ޚަބަރު

ލިވަޕޫލް އަތުން ބަލިވެ ސަންޑަލޭންޑްގެ ރެކޯޑް ނިމުމަކަށް


އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަނުގައި އަމިއްލަ ދަނޑުގައި މެޗަކުން ބަލިނުވެ ސަންޑަލޭންޑް ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އައިސްފި އެވެ.

ސަންޑަލޭންޑްގެ މި ރެކޯޑް ނިމުމަކަށް އައިސްފައިވަނީ ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން އެ ޓީމު ބަލިވުމާއި ގުޅިގެންނެވެ.

މި ސީޒަނުގައި ރަގަޅު ނަތީޖާތަކެއް ހޯދުމުގައި ދަތި ތަކާއި ކުރިމަތިވެފައިޥާ ލިވަޕޫލް އިން މި މެޗުގައިވަނީ ރަގަޅު ކުޅުމެއް ދައްކާ ސަންޑަލޭންޑްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްގެ ފްލޯރިއަން ވާރޓްޒް އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.

ލިވަޕޫލްގެ ކޯޗު ސްލޮޓް އަށް މެޗުގެ ދެވަނަ ހާފުގައިވަނީ އުނދަގޫ ތަކަކާއި ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން ސަސްޕެންޝަނުގެ ސަބަބުން މި މެޗުގައި ނުކުޅެވުނު ޑޮމިނިކް ސޮބޮޒްލާއީގެ ބަދަލުގައި ކުޅެން އެރުވި ވަޓަރޫ އެންޑޯ އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށްފަ އެވެ. މިއީ އެންޑޯ އަށް މި ސީޒަނުގައި ލިވަޕޫލްގެ ފުރަތަމަ ޓީމުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

މި މެޗުގައި ލިވަޕޫލް އިން ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ 61 ވަނަ މިނިޓުގައި ޑިފެންޑަރ ވެންޑައިކް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

މި ނަތީޖާ އާއިއެކު ލިވަޕޫލް އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 26 މެޗުން ލިބިފައިވާ 42 ޕޮއިންޓާއެކު ތާވަލުގެ ހަވަނަ މަގާމު ލިބިފަ އެވެ. ސަންޑަލެންޑް އަށް ލިބިފައިވާ 36 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 11 ވަނައިގަ އެވެ.