މަޑަގަސްކަރައަށް މިދިޔަ ހަފްތާގެ ތެރޭގައި އެރި ތޫފާން ގެޒަނީގައި 59 މީހުން މަރުވެފައިވާ ކަމަށް އެ ޤައުމުގެ ކާރިޘާތަކާ ބެހޭ އިދާރާއިން ބުނެފިއެވެ.
ތޫފާން ގެޒަނީގެ ސަބަބުން މަޑަގަސްކަރައިގެ 16.428 މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައެވެ. 15 މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު 804 މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ. ކާރިޘާއާ ބެހޭ އިދާރާއިން ބުނީ ތޫފާނުގެ އަސަރު ގާތްގަނޑަކަށް 424،000 މީހުންނަށް ކޮށްފައިވާ ކަމަށެވެ.
ތޫފާން ގެޒަނީގެ އެންމެ ބާރުގަދަ ވަގުތުތަކުގައި ގަޑިއަކު 185 ކިލޯމީޓަރަށް ވައިޖެހިފައިވެއެވެ. އަދި ކޮޅިގަނޑުގައި ގަޑިއަކު 270 ކިލޯމީޓަރަށް ވައިގަދަވެފައިވެއެވެ. ތޫފާނުގައި ބިޔަ ގަސްތައް ވެއްޓި ގޭގޭގެ ފުރާޅުތައް ވަނީ އެއްލާލައިފައެވެ.
ތޫފާން ގެޒަނީއަކީ މި އަހަރުގެ ތެރޭގައި މަޑަގަސްކަރައަށް އަރާފައިވާ މި ފަދަ ދެވަނަ ތޫފާނެވެ. މި ތޫފާން އަރާފައި ވަނީ އެ ޤައުމަށް ތޫފާން ފިޓިޔާ އެރިތާ އެންމެ ދިހަ ދުވަސް ފަހުންނެވެ. ތޫފާން ފިޓީޔާގައި ވެސް އެ ޤައުމުގެ 14 މީހުން މަރުވެ، 31،000އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވެއެވެ.
ތޫފާން ގެޒަނީ މިހާރު ވަނީ މޮޒަމްބީގު ޗެނަލުގެ ހުޅަނގަށް ދަތުރުކޮށްފައެވެ. މޮޒަމްބީގުން ބުނީ ތޫފާނުގެ ސަބަބުން އެ ސަރަޙައްދުގައި އާދަޔާ ޚިލާފަށް ވައިގަދަވެ، 10 މީޓަރު އުސް ރާޅު އުފެދިފައިވާ ކަމަށެވެ. ނަމަވެސް ތޫފާން އަނެއްކާ ވެސް މަޑަގަސްކަރައާ ދިމާއަށް މިސްރާބު ޖަހާނެ ކަމަށް ވަނީ ބެލެވިފައެވެ. އެއާއެކު މަޑަގަސްކަރަގެ ހުޅަނގު ދެކުނު ސަރަޙައްދުަގައި ވަނީ ރަތް ސަމާލު އިޢުލާނުކޮށްފައެވެ.