ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ސުރިޔާގައި ވެރިކަން ކުރާ ޖަމާޢަތް، ހައިޔަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް) ސަރުކާރުގެ ރައީސް އަޙްމަދު އަލް-ޝަރާޢު އާއި ވަޒީރުންގެ މަޖިލީހުގެ އިސް ދެ މެމްބަރަކު މަރާލަން، ސޫރިޔާގައި ޙަރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތް އައިއެސްގެ ފަސް ރޭވުމެއް ނާކާމިޔާބުކޮށްލާފައިވާ ކަމަށް އދގެ ރިޕޯޓެއްގައި ބުނެފިއެވެ.
ސޫރިޔާގެ އިންތިޤާލީ ސަރުކާރު ވައްޓާލައި، މުޅި ޤައުމުގެ ހަމަނުޖެހުން ނަގައިލަން އައިއެސް ޖަމާޢަތުގެ ނުރައްކާ އަދިވެސް ބޮޑުކަމަށް އދގެ ކައުންޓަރ ޓެރަރިޒަމް އޮފީހުން ނެރުނު ކަރުދާހުން ވަނީ ހާމަވެފައެވެ.
ޝަރާޢުގެ އިތުރުން ދާޚިލީ ވަޒީރު އަނަސް ޙަސަން ޚައްޠާބާއި ޚާރިޖީ ވަޒީރު އަސަދު އަލް ޝައިބާނީ މަރާލަން ވެސް އައިއެސްއިން ރޭވިކަމަށް އެ ކަރުދާހުގައި ބުނެފައިވެއެވެ.
މި ޙަމަލާތައް ރޭވި ސީދާ ތާރީޚުތައް އެ ކަރުދާހުގައި ހާމަކޮށްފައިނުވިނަމަވެސް، އެ ޙަމަލާތައް ދިނުމަށް ރޭވި ސަރަޙައްދުތަކުގައި ތެރޭގައި ޚަލަބް ވެސް ހިމެނެއެވެ.
އެ ޙަމަލާތައް ދިނުމަށް އައިއެސްއިން ރާވާފައިވަނީ އެހެން ނަމެއްގައި އުފައްދާފައިވާ ޚާއްޞަ ޖަމާޢަތެއް މެދުވެރިކޮށެވެ. އެއީ އެ ޙަމަލާ ކާމިޔާބުވިޔަސް، އައިއެސްއަށް ސީދާ ތުހުމަތު ޢަމާޒުވުން ހުއްޓުވުމުގެ ބޭނުމުގައި ކަމަށް އެ ކަރުދާހުގައި ބުނެފައިވެއެވެ.
އެޗްޓީއެސުން ސޫރިޔާގެ ވެރިކަމާ ޙަވާލުވެފައިވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ވެރިކަމުން ދުރުކުރުމާ އެކު، 13 އަހަރަށް ދެމިގެންދިޔަ ސޫރިޔާގެ އަހުލީހަނގުރާމައަށް ވެސް ވަނީ ނިމުމެއް އައިސްފައެވެ.
އަސަދުގެ ވެރިކަން ވެއްޓުމަށްފަހު، އައިއެސް ޖަމާޢަތުގެ ބާރުގެ ދަށުގައި ހުރި ގިނަ ސަރަޙައްދުތައް އެ ޖަމާޢަތަށް ވަނީ ގެއްލިފައެވެ. ނަމަވެސް، އިރާޤާއި ސޫރިޔާގައި އެ ޖަމާޢަތުގެ 3،000 އެއްހާ ހަނގުރާމަވެރިން ޙަރަކާތްތެރިވަމުންދާކަމަށް އދއިން ލަފާކުރެއެވެ.
އޭގެތެރެއިން ގިނަ ހަނގުރާމަވެރިން ޙަރަކާތްތެރިވަނީ ސޫރިޔާގައި ކަމަށްވެސް އދއިން ބުނެފައިވެއެވެ.