ޚަބަރު

ކުޅިވަރަށް ޚިދުމަތްކުރުމުގެ ޙާއްޞަ އެވޯޑު، ޕީއެސްއެމްގެ ސާއިދަށް


  • ސާއިދުއާ އެވޯޑު ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު

  • ސާއިދު މީޑިއާގައި މަސައްކަތްކުރާތާ 17 އަހަރު ވަނީ ވެފަ

  • އެންމެފުރަތަމަ މަސައްކަތްކުރީ ދިވެހިރާއްޖޭގެ އަޑުގައި

ރާއްޖޭގެ ކުޅިވަރަށް ޚިދުމަތްކުރުމުގެ ޙާއްސަ އެވޯޑު، ޕީއެސްއެމް ނިއުސްގެ ކުޅިވަރު އެޑިޓަރު، ސާއިދު އަޙްމަދަށް އަރުވައިފިއެވެ.

ކުޅިވަރު ނޫސްވެރިކަމުގެ މައިދާނުގައި ރާއްޖެއަށް އަގުނުކުރެވޭ ޚިދުމަތްތަކެއް ކޮށް، އަދި ކުރަމުން ގެންދާ ފަރާތެއްކަމުން، އެކަން ފާހަގަކޮށް، ދައުލަތުގެ ފަރާތުން ސާއިދުއަށް ސްޕެޝަލް ރެކޮގްނިޝަން އެވޯޑު ދީފައި ވަނީ، ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ބޭއްވި "މޯލްޑިވްސް ސްޕޯޓްސް އެވޯޑު 2024" ގެ ޙާއްސަ ޙަފްލާގެ ތެރެއިންނެވެ.

ސާއިދުއާ މި އެވޯޑު ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއުއެވެ.

ރާއްޖޭގައި މިވަގުތު ހުރި އެންމެ ފާޙަގަކޮށްލެވޭ ކުޅިވަރު ނޫސްވެރިއާ ސާއިދު ނޫސްވެރިކަމުގެ ހަޔާތް ފެށީ 2009 ވަނަ އަހަރުއެވެ. އޭނާ އެންމެފުރަތަމަ މަސައްކަތް ކުރީ ދިވެހިރާއްޖޭގެ އަޑުގައެވެ.

އުމުރުން އެންމެ 20 އަހަރުގައި މީޑިއާ ކެރިއަރު ފަށައި، 13 އަހަރު ވަންދެން ސާއިދު ވަނީ އުޖޫރައަކާ ނުލައި މި ދާއިރާއަށް ޚިދުމަތްކޮށްފައެވެ.

ޕީއެސްއެމް ނިއުސްއާ، "އެސިސްޓަންޓް ޕްރޮޑިއުސަރ" އެއްގެ ގޮތުގައި ސާއިދު ގުޅުނީ 2015 ވަނަ އަހަރުއެވެ.

ސާއިދު މި ދާއިރާއަށް ޚިދުމަތް ކުރާތާ މިހާރު 17 އަހަރު މިވަނީ ވެފައެވެ.

ސާއިދު ފާހަގަކުރެވެނީ ކުޅަދާނަ ކޮމެންޓޭޓަރެއްގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކާއި އެތުލީޓުންނާއި ކޯޗުންނާ ގާތް ގުޅުމެއް އޮންނަ ހުނަރުވެރި ނޫސްވެރިއެއްގެ ގޮތުގައެވެ.

މީގެ އަށް އަހަރު ކުރިން، 2018 ވަނަ އަހަރު ދެ ކިޑްނީ ފެއިލްވެ ދިމާވި ބަލިހާލަތާއެކު ވެސް އަދި އެފަހުން ކެންސަރުގެ ބަލިމަޑުކަން ކުރިމަތިވެ އެއިން އަރައިގަނެވެންދެން ވެސް އަދި އެފަހުން ވެސް ސާއިދު ގެންދަނީ މެދުކެނޑުމެއްނެތި، ކޮންމެ ހާލެއްގައި ވެސް، ކޮންމެ ވެސް ގޮތަކަށް ކުޅިވަރު ނޫސްވެރިއެއްގެ ގޮތުގައި ޚިދުމަތްކުރަމުންނެވެ.

ކުޅަދާނަ ހުށަހެޅުންތެރިއެއްގެ ގޮތުގައި ވެސް ފާހަގަކުރެވޭ ސާއިދު، ބަލިހާލަތު ހުރިގޮތުން ކެމެރާ ކުރިމައްޗަށް ނޭރުނު ދުވަސްތަކެއް ދިޔަ ނަމަވެސް، އެ ހާލަތާ އެކުވެސް ކެމެރާ ފުރަގަހުގައި ހުރެގެން އޭނާ ވަނީ އަގުނުކުރެވޭ ޚިދުމަތްތަކެއް ކޮށްފައެވެ.