ޞިއްޙީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަތުމާ ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯއިން އެމަނިކުފާނަށް މަރުޙަބާ ދަންނަވައިފިއެވެ.
ޑަބްލިއުއެޗްއޯއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާގެ މަޝްހޫރު ޓައިމް މެގަޒިނުން އެކުލަވާލި ޞިއްޙީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަތުމަކީ، ބަލިތަކުން ރައްކާތެރިވުމަށާއި އާންމު ޞިއްޙަތު އިޞްލާޙުކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ހިތްވަރުގަދަ ލީޑަރޝިޕް މުޅި ދުނިޔެއިންވެސް ބަލައިގަތް ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.
މީގެ އިތުރުން، ރާއްޖެއާއެކު އޮތް ވަރުގަދަ ގުޅުން ކުރިއަށް ގެންދިއުމަށް އެ ޖަމްޢިއްޔާއިން އުންމީދުކުރާ ކަމަށްވެސް ޑަބްލިއުއެޗްއޯގެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.
Congratulations to His Excellency President Dr @MMuizzu on being named among @TIME 100 Most Influential People in Health 2026; a recognition of bold leadership in advancing preventive care and public health reform.
— WHO Maldives (@WHOMaldives) February 12, 2026
WHO looks forward to continuing our strong partnership 🌎 pic.twitter.com/y2N6BQ3PyB
ޓައިމް މެގަޒިނުން ރައީސުލްޖުމްހޫރިއްޔާ މި ލިސްޓުގައި ހިމަނާފައިވަނީ އާންމު ޞިއްޙަތުގެ ދާއިރާއަށް އެމަނިކުފާނު ދެއްވާ ޚާއްޞަ އިސްކަމާއި ސަމާލުކަމުގެ ސަބަބުންނެވެ. ވަކިން ޚާއްޞަކޮށް، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ރާއްޖެއިން ތައާރަފްކުރި "ޖެނަރޭޝަން ބޭން" ސިޔާސަތު އެ މެގަޒިނުން ވަނީ ފާހަގަކޮށްފައެވެ. މިއީ 2007 ވަނަ އަހަރުގެ ޖެނުއަރީގެ ފަހުން އުފަންވި އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި ބޭނުންކުރުން މަނާކުރާ ސިޔާސަތެކެވެ.
މީގެ އިތުރުން، ރާއްޖޭގައި ވޭޕާއި އީ-ސިނގިރޭޓް އެތެރެކުރުމާއި ވިއްކުން މަނާކުރުމަށް ނިންމެވި ނިންމެވުމަކީވެސް ރައީސްގެ ދުޅަހެޔޮ ސިޔާސަތުގެ ދަށުން ފާހަގަކޮށްފައިވާ މުހިންމު ކަމެކެވެ. ސަރުކާރުން ވަނީ ކޮންމެ ރަށެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވާ ކްލިނިކްތަކާއި، 24 ގަޑިއިރު ޚިދުމަތްދޭ ނަފްސާނީ އެހީގެ ހެލްޕްލައިނެއްވެސް ޤާއިމްކޮށްފައެވެ.
ރާއްޖެއަކީ މާބަނޑު އަންހެނުންގެ ފަރާތުން ދަރިންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ފެތުރުން އެއްފަހަރާ ނައްތާލި ފުރަތަމަ ޤައުމުކަން ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާކަންވެސް ޓައިމް މެގަޒިނުން ފާހަގަކުރެއެވެ. ދުންފަތާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، ދާދިފަހުން ޑަބްލިއުއެޗްއޯގެ ޚާއްޞަ އެވޯޑެއްވެސް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުވާފައެވެ.
ރައީސް ޑރ. މުޢިއްޒު 2023 ވަނަ އަހަރު މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކައި އަޅުއްވަމުންދާ މިފަދަ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ބައިނަލްއަޤުވާމީ ދުނިޔޭގެ އިޙްތިރާމާއި ތައުރީފު ރާއްޖެއަށް ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.