ޖިރޯނާ އަތުން 2-1އިން ބަލިވެ ބާސެލޯނާ އަށް ސްޕެނިޝް ލީގުގައި ލިބިފައި އޮތް ލީޑު ގެއްލި ދެ ވަނަ އަށް ވެއްޓުނީ ޑިފެންސިވް މިސްޓޭކް ތަކުން ކަމަށް ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.
ރޭގެ މެޗުގައި ބާސެލޯނާ އަށް ލީޑު ނަގަން ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ޕެނަލްޓީ އެއް ވެސް ލިބުނެވެ. ނަމަވެސް ލަމީން ޔަމާލް ޖެހި ޕެނަލްޓީ ނާކާމިޔާބުވީ ދަނޑީގައި ޖެހިފަ އެވެ.
"އަހަރުމެން ޑިފެންސްކުރި ގޮތް ވަރަށް ގޯސް ފުރަތަމަ ހާފަށް ވުރެ ދެ ވަނަ ހާފުގައި. މީގެ ސަބަބުން ބައިކޮޅަށް ގޯލުތަކެއް ވަނީ. ޖިރޯނާ އަށް މި ނަތީޖާ ހައްގު. އެކަމަކު އެ މީހުން މޮޅުވި ވާހަކަ ދައްކާކަށް ބޭނުމެއްނޫން. އަހަރުމެންނަށް ނަތީޖާ ނުނެރެވުނީ ނުކުޅެވިގެން. ހާއްސަކޮށް ޑިފެންސް ބަލިކަށިވެގެން،" ކޯޗު ބުންޏެވެ.
އޭނާ ބުނީ އެއްވަނަ މަގާމު ގެއްލި ވާދަވެރި ރެއާލް މެޑްރިޑަށްވުރެ ދެ ޕޮއިންޓް ފަހަތަށް ދިއުމުން ދެން ވެސް އަރައި ގަތުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އުއްމީދު ކުރަނީ މިވަގުތު އަނިޔާގައި ތިބި ކުޅުންތެރިން ޓީމާ ގުޅުމުން ބާސެލޯނާގެ ފޯމު ރަނގަޅުވާނެ ކަމަށް ކަމަށެވެ.
"ދެން އަންނަ ހަފުތާއެއްގައި އަހަރުމެންގެ ބައެއް ކުޅުންތެރިންނަށް ޓީމާ ބައިވެރިވެވޭނެ ކަމަށް މި ބަލަނީ. ޕެޑްރީ ވެސް ހުންނާނެ. އަދި ގަވީ ވެސް ޓީމާއެކު ފަރިތަކުރުން ގާތް. އެންމެނަށް ވެސް އެނގޭނެ މިހާރުގެ ހާލަތު. މި ހާލަތުން އަރައި ގަތުމަށް ކުޅުންތެރިން ކުޅެވޭ ހާލަތުގައި ތިބެން ޖެހޭ،" ގނަ ކުޅުންތެރިންތަކެއް އަނިޔާގައި ތިބިކަން ފާހަގަ ކުރަމުން ފްލިކް ބުންޏެވެ.
އޭނާ ބުނީ ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ބާސެލޯނާގެ ގިނަ ކުޅުންތެރިން ތިބީ އަނިޔާގައި ވަރުބަލިވެފައި ކަމަށެވެ. މިހެންވެ ދެ ދުވަސް އަރާމު ކުރަން ދީފައިވާނެ ކަމަށެވެ.
ބާސެލޯނާ މިވަގުތު ދެ ވަނާގައިވަނީ 24 މެޗުން 48 ޕޮއިންޓާއެކުގަ އެވެ. އެއްވަނާގައި ރެއާލް އޮތީ 24 މެޗުން 50 ޕޮއިންޓާއެކުގަ އެވެ. ޖިރޯނާ އޮތީ 29 ޕޮއިންޓާއެކު 12 ވަނާގަ އެވެ.