ޚަބަރު

އައިޖީއެމްއެޗާއި ދަރުމަވަންތާގައި ގިނަ ޚިދުމަތްތަކެއް ޤާއިމުކުރަނީ


  • ރޮބޮޓިކް ސާޖަރީ ފަދަ ޒަމާނީ ޚިދުމަތްތައް ތަޢާރަފްކުރާނެ

  • ސާޖިކަލް ނެވިގޭޝަން ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތް ހިމެނޭ

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދާނާކުރުމަށް ކުރާ މަސައްކަތުގެ ދަށުން އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ގިނަ ޚިދުމަތްތަކެއް ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.

ޙަލީމް މިހެން ވިދާޅުވީ، "ނޭޝަނަލް ސެންޓަރ ފޮރ ނިއުރޯސައިންސް އެންޑް ސްޓްރޯކް"ގެ ޚިދުމަތްތައް އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ހޮސްޕިޓަލުތަކުގައި ދަނީ ގިނަ ޚިދުމަތްތަކެއް ތަޢާރަފްކުރަމުންނެވެ. އަދި އައު ޚިދުމަތްތައް ފަށައި މިހާރު ދެމުންދާ ގިނަ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މާލެ ސަރަޙައްދުގައި ދޭ އައު ޚިދުމަތްތައް އަތޮޅު ތެރެއަށްވެސް ފުޅާކުރަމުންދާއިރު، މިއީ ޞިއްޙީ ނިޒާމު ކުރިއަރައިގެންދާ ކަމުގެ ހެއްކެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، މިއަހަރުގެ ތެރޭގައި ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މާލޭގެ ދެވަނަ އާރބަން ހެލްތު ކެއަރ ސެންޓަރު ޤާއިމްކުރުމާއި، ލެބޯޓްރީގެ ފްލެބޮޓޮމޯ ޚިދުމަތްތައް ގްރައުންޑް ފްލޯއަށް ބަދަލުކުރުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

"މިއަހަރުގެ ތެރޭގައި ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށް، ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗުގައި ކުރުމަށް ރޭވިފައިވާ ބައެއް މުހިންމު މަސައްކަތްތަކަށް އަލިއަޅުވާލާނަން. މީގެ ތެރޭގައި ދެވަނަ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރ ޤާއިމްކުރުމާއި، ޓެމްޕަސް ސިސްޓަމް މެދުވެރިކޮށް ލޭގެ ސާމްޕަލްތައް އުފުލުމުގެ ނިޒާމު ޤާއިމްކުރުން ހިމެނޭ. ހަމައެއާއެކު އައިޖީއެމްއެޗުގެ ވޯޑުތައް ބަލި މީހުންނަށް އެކަށޭނަ ގޮތަށް އަލުން ފަރުމާކުރުން ހިމެނޭ" ޙަލީމް ވިދާޅުވިއެވެ.

ޙަލީމް އިތުރަށް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގައި ކެތު ލެބް ޤާއިމްކުރުމާއި، އިންޓެންސިވް ކެއަރ ޔުނިޓުގެ ޚިދުމަތް ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ނެޝަނަލް ކާޑިއެކް ސެންޓަރު ތަރައްޤީ ކުރުމާއި، ކާޑިއޯ ތޮރޭސިކް އެންޑް ވަސްކިއުލާ ސާޖަރީ އަދި އިންޓަވެންޝަނަލް ރޭޑިއޮލޮޖީއާއި، ގެސްޓްރޯ އީއާރްސީޕީގެ ޚިދުމަތުގެ އިތުރުން ޖެނެރަލް ރޮބޮޓިކް ސާޖަރީ ފަދަ ޒަމާނީ ޚިދުމަތްތައްވެސް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން ލޮލުގެ ފަރުވާގެ ޚިދުމަތްތައް ފުޅާކުރުމާއި، ސާޖިކަލް ނެވިގޭޝަން ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް ޙަލީމް ވިދާޅުވިއެވެ.

ޞިއްޙީ ބޮޑެތި ޚިދުމަތްތައް އަތޮޅުތަކަށް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ އިތުރުން، ޞިއްޙީ ޚިދުމަތް ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ޖެހުން މަދުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ޢަމާޒެވެ. މިމަސައްކަތްތަކުގެ ދަށުން ވޭތުވެދިޔަ 2 އަހަރަށް ބަލާލާއިރުވެސް، އާ ޚިދުމަތްތައް ފެށުމާއި އަދި މިހާރު އެކި ދާއިރާތަކުން ދެމުންދާ ފަރުވާތަކާއި ޚިދުމަތްތައް ފުޅާކުރުންވެސް ހިމެނެއެވެ.