ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ދެމެދު ކުރިން ގުޅުން ގޯސްވެފައި އޮތް މައްސަލަތައް މިހާރުވާނީ ހައްލުކޮށްފައި ކަމަށް އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޠާރިޤް ވިދާޅުވީ އެއީ އެފްއޭއެމްއިން ސާފަށް ނުދައްކާ އޮތް 75 ހާހެއްހާ ޑޮލަރުގެ މައްސަލަ ކަމަށެވެ.
"އެއީ ހަތްދިހަ ފަސްހާހެއްހާ ޑޮލަރު ސާފަށް އެފްއޭއެމުން ނުދައްކާ އޮތް މައްސަލަވެސް އަޅުގަނޑުމެން ހައްލުކޮށް އިތުރަށް ސާފާއި ގުޅުން ބަދަހިކޮށް މި މުބާރާތް ރާއްޖޭގައި ހޯސްޓް ކުރުމުގެ ފުރުސަތު މި ލިބުނީ" ޠާރިޤް ވިދާޅުވިއެވެ. ޠާރިޤް ވިދާޅުވީ ސާފުން މިއަހަރުގެ މުބާރާތްތަކަށް ހުޅުވާލުމުން ރާއްޖޭން ތައްޔާރުވީ 20 އަހަރުން ދަށުގެ މުބާރާތް ރާއްޖޭގައި ހޯސްޓް ކުރުމަށް ކަމަށެވެ.
އިންޑިއާއިންވެސް އެ މުބާރާތް ހޯސްޓް ކުރުމަށް ޝައުޤުވެރިކަން ފާޅުކުރިކަމަށާއި، އެހެންނަމަވެސް ސާފުގެ އެކްސްކޯއިން އެ ފުރުސަތު ދިނީ ރާއްޖެއަށްކަން އޭނާ ފާހަގަކުރެއްވިއެވެ. މިހާރު ކުރިޔަށްދާ ޑައިމަންޑް ޖުބުލީ ފުޓްބޯޅަ މުބާރާތް ރޭވީ ސާފްގެ 20 އަހަރުން ދަށުގެ މުބާރާތަށް ފޯކަސްކޮށްގެންނެވެ. ޠާރިޤް ފާހަގަކުރެއްވި ގޮތުގައި ސާފް ޗެމްޕިއަންޝިޕަކީ ޤައުމުގެ ރައްޔިތުންގެރޫހު އާލާވާ މުބާރާތަކަށް ވާނެކަމަށެވެ.
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ ގުރޫޕް އޭގައެވެ. މި ގުރޫޕުގައި ދެން ހިމެނެނީ ނޭޕާލް، ބޫޓާން އަދި ސްރީލަންކާއެވެ. ގްރޫޕް ބީގައި ހިމެނެނީ ބަނގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާނެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް އޮންނާނީ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.
މުބާރާތުގައި ރާއްޖެއިން އެންމެ ފުރަތަމަ ނިކުންނާނީ 23 މާޗް ވާ ހޯމަ ދުވަހުގެ ރޭ 20:30 ގައި ސްރީލަންކާއާއި ދެކޮޅަށެވެ. ރާއްޖޭގެ ދެވަނަ މެޗު އޮންނާނީ 25 މާޗްގައި ބޫޓާނާއި ދެކޮޅަށެވެ. ތިން ވަނަ މެޗު އޮންނާނީ 27 މާޗްގައި ނޭޕާލާއި ދެކޮޅަށެވެ. މުބާރާތުގެ ސެމީ ފައިނަލް އޮންނާނީ 1 އޭޕްރީލްގައެވެ. ފައިނަލް މެޗު އޮންނާނީ 3 އޭޕްރީލްގައެވެ.