ޚަބަރު

ވިޒިޓް މޯލްޑިވްސް އިޔަރ؛ ހުރިހާ ރައްޔިތުންގެ ބައިވެރިވުން އޮންނާނެ


  • އަންނަ އަހަރު ފާހަގަކުރަނީ ވިޒިޓް މޯލްޑިވްސް އިޔަރގެ ގޮތުގައި

  • ރައީސް ވަނީ މިކަން ރިޔާސީ ބަޔާނުގައި އިއުލާންކުރައްވާފައި

ވިޒިޓް މޯލްޑިވްސް އިޔަރއަކީ ރާއްޖޭގެ ހުރިހައި ރައްޔިތުން ބައިވެރިވާނެ އަހަރަކަށް ވާނެކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަންނަ އަހަރަކީ ވިޒިޓް މޯލްޑިވްސް އިޔަރގެ ގޮތުގައި ފާހަގަކުރުމަށް ނިންމަވާފައިވާކަން އިޢުލާންކުރައްވާފައެވެ.

އަންނަ އަހަރަކީ ފަތުރުވެރިކަމުގެ އަހަރު ގޮތުގައި ފާހަގަކުރުމަށް ރައީސް ނިންމަވާފައިވާއިރު އަންނަ އަހަރު ރާއްޖޭގައި ފަތުރުވެރިކަން ފެށިތާ 55 އަހަރު ވާނެއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވީ، އެންމެ މުހިންމު ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވީ ވިޒިޓް މޯލްޑިވްސް އިޔަރއެއްގެ ގޮތުގައި އަންނަ އަހަރު ކަނޑައެޅުއްވުންކަމަށެވެ. މިއީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

2027ވަނަ އަހަރަކީ ވިޒިޓް މޯލްޑިވްސް އިޔަރގެ ގޮތުގައި ކަނޑައަޅާފައިވާއިރު މިއަހަރު އެކަމަށް ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ. މިހާރުވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއެކު ވިޒިޓް މޯލްޑިވްސް އިޔަރއަށް ތައްޔާރުވުމުގެ ގޮތުން ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ވިޒިޓް މޯލްޑިވްސް އިޔަރ ފާހަގަކުރާއިރު މިއީ ހުރިހައި ރައްޔިތުންގެ ބައިވެރިވުން އޮންނާނެ އަހަރަކަށް ވާނެކަމަށެވެ.

"ވިޒިޓް މޯލްޑިވްސް އިޔަރއަކީ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރާއްޖޭގައި އަޅުގަނޑުމެން ހުރިހައި އެންމެންވެސް ބައިވެރިވާ އަހަރަކަށްހެދުމަށް. ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަހަރަކީ ރާއްޖޭގެ ކޮންމެ މީހަކުވެސް އޭގައި ކޮންމެވެސް އެއް ބައެއް ކުޅެދޭނެ އަހަރަކަށްވުން ވަރަށް މުހިންމު ވަރަށް ކާމިޔާބު އަހަރަކަށް ހެދުން. އެހެންވީމަ އަޅުގަނޑުމެން އެއްވެސް ބައެއް އެއްވެސް ރަށެއް ބާކީ ނުކުރާނަން". ފަތުރުވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.

ވިޒިޓް މޯލްޑިވްސް އިޔަރ ފާހަގަކުރާއިރު މިކަން ކުރާނީ ދިވެހިންގެ ދިރިއުޅުމާއި، ކެއްކުންތަކާއި، ދިވެހިން ދިރިއުޅޭ ގޮތްތަކާއި، ކާބަފައިގެން ވާހަކަތައް ކުރިއަށް ނެރެގެންކަމަށް ވަޒީރު ވިދާޅުވިއެވެ. އެކި ރަށްރަށް މުހިންމުވާ އެކި ސަބަބުތައް ހުންނައިރު އެކަންކަން ފަތުރުވެރިންނަށް ދައްކާނެކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއިން މިއަހަރަށް އަމާޒު ހިފާފައިވަނީ 2.5 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖެ އައީ 2.2 މިލިޔަން ފަތުރުވެރިންނެވެ. އަދި ފަތުރުވެރިކަމުން ލިބުނު އާމްދަނީ ވަނީ 5.5 ބިލިޔަން ޑޮލަރަށް އަރާފައެވެ. މިއީ އަންދާޒާއަށްވުރެ އިތުރު އަދަދެކެވެ.