ޚަބަރު

މިއަހަރުގެ އެސޯސިއޭޝަން ޗެންޕިއަންޝިޕުގައި 17 ޓީމަކުން 236 އެތުލީޓުން


  • 13 ވަނަ މައިލޯ އެސޯސިއޭޝަން ޗެންޕިއަންޝިޕު ކުރިއަށްދާނީ މިމަހުގެ 12 އިން 14 އަށް

  • މުބާރާތް ކުރިއަށްދާނީ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކްގައި

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ 13 ވަނަ މައިލޯ އެސޯސިއޭޝަން ޗެންޕިއަންޝިޕު މިއަދު ފަށައިފިއެވެ. މިމުބާރާތުގައި 17 ޓީމަކުން 236 އެތުލީޓުން ދަނީ ވާދަކުރަމުންނެވެ.

މިމުބާރާތް ކުރިއަށްދާނީ މިމަހުގެ 12 ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށް ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކްގައެވެ. ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި ވާދަކުރާ އުމުރުފުރާތަކަކީ 16 އަހަރުންދަށާއި އަދި 16 އަހަރުން މައްޗެވެ. މި މުބާރާތުގެ އިވެންޓުތައް ކޮންމެ ދުވަހެއްގެ ދެދަންފަޅިއަށް ތާވަލުކޮށްފަވާއިރު ޖުމްލަ 56 އިވެންޓު ކުރިއަށްދާނެއެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކުރާ މިމުބާރާތަކީ ކާމިޔާބުކަމާއިއެކު ބާއްވަމުން އަންނަ މުބާރާތަކަށްވާއިރު، ކޮންމެ އަހަރަކުވެސް މިމުބާރާތަށް ލިބެމުން އަންނަ ތަރުހީބު އަންނަނީ ބޮޑުވަމުންނެވެ. މުބާރާތުގެ ސަބަބުން ކުލަބުތަކުގެ މެދުގައި ވާދަވެރިކަން އުފެދި، ދުރާލާ މުބާރާތަށް ތައްޔާރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. އަދި މިފަދަ މިމުބާރާތްތަކުގެ ސަބަބުން ހުނަރުވެރި އައު އެތުލީޓުން އަންނަނީ އުފެދެމުންނެވެ.