ހަކަތައިގެ ދާއިރާއިން ރަޝިޔާއަށް ބަރޯސާވުން ކުޑަކުރުމަށް، އާމީނާޔާއިން އެމެރިކާ އާއެކު ނިއުކްލިޔަރ ހަކަތައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެމެރިކާގެ ނައިބުގެ ރައީސް ޖޭޑީ ވާންސް އާމީނިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އެއްބަސްވުމުގައި އާމީނިޔާގެ ފަރާތުން ސޮއިކުރެއްވީ ބޮޑުވަޒީރު ނިކޯލް ޕަޝިންޔަންއެވެ.
ވާންސް ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ފަސް ބިލިއަން އެމެރިކާ ޑޮލަރާ ހަމައަށް އެމެރިކާގެ މުދާ އާމީނިޔާއަށް އެކްސްޕޯޓު ކުރެވޭނެ ކަމަށެވެ. އަދި އިތުރު ހަތަރު ބިލިއަން ޑޮލަރު ތެލުގެ ވިޔަފާރިއަށް ވެސް މި އެއްބަސްވުމުގެ ދަށުން ފުރުޞަތު ލިބޭނެކަމަށް ވާންސް ވިދާޅުވިއެވެ.
ހަކަތައިގެ ދާއިރާއިން ރަޝިޔާ އާއި އީރާނަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކުރުމަށް އާމީނިޔާއިން ވަނީ މަސައްކަތް ފަށައިފައެވެ. މިގޮތުން، ރަޝިޔާގެ އެހީގައި މިހާރު ޤާއިމުކޮށްފައިވާ ނިއުކްލިޔަރ ހަކަތަ އުފައްދާ ކާރުޚާނާ ބައުވެ، އައު ރިއެކްޓަރއެއް އިމާރާތްކުރުމަށް އެމެރިކާ އާއި ޗައިނާ، ދެކުނު ކޮރެޔާ އަދި ފަރަންސޭސިވިލާތުގެ ކުންފުނިތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް އާމީނިޔާއިން މިހާރު ދަނީ ދިރާސާކުރަމުންނެވެ.
އެ މަޝްރޫޢުއަށް ވަކި ކުންފުންޏެއް އަދި ޚިޔާރުކޮށްފައިނުވިނަމަވެސް، އެމެރިކާ އާއެކު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، އެ މަޝްރޫޢު ވެސް އެމެރިކާގެ ކުންފުންޏަކާ ޙަވާލުކުރުން ގާތެވެ.
ރަޝިޔާ އާއެކު ވަރަށް ގާތް ގުޅުމެއް އޮތް އާމީނިޔާ އާއެކު އޮތް ގުޅުން މި ފަހުން ނުތަނަވަސްވެފައިވަނީ، ޔޫކްރެއިން ހަނގުރާމަ އާ ގުޅިގެންނެވެ.
ވާންސްގެ މި ދަތުރުފުޅު ކުރައްވާފައިވަނީ، 40 އަހަރުގެ ހަނގުރާމައަށް ފަހު ސުލްޙައަށް އެޅި ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އަރްމީނިޔާ އާއި އަޒަރުބައިޖާންގެ ލީޑަރުން އެއްބަސްވުމެއްގައި ސޮއިކުރިތާ ހަ މަސް ދުވަސް ފަހުންނެވެ.
އެމެރިކާގެ ވައިޓް ހައުސްގައި ސޮއިކުރެވުނު އެ އެއްބަސްވުމުގައި އެމެރިކާއިން ވަނީ ވަރަށް އިސް ދަޢުރެއް އަދާކޮށްފަ އެވެ.
މި ދަތުރުފުޅުގައި "ޓްރަމްޕް ރޫޓް ފޯ އިންޓަނޭޝަނަލް ޕީސް އެންޑް ޕްރޮސްޕެރިޓީ (ޓްރިޕް)" ކުރިއަށް ގެންދިއުމަށް ވެސް ވާންސް ބާރު އަޅުއްވާނެކަމަށް ބެލެވެއެވެ.
މިއީ އީރާނާއި ރަޝިޔާގެ ބަދަލުގައި، ދެކުނު އާމިނިޔާއިން އޭޝިއާ އާއި ޔޫރަޕް ގުޅުވައިލުމަށް ރާވާފައިވާ 43 ކިލޯމޯޓަރުގެ މަގެކެވެ. މިގޮތުން، އެމެރިކާގެ ތަސައްވުރަކީ، ރޭލު ދަތުރުގެ ނިޒާމަކާއެކު ތެލާއި ގޭސް ހޮޅިތަކާއި ފައިބަރ އޮޕްޓިކް ކޭބަލްތައް އެ ތަނުގައި ޤާއިމުކުރުމެވެ.