ޚަބަރު

މެދުއިރުމަތީގެ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ތައްޔާރީ ޙާލަތުގައި


މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްްކަރީ މަރުކަޒުކަމަށްވާ ޤަޠަރުގެ އަލް-ޢުދައިދު އަސްކަރީ މަރުކަޒުގައި މިސައިލް ޙަމަލާ ދިނުމަށް ބޭނުންކުރާ އެއް ތަނުން އަނެއް ތަނަށް ގެންދެވޭ ލޯންޗަރުތަކަށް، އެ މަރުކަޒުގައި ހުރި މިސައިލްތައް އަރުވާފައިވާ ކަމަށް ސެޓެލައިޓް ފޮޓޯއިން ދައްކައިފިއެވެ.

ވަކި ސަރަޙައްދެއްގައި ޤާއިމްކޮށްފައި ހުންނަ މިސައިލް ފޮނުވާ މަރުކަޒުތަކުގެ ބަދަލުގައި ފުރޮޅުލީ، އެއްތަނުން އަނެއް ތަނަށް ގެންދެވޭ ލޯންޗަރުތަކަށް މިސައިލް އެރުވުމުން އަވަސް ޙަމަލާއެއް ދިނުމަށް އެހީތެރިވެދޭނެއެވެ. އަދި ދިފާޢީ ބޭނުމަށް އެހެން ސަރަޙައްދަކަށް އެ މިސައިލްތައް ގެންދަން ޖެހިއްޖެ ޙާލަތެއްގައި ހަލުވިކަމާއެކު އެ ކަން ކުރެވޭނެއެވެ. އީރާނާއި އެމެރިކާއާ ދެމެދު ނުތަނަވަސްކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި އެމެރިކާއިން މި ފަދަ ތައްޔާރީތައް ވެފައިވާތީ މައްސަލައިގެ ބޮޑު ކަމާއި ދެ ފަރާތަށް ކުރިމަތިވެފައިވާ ހިރާސްތައް ފާހަގަވެއެވެ.

މި މަހުގެ ކުރީ ކޮޅު ނަގާފައިވާ ސެޓެލައިޓް ފޮޓޮއާއި ޖަނަވަރީ މަހުގެ ފޮޓޮއަކާ އަޅައިކިޔުމުން އަސްކަރީ މަތިންދާ ބޯޓާއި އެހެނިހެން އަސްކަރީ ސާމާނު މެދުއިރުމަތީ ސަރަޙައްދަށް އެމެރިކާއިން ޖަމާކުރަމުންދާ ކަން ސާފުވެއެވެ. އަލް-ޢުދައިދުގައި އެމެރިކާގެ ޕެޓްރިއޮޓު މިސައިލްތައް އެމް983 ހެވީ އެކްސްޕޭންޑެޑް މޮބިލިޓީ ޓެކްޓިކަލް ޓްރަކްސް ނުވަތަ އެޗްއީއެމްޓީޓީއަށް އަރުވާފައި ވަނީ ފެބަރުއަރީ މަހުގެ ކުރީ ކޮޅު ކަމަށް ފޮޓޯތަކުން ދައްކައެވެ. އެ މިސައިލްތައް އަދި ވެސް ހުރީ އެޗްއީއެމްޓީޓީތަކަށް އަރުވާފައި ކަމެއް ސާފެއް ނުވެއެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ޙަމަލާދީ 12 ދުވަސް ވަންދެން ހަނގުރާމަ ކުރުމާ ގުޅިގެން އީރާނުގެ އަތުގައި ހުރި މިސައިލްގެ ޢަދަދު ވަނީ މަދުވެފައެވެ. ނަމަވެސް މިހާރު ގެއްލުނު މިސައިލްގެ ޢަދަދު އަލުން ހަމަކޮށްފައިވާ ކަމަށް އެ ޤައުމުން ބުނެއެވެ. އީރާނުގެ ވެރިރަށް ތެހްރާންއާއި ކަރްމަންޝާހްއާއި ސަމްނާންގެ އިތުރުން ގަލްފް ކަނޑުގެ އައްސޭރިފަށާ ކައިރި ސަރަޙައްދެއްގައި ބިމު އަޑީގައި ހަދާފައިވާ މިސައިލް މަރުކަޒުތައް ހުރެއެވެ.

ސެޓެލައިޓް ފޮޓޮއިން ފާހަގަވެފައިވާ ބައެއް ބަދަލުތައް

އަލް-ޢުދައިދު، ޤަޠަރު: ޖަނަވަރީ މަހުގެ 17ވަނަ ދުވަހު ނަގާފައިވާ ސެޓެލައިޓް ފޮޓޮއިން އަލް-ޢުދައިދު އަސްކަރީ މަރުކަޒުން ފެނިފައި ވަނީ 14 ސްޓްރަޓޯޓޭންކަރާއި ދެ ސީ-17 އަސްކަރީ މަތިންދާ ބޯޓެވެ. ނަމަވެސް ފެބްރުއަރީ މަހުގެ 1ވަނަ ދުވަހު ނަގާފައިވާ ފޮޓޯތަކުން ހަތް ސީ-17 އަސްކަރީ މަތިންދާ ބޯޓާއި ސީ-130 ހާކިއުލީސް މަތިންދާ ބޯޓާއި އެއް އާރުސީ-135 ރެކޮނައިސަންސް މަތިންދާ ބޯޓާއި 18 ކޭސީ 135ގެ ސްޓްރެޓޯޓޭންކަރު ފެނިފައިވެއެވެ. އަދި މަދުވެގެން 10 އެމްއައިއެމް-104 މަރުކާގެ ޕެޓްރިއޮޓް ވައިގެ ދިފާޢީ ނިޒާމު އެޗްއީއެމްޓީޓީތަކުގައި ޕާކުކޮށްފައިވާ ކަމަށް ބެލެވެއެވެ.

މުވައްފަގު، ޢުރުދުން: މުވައްފަގުގެ އެއް ސަރަޙައްދުން ފެބްރުއަރީ މަހުގެ 2ވަނަ ދުވަހު ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކަކުން އެ މަރުކަޒުގައި އެފް15-އީ މަރުކާގެ 15 މަތިންދާ ބޯޓާއި އޭ-10 ތަންޑަބޮލްޓު މަރުޖާގެ 8 މަތިންދާ ބޯޓާއި ސީ-130 މަރުކާގެ ހަތަރު ބޯޓާއި، ހަތަރު ގޮތްނޭނގޭ ހަތަރު ހެލިކޮޕްޓަރު ފެނިފައިވެއެވެ. ނަމަވެސް ޖަނަވަރީ މަހުގެ 16ވަނަ ދުވަހު ނަގާފައިވާ ސެޓެަލައިޓް ފޮޓޯތަކުން އެ މަރުކަޒުގައި ހުރި އަސްކަރީ މަތިންދާބޯޓު މާ ރަނގަޅަށް ސާފުވެފައެއް ނުވެއެވެ.

އޭގެ އިތުރުން ވެސް ފެބްރުއަރީ މަހުގެ ފޮޓޯތަކުން މުވައްގަފުގެ އެހެން ސަރަޙައްދަކުން ސީ-17އަކާއި ސީ0139އަކާއި އީއޭ-18ޖީ މަރުކާގެ ހަތަރު މަތިންދާ ބޯޓު ފެނިފައިވެއެވެ. ނަމަވެސް ޖަނަވަރީ މަހުގެ ފޮޓޯތަކުން އެ ސަރަޙައްދުގައި އެއްވެސް ޢަދަދަކަށް އަސްކަރީ މަތިންދާ ބޯޓު ހުރި ކަމަކަށް ނުފެނެއެވެ.

އެހެން އަސްކަރީ މަރުކަޒުތަކަށް ބަލާނަމަ ފެބްރުއަރީ މަހުގެ 2ވަނަ ދުވަހު ނަގާފައިވާ ސަޢުދީ ޢަރަބިއްޔާގައި ހުންނަ ޕްރިންސް ސުލްޠާން އަސްކަރީ މަރުކަޒުގެ ސެޓެލައިޓް ފޮޓޮއަކުން ދައްކާ ގޮތުގައި ސީ-5 ގެލެކްސީ މަރުކާގެ މަތިންދާ ބޯޓަކާއި ސީ-17 މަރުކާގެ މަތިންދާ ބޯޓު އެ މަރުކަޒަށް މިހާރު ވަނީ ގެންގޮސްފައެވެ.

އޭގެ އިތުރުން އިންޑިޔާ ކަނޑުގައި އޮންނަ ޑިއެގޯ ގާސިޔާ އަސްކަރީ މަރުކަޒުގެ ފޮޓޯތަކުން ވެސް ޖަނަވަރީ މަހަށް ވުރެ ފެބްރުއަރީ މަހު އެ މަރުކަޒުގައި ހުރި އަސްކަރީ މަތިންދާ ބޯޓުގެ ޢަދަދު އިތުރު ކަމަށް ފާހަގަވެއެވެ. ޢުމާނުގައި ހުންނަ ދުޚާން އަސްކަރީ މަރުކަޒުން ވެސް އެ ކަން ވަނީ ފާހަގަވެފައެވެ.