ސްރީލަންކާ އަތުން ބަލިވެ، ޓުވެންޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ ގަދަ އަށަކަށް ދިއުމުގެ އަމިއްލަ ބާރު އޮސްޓްރޭލިޔާ އަށް ގެއްލިއްޖެ އެވެ.
އަށް ވިކެޓުން ލަންކާ އަތުން ބަލިވުމާއެކު އޮސްޓްރޭލިޔާ މިވަގުތު އޮތީ ގްރޫޕް ބީގެ ތިން ވަނާގަ އެވެ. ލިބިފައިވަނީ ތިން މެޗުން އެންމެ ދެ ޕޮއިންޓެވެ. އެކަމަކު ދެ މެޗު ކުޅެގެން ހަތަރު ޕޮއިންޓާއެކު ދެ ވަނާގައި ޒިމްބާބުވޭ އަދި އެއްވަނާގައިވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ލަންކާ އެވެ.
މިހެންވެ އޮސްޓްރޭލިޔާ އަށް ގަދަ އަށަކަށް ދެވެން އޮތީ އަޔަލޭންޑް އަތުން ޒިމްބާބުވޭ ބަލިވެ، ލަންކާ އަތުން ވެސް އެ ގައުމު ބަލިވެގެންނެވެ. ނަމަވެސް މިއީ ވުމަށްވުރެ ނުވުން ގާތްކަމެއް ކަމަށް ގަބޫލު ކުރަނީ އޮސްޓްރޭލިޔާގެ ކެޕްޓަން މިޝޭލް މާޝް އެވެ.
"އަހަރުމެން ޖެހޭނީ އަޔަލޭންޑް ނެރޭ ނަތީޖާއެއް ބަލަން ތިބެން. އަހަރުމެންގެ ޗޭންޖިން ރޫމް ހީވަނީ ހިމޭން ކަމުން ގޮސް ސަހަރާއެއްހެން. އަހަރުމެން މި ނަތީޖާއާ މެދު ދެރަވޭ. ތިން މެޗުން އަހަރުމެންނަށް ދެ ޕޮއިންޓް ލިބުނީ އަހަރުމެންނަށް ނުކުޅެވިގެން. އެކަން ގަބޫލު ކުރަން،" މިޝޭލް ބުންޏެވެ.
އޭނާ ބުނީ ޓުވެންޓީ20 މުބާރާތުގައި އޮސްޓްރޭލިޔާ ހިމެނުނު ގްރޫޕަކީ ނިސްބަތުން ވަރުގަދަ ގްރޫޕެއް ކަމަށެވެ.
"އަހަރުމެން ހިމެނުނީ އެންމެ ވަރުގަދަ އެއް ގްރޫޕުގައި. އެހެންވީމާ އަހަރުމެން ފަރުވާތެރިވާން ޖެހޭނެ. އެކަމަކު އެކަމެއް ނުވި. މި ނަތީޖާ އަކީ ވަރަށް ދަށް ނަތީޖާއެއް. އަހަރުމެން ޖެހޭނީ އަލުން ޓީމު އެކުލަވާލައި މަސައްކަތް ކުރަން،" މިޝޭލް ބުންޏެވެ.
މުބާރާތުގެ ދެ ވަނަ ބުރު މިހާތަނަށް ޔަގީން ކޮށްފައިވަނީ ގްރޫޕް އޭއިން އިންޑިޔާ އެވެ. ގްރޫޕް ބީއިން ލަންކާ އަދި ގްރޫޕް ސީ އިން ވެސްޓް އިންޑީޒް އާއި އިންގްލޭންޑް އަދި ގްރޫޕް ޑީން ސައުތު އެފްރިކާ އެވެ. ގަދަ އަށެއްގެ ބާކީ ތިން ޖާގަ ލިބުން ގާތީ ޕާކިސްތާނާއި ޒިމްބާބުވޭ އާއި އަފްގާނިސްތާން ނުވަތަ ނިއުޒީލޭންޑަށެވެ.