13 ވަނަ މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ދިވެހި ސިފައިންގެ ކުލަބުގެ ހަސަން ސާއިދު އަދި އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ޓްރެކް އެންޑް ފީލްޑްގެ އައިޝަތު ސާޔާ ޝަފީއު ހޯދައިފިއެވެ.
ސާއިދު ވަނީ 100 މީޓަރާއި 200 މީޓަރު ރެލީން ރަން މެޑަލް ހޯދާފައެވެ. ސާއިދުވަނީ 200 މީޓަރު ރިލޭގެ މީޓް ރިކޯޑް އައުކޮށްފައެވެ. ސާއިދު 200 މީޓަރު ރެލީގެ މީޓް ރިކޯޑް އައުކޮށްފައިވަނީ 21.48 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ސާޔާ ވަނީ ޑިސްކަސް ތްރޯ އާއި ޝޮޓްޕުޓްއިން ރަންމެޑަލް ހޯދާފައެވެ. އަދި ޝޮޓްޕުޓްގެ މީޓް ރިކޯޑް ހަދާފައެވެ. ސާޔާ ޝޮޓްޕުޓްގެ މީޑް ރިކޯޑް އައުކޮށްފައިވަނީ 9.46 މީޓަރު ދުރަށް ޝޮޓްޕުޓް އެއްލައިގެން 10 ޕޮއިންޓާއެކުގައެވެ.
16 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ ނަސީރު ސްޕޯޓްސް އިބްރާހިމް މިގްދާމް ނަޒީމްއެވެ. އޭނާ ވަނީ 100 މީޓަރު ޓްރިޕްލް ޖަމްޕް އިވެންޓުން ރަންމެޑަލް ހޯދާ މީޓް ރިކޯޑް ހަދާފައެވެ. އޭނާ މީޓް ރިކޯޑް ހެދީ 11.3 މީޓަރު ދުރަށް ފުންމައިގެންނެވެ.
16 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ޝަރީފް ސްޕޯޓްސްގެ އައިމިނަތު އަހުހާ އަބްދުއްރަޙްމާނެވެ. އޭނާ ވަނީ 100 މީޓަރާއި 200 މީޓަރު ރިލޭ އަދި ލޯންގް ޖަމްޕުން ރަން މެޑަލް ހޯދާފައެވެ. އަދި ލޯންގް ޖަމްޕްގެ މީޓް ރިކޯޑް ހަދާފައެވެ. އައުހާ މީޓް ރިކޯޑް ހެދީ 4.54 މީޓަރު ދުރަށް ފުންމައިގެންނެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުގެ އަހަރުގެ ފުރަތަމަ މުބާރާތް މައިލޯ އެސޯސިއޭޝަން ޗެންޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
މިމަހުގެ 12 އިން 14 އަށް ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކްގައި 17 ޓީމަކުން 236 އެތުލީޓުން ބައިވެރިވިއެވެ.