ޔޫކްރެއިނާއި ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ބާރު އޮތީ ހަމައެކަނި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަތްޕުޅުގައި ކަމަށާއި، ދެ ޤައުމުގެ މެދުގައި ސުލްޙަ ޤާއިމުކުރުމަށް މިހާރު އޮތް ޚިލާފުތައް ޙައްލުކުރުމަށް ދެ ޤައުމުގެ ލީޑަރުން އެއް މޭޒެއްގެ ދޮށަށް ވަޑައިގަންނަވަންޖެހޭކަމަށް ޔޫކްރެއިންގެ ޚާރިޖީ ވަޒީރު އާންޑްރީ ސިބިހާ ވިދާޅުވެއްޖެއެވެ.
ސިބިހާ ވިދާޅުވި ގޮތުގައި، އެމެރިކާއިން މެދުވެރިވެގެން ރަޝިޔާ އާއި ޔޫކްރެއިނާ ދެމެދު ކުރަމުންދާ މަޝްވަރާތަކަށް މި ފަހުން ލިބިފައިވާ ކުރިއެރުންތައް، ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމަކާ ހަމައަށް ވީހާވެސް އަވަހަކަށް ގެންދަން ޔޫކްރެއިނުން ބޭނުންވެއެވެ. މިގޮތުން، އަންނަ ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ ކޮންގްރެސްގެ މިޑް ޓާމްގެ އިލެކްޝަނުގެ ކެމްޕެއިނު ފެށެމުން، މިހާރު ކުރަމުންދާ މަޝްވަރާތަކަށް ހިޔަނި އެޅި، މަޑުޖެހުމުގެ ފުރުޞަތު އޮންނާނެކަމުގެ އިޝާރާތެއް އޭނާ ދެއްވިއެވެ. އެހެންކަމުން، އޭގެކުރިން މި ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ބާރު އޮތީ ހަމައެކަނި ޓްރަމްޕްގެ އަތްޕުޅުގައި ކަމަށް ރޮއިޓަރސް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ސިބިހާ ވިދާޅުވިއެވެ.
ސުލްޙަ ޤާއިމުކުރުމަށް ޔޫކްރެއިނުން 20 ނުކުތާއެއްގެ މައްޗަށް ހުށަހަޅާފައިވާ މަގުޗާޓުގައި މިހާރު އެއްބަސްވުމަކަށް ނާދެވި އޮތީ މަދު ކަމަކަށްކަން އޭނާ ފާހަގަކުރެއްވިއެވެ. މިގޮތުން، އެ ނުކުތާތަކާމެދު ގޮތެއް ނިންމުމަށް، ދެ ޤައުމުގެ ލީޑަރުން އެއް މޭޒަކަށް ވަޑައިގަންނަވަންޖެހޭ ކަމަށް ސިބިހާ ވިދާޅުވިއެވެ.
ދެ ޤައުމުގެ މެދުގައި އަދިވެސް ޚިލާފު އޮތް މައިގަނޑު ނުކުތާގެ ތެރޭގައި، ހަނގުރާމަ ނިމުމަކަށް އައުމަށްފަހު، ޔޫކްރެއިންގެ އިރުމަތީގައި އޮންނަ ޑޮންޓްކްސް ސަރަޙައްދުން 20 އިންސައްތަ ޔޫކްރެއިނުން ދޫކޮށްލުމަށް ރަޝިޔާއިން ކުރިމަތިކުރުވާފައިވާ ޝަރުތު ހިމެނެއެވެ.
2022ވަނަ އަހަރުން ފެށިގެން ޔޫކްރެއިންއާއި ރަޝިޔާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އިސްވެ އޮވެ ތިން ޤައުމުގެ މެދުގައި މިދިޔަ ހަފްތާގައި އަބޫ ދާބީގައި ކުރިއަށްދިޔަ މަޝްވަރާތައް މާބޮޑު ކުރިއެރުމެއް ނުލިބި ވަނީ ނިންމާލައިފައެވެ. ޔޫކްރެއިނާއި ރަޝިޔާ އާދެމެދު މަޝްވަރާތަކުގެ އައު ބުރެއް އަންނަ ހަފުތާގައި، އެމެރިކާގެ މަޔާމީގައި ބޭއްވުމަށް އެމެރިކާއިން ހުށަހަޅާފައިވާ ކަމަށާއި، އެކަމަށް ޔޫކްރެއިނުން އެއްބަސްވެފައިވާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.
އަދި މި އަހަރުގެ ހޫނުމޫސުން އައުމުގެ ކުރިން، ޔޫކްރެއިނާއި ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެންނާނެ ގޮތެއް ދެ ޤައުމު ގުޅިގެން ހޯދަން އެމެރިކާއިން ބޭނުންވާކަމަށް ވެސް ޒެލެންސްކިީ ވިދާޅުވެފައިވެއެވެ.