ޚަބަރު

ކޮޕާ ޑެލްރޭ: އެތުލެޓިކް ކްލަބް ބަލިކޮށް ސޮސިއެޑާޑް ފައިނަލްގެ އުއްމީދުގައި


  • މެޗުން ސޮސިއެޑާޑް މޮޅުވީ 0-1 އިން

  • ސެމީގެ ދެވަނަ ލެގު އޮންނާނީ މާރިޗު 5 ގައި

ކޮޕާ ޑެލްރޭގެ ސެމީ ފައިނަލުގައި ރެއާލް ސޮސިއެޑާޑާއި އެތުލެޓިކް ކްލަބުގެ ކުރިމަތިލުން ފެނިގެންދިޔަ ފުރަތަމަ ލެގުން މޮޅުވެ، ސޮސިއެޑާޑުން ފައިނަލްގެ އުއްމީދު ބޮޑުކޮށްފިއެވެ.

މި މެޗުން ސޮސިއެޑާޑް މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވެސް އާދައިގެ، ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ހަމަލާތައް އުފެއްދި މިންވަރު ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކޮށެވެ،

އެގޮތުން މެޗުގައި ސޮސިއެޑާޑުން 13 ހަމަލާއެއް އުފެއްދިއިރު އެތުލެޓިކް އިން 12 ހަމަލާއެއް އުފައްދާފައިވެއެވެ. ސޮސިއެޑާޑުން މީގެތެރެއިން ހަ ހަމަލާއެއް އޮން ޓާގެޓަށް ފޮނުވާލިއިރު އެތުލެޓިކްގެ ތިން ހަމަލާއް ވަނީ ގޯލާ އަމާޒުވާގޮތަށް ފޮނުވާލާފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ، ދެވަނަ ހާފުގައި، މެޗުގެ 62 ވަނަ މިނެޓުގައި ސޮސިއެޑާޑުން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބެނާޓް ޓުރިއެންޓެސްއެވެ.

މި މޮޅާއެކު ރެއާލް ސޮސިއެޑާޑުން ފައިނަލުގެ އުއްމީދު ބޮޑުކުރިއިރު މި ދެ ޓީމު ވާދަކުރާ ސެމީ ފައިނަލުގެ ދެވަނަ ލެގު އޮންނާނީ މާޗު މަހުގެ ފަސްވަނަ ދުވަހުއެވެ.

ކޮޕާ ޑެލްރޭގެ ސެމީގެ ދެވަނަ މެޗުގެ ފުރަތަމަ ލެގުގައި މިރޭ ބާސެލޯނާއާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރާނެއެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 01:00 ގައެވެ.