ޚަބަރު

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ނިންމާލައިފި


ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭ ރޯދަ ހަދިޔާ ގްރޭޓަރ މާލެ ސަރަޙައްދުގައި ދޫކުރުމުގެ މަސައްކަތް ނިންމާލާފައިވާކަމަށެވެ.

ނަމަވެސް އެއްވެސް ސަބަބަކާހުރެ މިހާތަނަށް ރޯދަ ހަދިޔާ ހޯއްދަވާފައިނުވާ ފަރާތްތަކަށް ވެސް މުލަ ރޯދަ ދުވަހާ ހަމައަށް މާލޭގައި ހުންނަ މިފްކޯ މަރުކަޒުން ރޭގަނޑު 8.30 ން 11.00 ށް ދޫކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތުގައި އުޅުނު ހުރިހާ ފަރާތްތަކަށްވެސް ޝުކުރު އަދާކޮށްފައެވެ.

ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި 15 ތަނެއްގައި މަސްދަޅުކޭސް ބެހުމުގެ މަސައްކަތް ވަނީކޮށްފައެވެ. ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރާ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް މާލޭ ސަރަޙައްދުގައި ފެށީ މިދިޔަ މަހުގެ 24ވަނަ ދުވަހުގައެވެ.

ރޯދަމަހަށް ޚާއްޞަކޮށްގެން ގޭބިސީތަކަށް މިފަހަރުވެސް ބެހީ 48 ދަޅުގެ މަސްދަޅު ކޭހެވެ. މި އަހަރު 118673 މަސްދަޅު ކޭސް ރޯދަމަސް ފެށުމުގެ ކުރިންބަހައި ނިމޭނެކަމަށް ސަރުކާރު ވަނީ ކުރިން ވިދާޅުވެފައެވެ. މީލާދީ ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 18ވަނަ ދުވަހެވެ.