު މިއަހަރުގެ ރޯދަމަހުވެސް ކައްކާގޭސް އެއްވެސް ދަތިކަމެއް ނެތި ކުރިއެކޭ އެއްގޮތަށް ލިބޭނެ ކަމުގެ ޔަޤީންކަން އެސްޓީއޯއިން ވަނީ ދީފައެވެ.
ކައްކާ ގޭސް ދަތިތަކެއް ނުވެ ލިބޭނެ ކަމުގެ ޔަޤީންކަން އެސްޓީއޯއިން ދީފައިވާއިރު، ރާއްޖެ އެތެރެކުރާ އަސާސީ ކާބޯތަކެތިވެސް ރޯދަމަހުގެ ތެރޭގައި ހެޔޮ އަގެއްގައި ލިބޭނެ ކަމުގެ ޔަޤީންކަންވެސް އެކުންފުނިން ދެއެވެ.