އީރާނަށް ވީ އެންމެ ބޮޑަކަށް ފިއްތުންތައް ކުރިމަތިކުރުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބަސްވެއްޖެއެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި ޓްރަމްޕްއާއި ނަތަންޔާހޫ ވަނީ އީރާނަށް އިޤްތިޞާދީ ގޮތުން ދަތި ކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށް ނިންމާފައެވެ. އެ މަސައްކަތަށް ބާރު ދެނީ ޓްރަމްޕް ސޮއިކޮށް ނެރުއްވާފައިވާ ޢަމުރެކެވެ. އެ ޢަމުރުގެ ދަށުން އީރާނާއެކު ވިޔަފާރިކުރާ ޤައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން 25 އިންސައްތައިގެ ޓެރިފެއް ނަގާނެއެވެ. އެ ނިންމުމުގެ ސަބަބުން އީރާނާއެކު ވިޔަފާރިކުރާ ޗައިނާ ފަދަ ޤައުމުތަކަށް އަސަރުކުރާނެއެވެ. އީރާނުން އުފައްދާ ތެލުގެ 80 އިންސައްތައަށް ވުރެ ބޮޑު ބައެއް ގަންނަނީ ޗައިނާއިންނެވެ.
އީރާނަށް ފިއްތުންތައް ކުރިމަތި ކުރުވުމަށް އެމެރިކާއާއި ޔަހޫދީން އެއްބަސްވާ ނަމަވެސް ދުރު ރާސްތާގައި ޢަމަލުކުރާނެ ގޮތަކަމެދު ދެ ފަރާތުގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އެބަހުއްޓެވެ. ޓްރަމްޕް ވަނީ އީރާނާއެކު އެއްބަސްވުމަކާ ހަމައަށް އާދެވިދާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ނަތަންޔާހޫ ދަނީ އެމެރިކާއިން އީރާނާއެކު އެއްބަސްވުމެއް ޤާއިމް ކުރުމަކީ ބޭކަރު ކަމެއް ކަމަށް ޓްރަމްޕް ގާތުގައި ބުނަމުންނެވެ. ޔަހޫދީން ބޭނުންވަނީ އީރާނާއި އެމެރިކާއިން ސީދާ ހަނގުރާމައަކަށް ދިޔުމަށް ކަމަށް ބެލެވެއެވެ.
އެނގިފައިވާ ގޮތުގައި އެމެރިކާއިން ބޭނުންވަނީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓައިލުމަށެވެ. އަދި އީރާނުން މިހާރު މުއްސަނދިކޮށްފައި ހުރި ޔުރޭނިއަމްގެ 450 ކިލޯ އެ ޤައުމުން ބޭރު ކުރާށެވެ. ނަމަވެސް ނަތަންޔާހީ ބޭނުންވަނީ އީރާނުން އެ ޝަރުތުތަކަށް އެއްބަސްނުވާނެ ފަދަ ހަރުކަށި ޝަރުތުތަކެއް ކަނޑައަޅާށެވެ. އެ ގޮތުން އީރާނުގެ ބެލިސްޓިކް މިސައިލް މަޝްރޫޢު ކުޑަކުރުމަށް ނުވަތަ ހުއްޓައިލުމަށް ޝަރުތު ކުރުމަށް ޔަހޫދީން ބޭނުންވެއެވެ. އަދި ސަރަޙައްދީ ޖަމާޢަތްތަކާއި އީރާނާ ދެމެދު އޮންނަ ގުޅުން ކަނޑުވައިލުމަށް ވެސް ޔަހޫދީން ބޭނުންވެއެވެ. ނަމަވެސް މިއީ އީރާނުން އެއްވެސް ޙާލަތެއްގައި ބަލައިނުގަންނާނެ ޝަރުތެއް ކަމަށް އެ ޤައުމުން އަބަދުވެސް ދަނީ ބުނަމުންނެވެ. އީރާނުން ކަނޑައެޅިގެން އެއްބަސްވުނާނެ މި ފަދަ ޝަރުތުތައް ކުރުމަށް ޔަހޫދީން ބާރުއަޅަނީ ހަނގުރާމައަށް ދިޔުމަށް ކަމަށް ދޭހަވެއެވެ.
އީރާނާ ދެކޮޅަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު އެމެރިކާއިން ދެމުން ދިޔަ ނަމަވެސްަ ޓްރަމްްޕް ގެންދަވަނީ އީރާނާއެކު މުއާމަލާތު ކުރައްވަމުންނެވެ. އީރާނާއި އެމެރިކާއާ ދެމެދު ފެބްރުއަރީ މަހުގެ 6ވަނަ ދުވަހު ޢުމާނުގައި ނުސީދާ މަޝްވަރާތައް ބާއްވާފައިވެއެވެ. ހަމަ އެ ދުވަހު ޓްރަމްޕް ވަނީ މަޝްވަރާގެ އައު ބުރެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އިޢުލާނުުކުރައްވައިފައެވެ. ސްވިޒަލެންޑުގެ ޖެނީވާގައި ފެބްރުއަރީ މަހުގެ 16ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ބައްދަލުވުމުގައި އެމެރިކާގެ ޚާއްޞަ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފްއާއި ޖާރެޑް ކުޝްނާ ބައިވެރިވެވަޑައިގަންނަވާނެއެވެ.