ޚަބަރު

ރަށްރަށަށް ސީޕްލޭން: ފަތުރުވެރިކަމާއި، އިޤްތިޞާދީ ކުރިއެރުން


  • 2 ރަށަކަށް ވަނީ ޚިދުމަތް ފަށާފައި

  • ފަތުރުވެރިކަމަށް ގިނަ ކުރިއެރުންތަކެއް ލިބޭނެ

  • ރައްޔިތުންނަށްވެސް ގިނަ ލުއިތަކެއް ލިބިގެންދާނެ

ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތަކީ، ހަރުދަނާ އަދި އިތުބާރު ހުރި ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި އެއްގަމާއި، ކަނޑާއި، އަދި ވައިގެ މަގުން ދަތުރުފަތުރުގެ ލުއިފަސޭހަކަން ޤާއިމުކުރުމަށް ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. މި ނިޒާމުގެ ތެރެއިން ސީޕްލޭންގެ ޚިދުމަތަކީ ރާއްޖޭގެ ޖޯގްރަފީއަށް ބަލާއިރު ނުހަނު މުހިންމު އަދި ފާހަގަކޮށްލެވޭ ޚިދުމަތެކެވެ.

ސީޕްލޭންގެ ޚިދުމަތް މިހާރުވެސް ބައެއް ރަށްތަކުގައި ފޯރުކޮށްދެމުންދާއިރު، ސަރުކާރުގެ އަމާޒަކީ މި ޚިދުމަތް އިތުރަށް ފުޅާކޮށް، ގިނަ ރަށްތަކަކަށް މި ފަސޭހަކަން ފޯރުކޮށްދިނުމެވެ. މިއީ ރަށްރަށުގެ އިޤްތިޞާދީ ދުވެލި ހަލުވިކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި، ރައްޔިތުން އެންމެ ބޮޑަށް އެދެމުންދާ އެއް ކަމަކީ އެ ރަށްރަށުގައި ސީޕްލޭންގެ ޚިދުމަތް ޤާއިމުކޮށްދިނުމަށެވެ. ރައްޔިތުންގެ މި ބޭނުންތަކަށް އިޖާބަދެއްވައި، ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ އެ ވަޢުދުފުޅުތައް ފުއްދަވައިދެއްވަމުންނެވެ. އެގޮތުން، އެންމެ ފަހުން ސީޕްލޭން މި ޚިދުމަތް ފަށާފައިވަނީ އއ. ތޮއްޑޫގައެވެ.

"މިރަށަށް ހާއްސަ ސީޕްލޭން ޕްލެޓްފޯރމް ޤާއިމްކުރެވި އެކަމަށް ބޭނުންވާ ހުރިހާ ތައްޔާރީތައްވެ މި އަންނަ އަހަރުގެ ފެބްރުވަރީމަހުން ފެށިގެން ޝެޑިއުލް ސީޕްލޭންގެ ފްލައިޓްތައް މިރަށައް ފަށާނަން" ރައީސް ވިދާޅުވިއެވެ.

ފަތުރުވެރިކަން އަދި އިޤްތިޞާދީގޮތުން ކުރިއެރުން:

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ މި ދަނޑިވަޅުގައި، ރައްކާތެރި އަދި އިތުބާރު ހުރި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުވެފައި އޮތުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް، ނ. ވެލިދޫ އަދި އއ. ތޮއްޑޫގައި ސީޕްލޭންގެ ހިދުމަތް މިހާރު ވަނީ ފަށާފައެވެ. މި ދެ ރަށަކީވެސް ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ، މަގުބޫލު ދެ މަންޒިލެވެ.

އަހަރުގެ ހުރިހައި މޫސުމެއްގައިވެސް މި ރަށްތަކަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާއިރު، އަލަށް ފެށުނު ސީޕްލޭން ޚިދުމަތާއެކު އެ ސަރަހައްދުތަކަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެއެވެ. ހާއްސަކޮށް ހުޅަނގު މޫސުމުގެ ކަނޑުގަދަ ދުވަސްވަރު ކަނޑުމަގުން ކުރާ ދަތުރުތަކަކީ ބޮޑު ތަކުލީފަކަށް ވީނަމަވެސް، ސީޕްލޭންގެ ސަބަބުން އެ އުނދަގޫތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ފަތުރުވެރިންނަށް ފަސޭހައިން ރަށްރަށަށް ދެވޭނެ މަގު ފަހިވުމަކީ ރަށްރަށުގެ ގެސްޓްހައުސް ވިޔަފާރިތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ސީޕްލޭންގެ ހިދުމަތަކީ އިތުބާރު ހުރި އަދި އަމާން ދަތުރުފަތުރުގެ ވަސީލަތެއްގެ ގޮތުގައި ރައްޔިތުން ބަލައިގަނެފައިވާއިރު، މިއީ ހަމައެކަނި ފަތުރުވެރިކަމަށް އޮތް ފުރުސަތެއް ނޫނެވެ. ބަލިމީހުން އުފުލުމާއި، ޒަރޫރީ އެކި ބޭނުންތަކަށް ކުރާ ދަތުރުތަކަށްވެސް މިހާރު ވަނީ ބޮޑު ލުޔެއް ލިބިފައެވެ. އެހެންކަމުން، މި ރަށްތަކުގެ ރައްޔިތުން މި ހިދުމަތް ބަލައިގަތީ ނުހަނު ޝުކުރުވެރިކަމާއި އުފާވެރިކަމާއެކުގައެވެ.

"މިރަށަކަކީ ފަތުރުވެރިރަށަކަށް ވާއިރު މި ހިދުމަތާއެކު މިރަށަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ، އަދި އަޅުގަނޑުމެން ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގުފަހިވުމަކީ އަޅުގަނޑުމެން އެދެމުންދިޔަކަމެއް" ތޮއްޑޫ ރައްޔިތުން ފާހަގަކުރިއެވެ.

ލޯކަލް ޓުއަރިޒަމް ކުރިއަރާފައިވާ މި ފަދަ ސަރަހައްދުތަކަށް ސީޕްލޭންގެ ހިދުމަތް މުހިންވާއިރު މިކަމަކީ އެެރަށްތަކުގެ އިޤްތިޞާދަށްވެސް މީގެ ސަބަބުން ކުރިއެރުން އަންނާނެކަމެއްކަން ފާހަގަކުރެއެވެ. ރައްޔިތުންގެ ފުއްދުންތެރިކަން އިތުރުވެ ރަށުގެ ކުދިން އަދި މެދުފަންތީގެ ވިޔަފާރި ކުރިއަރައި ދިޔުމަށް މަގުފަހިވާނެއެވެ. މިކަމަކީ ރައްޔިތުން މާލީ ގޮތުން ބާރުވެރިވުމާއެކު ރަށުގެ ތަރައްޤީއަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން ރަށަށް އިތުރު ކުރިއެރުންތައް ލިބި، އާމްދަނީ ލިބޭނެ މަގުތައް ފަހިވެގެންދާނެއެވެ.

ޙިދުމަތް ފުޅާކުރުމަށް މޯލްޑިވިއަނުން ކުރާ މަސައްކަތް:

މޯލްޑިވިއަނުން ދަނީ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސީޕްލޭންގެ ޚިދުމަތް މީހުން ދިރިއުޅޭ ރަށްރަށުގައި ފަށަމުންދާއިރު، ދާދި ފަހުން ވަނީ
ރާއްޖޭގެ ދެކުނުގެ 4 އަތޮޅު ވައިގެ ދަތުރު ފަތުރުގެ ނިޒާމަކުން ގުޅާލާފައެވެ.

މި ދަތުރުތަކާއިއެކު ދެކުނުގެ 4 އަތޮޅުގެ ރައްޔިތުން ބޭސްފަރުވާއާއި، ތައުލީމާއި، އެނޫންވެސް ބޭނުންތަކަށް އެއް އަތޮޅުން އަނެއް އަތޮޅަށް ކުރަމުން ދިޔަ ދަތުރުތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. މިއީ އާންމު ރައްޔިތުންގެ ދިރިއުޅުން ފަސޭހަވެ އެ ފަރާތްތަކަށް އުފާވެރިކަން ގެނުވި ކަމަކަށް ވަނީ ވެގެންގޮސްފައެވެ.