މިޔަންމާގައި ކުރިއަށްދާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ވާދަކުރަން ރާއްޖޭގެ ޖޫނިއާ ގައުމީ ޓީމު މިޔަންމާއަށް ފުރައިފިއެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ގައުމީ ޖޫނިއާ ޓީމު އިއުލާންކޮށްފައިވާއިރު، ޖޫނިއާ ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސައިފައިވަނީ އަޙުމަދު ޝާކިރެވެ. މީގެ ކުރިން ވެސް ޝާކިރު ވަނީ އެކި ފަހަރުމަތިން ޖޫނިއާ ގައުމީ ޓީމުތަކަށް ކޯޗުކަން ކޮށްފައެވެ.
ޝާކިރުގެ އެސިސްޓެންޓުކަމުގައި މި ފަހަރުގެ ކޮލިފިކޭޝަނުގައި މަސައްކަތް ކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއެކު އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރި ކޯޗު އިބްރާޙީމް ސަޢީދު (ކަކާ)އެވެ.
އޭއެފްސީއިން ވަނީ ކޮލިފައިންގެ އޮނިގަނޑަށް ބަދަލު ގެނަސްފައެވެ. އެގޮތުން މި ފަހަރުގެ ކޮލިފިކޭޝަން ކުރިއަށްދާނީ ދެ ފޭހަކަށް ބަހާލައިގެންނެވެ. ފޭސް އެކެއްގައި ކުޅޭނީ ޑިވެލޮޕްމަންޓް ފޭސްގެ މެޗުތަކެވެ. އެއީ ދަށު ރޭންކުގެ މެޗުތަކެވެ. އަދި ފޭސް ދޭއްގައި ކުޅޭނީ މަތީ ރޭންކުގެ ގައުމުތަކާއެވެ.
ރާއްޖެ ހިމެނެނީ ޑިވެލޮޕްމަންޓް ފޭސްގައެވެ. ޑިވެލޮޕްމަންޓް ފޭސްގައި ތިން ގްރޫޕް އޮތްއިރު، ރާއްޖޭ ލައްވާލި ގްރޫޕްގައި ހިމެނެނީ ރާއްޖޭގެ އިތުރުން މިޔަންމާ، ސްރީލަންކާއާއި ދާރުއްސަލާމެވެ. ޑިވެލޮޕްމަންޓް ސްޓޭޖުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމަށް އޭޝިއަން ކަޕް ކޮލިފިކޭޝަން ފޭހުން ޖާގަ ލިބޭނެއެވެ.