ކޮޕާ ޑެލްރޭ ސެމީ ފައިނަލުގައި މިރޭ އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ބާސެލޯނާގެ މުހިންމު ދެ ކުޅުންތެރިންނަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.
މި ދެ ކުޅުންތެރިންނަކީ ބްރެޒިލްގެ ފޯވަޑް ރަފީނިއާ އާއި އިނގިރޭސި ފޯވަޑް މާކަސް ރަޝްފޯޑެވެ. މި ދެ ކުޅުންތެރިންނަށް ވެސް ލިބިފައިވާ ހާނިއްކައިގެ ސަބަބުން އެންމެ ފަހުގެ ޕްރެކްޓިސް ވަނީ ކެންސަލް ކޮށްފަ އެވެ.
ކޯޗު ހަންސީ ފްލިކް ބުނީ ރަފީނިއާ އާއި ރަޝްފޯޑަކީ ވެސް ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށާއި ދެ ކުޅުންތެރިން މި މެޗުގައި ފެނުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ.
"ކިރިޔާ ފުރުސަތެއް އޮތަސް އަހަރުމެން އެ މީހުންނަށް ޖާގަ ދޭނެ. އެކަމަކު މިވަގުތު މެޑިކަލް ސިޓުއޭޝަނަށް ބަލާއިރު އެ މީހުންނަށް މި މެޗުގައި ނުކުޅެވޭނެ. ދެން ޖެހޭ އެތަނަށް ނެރޭ ކުޅުންތެރިން އެ ބައި ފޫބައްދަން،" ފްލިކް ބުންޏެވެ.
އެތްލެޓިކޯގެ ދަނޑުގައި ކުޅޭ މެޗަށް ބާސެލޯނާއިން ފުރަތަމަ 11ގައި ނެރޭނެ ކަމަށް ބެލެވޭ ދެ ކުޅުންތެރިންނަކީ ފެރަން ޓޮރޭޒް ނުވަތަ ރޫނީ ބާޖީ އެވެ.
މިރޭގެ މެޗުގެ ކުރިން އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވެފައިވަނީ ބާސެލޯނާގެ ކެޕްޓަން ރޮނަލްޑް އަރައުހޯ އަށެވެ. އޭނާ ބުނެފައިވަނީ އެންމެ މޮޅު ކުޅުންތެރިން ކުޅޭނީ ބާސެލޯނާ އަށް ކަމަށެވެ. މިއީ އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވަޑް ހޫލިއަން އަލްވަރާޒް އަށް އަމާޒުކޮށް އަރައުހޯ ދެއްކި ވާހަކަ އެކެވެ. އަލްވަރާޒަކީ ކުރިއަށް އޮތް ސީޒަނުގައި ބާސެލޯނާ އަށް ގެންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވިފައިވާ އެއް ކުޅުންތެރިޔާ އެވެ.
އަރައުހޯ މިހެން ބުނީ އަލްވަރާޒްގެ އެޖެންޓް ބާސެލޯނާއާ އެއްވެސް ވަރަކަށް މަޝްވަރާ ކޮށްފައިވާ ނުވާ ކަމަށް ބުނުމުންނެވެ. އަރައުހޯގެ މި ވާހަތަކާ ގުޅިގެން އެތްލެޓިކޯއިން ބުނީ މިއީ މުހިންމު މެޗެއްގެ ކުރިން ދެކެވިގެންވާނެ ވާހަކަ އެއް ނޫން ކަމަށާއި މިއީ ގަސްތުގައި މެޗަށް ނޭދެވޭ އަސަރު ފޯރިވުމުގެ ގޮތުން އަރައުހޯ ދެއްކި ވާހަކައެއް ކަމަށެވެ.