ޚަބަރު

ފަހުވަގުތާ ޖެހެންދެން ހިތްވަރުކުރި ދުވާފަރު ކަޓުވާލައި އޭދަފުށި ސެމީއަށް


  • މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެން

  • ޕެނަލްޓީ ޝޫޓްއައުޓުގައި އޭދަފުށި ކުރިހޯދީ 2-4 ގެ ނަތީޖާއަކުން

  • ސެމީ ފައިނަލުގައި އޭދަފުށި ނުކުންނާނީ ހދ. ނައިވާދޫއާ ދެކޮޅަށް

އެންމެފަހު ވަގުތާ ޖެހެންދެން ވެސް ހިތްވަރުކުރި ރ. ދުވާފަރުގެ މައްޗަށް ކުރިހޯދައި، ބ. އޭފަފުށިން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް، މެޗުން މޮޅުވި އޭދަފުށިންނެވެ. މެޗުގެ ހަވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ ނަސީމެވެ. އޭގެ މިނެޓެއްހާއިރު ކުރިން، މުޙައްމަދު ފާސިރު (ފާއްޓެ) ލަނޑެއް ޖެހި ނަމަވެސް، ލަނޑު ވަނުމުގެ ކުރިން، ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ފާސިރު ފައުލްކޮށްފައިވާތީ، ވީޑިއޯ ސަޕޯޓުގެ އެހީގައި ރެފްރީ ވަނީ އެ ލަނޑު ބަލައިނުގަންނަން ނިންމާފައެވެ.

މެޗުގައި ދުވާފަރުން ނަތީޖާ ހަމަހަމަކުރީ އޭދަފުށިން ފުރަތަމަ ލަނޑުޖަހައި ލީޑުނެގިތާ ދެ މިނެޓު ފަހުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިމްތިޝާލް އަބްދުލް ރަޙްމާނެވެ.

ހަމަހަމަ ނަތީޖާއެއްގައި އޮވެ ދެ ޓީމުން ދެވަނަ ހާފަށް ނުކުތްއިރު، ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި ހާފުގައި ވެސް ފުރަތަމަ ލަނޑުޖެހީ އޭދަފުށިންނެވެ. ހާފުގެ 12 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދީ މެޗުގައި ދެވަނަ ފަހަރަށް އޭދަފުއްޓަށް ލީޑުނަގައިދިނީ ހުސެއިން ޝަރީފެވެ.

މިއާއެކު މެޗުގެ ފުރިހަމަވަގުތުން ނަތީޖާ ނެރުމުގެ އަޒުމުގައި ކުޅެމުންދިޔަ އޭދަފުށި ސިއްސުވާލައި، މެޗުގެ ކުޅުން ހަމަވާން 39 ސިކުންތަށް ވެފައި ވަނިކޮށް ދުވާފަރުން ލަނޑެއް ޖަހައި އަނެއްކާވެސް ނަތީޖާ ހަމަހަމަ ކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ނޫހު އިބްރާޙީމެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހަން ޖެހުނުއިރު، ޕެނަލްޓީގައި އޭދަފުށިން ކުރިހޯދީ 2-4 ގެ ނަތީޖާއަކުންނެވެ.

އޭދަފުށިން ވަނީ ޖެހި ހުރިހާ ޕެނަލްޓީއެއް ވެސް ކާމިޔާބުކޮށްފައެވެ. އޭދަފުށިން ޕެނަލްޓީ ޖަހަން ދިޔައީ މުޙައްމަދު ފާސިރު، ޙުސެއިން ޝަރީފް، އަލީ ނަސީމް އަދި އިސްމާއީލް ޝަރީފް އެވެ.

ދުވާފަރުގެ ޕެނަލްޓީތަކުގެ ތެރެއިން މުޙައްމަދު ނޫހުއާއި އިސްމާޢީލް އަހްމަދު ޖެހި ޕެނަލްޓީ. އޭފަފުށިން ޕެނަލްޓީ ޝޫޓްއައުޓަށް ޙާއްސަކޮށް ބޭނުންކުރާ ކީޕަރު ޝާން ވަނީ ދިފާއުކޮށްފައެވެ. ދުވާފަރުން ޕެނަލްޓީ ކާމިޔާބުކުރީ މުޙައްމަދު އިސާމްއާއި އިބްރާޙީމް އަނާން އަލީ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުށީގެ މުޙައްމަދު ފާސިރުއެވެ.

މި ނަތީޖާއާއެކު އޭދަފުށިން ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދިއިރު އެ ޓީމު މިހާ ހިސާބަށް ދަތުރުކުރީ ބ. އަތޮޅުގެ ޗެމްޕިއަންކަމާއި ވާދަކުރި ޒޯނުގެ ވެސް ޗެމްޕިއަންކަން ހޯދައިގެންނެވެ.

ދުވާފަރަށް ކުއާޓަރ ފައިނަލާ ހަމައިން މުބާރާތާ ވަކިވާން ޖެހުނު ނަމަވެސް، އެ ޓީމު ވެސް ވަނީ ރ. އަތޮޅުގެ ޗެމްޕިއަން ކަމާއި ޒޯން ޗެމްޕިއަންކަން ހޯދާފައެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި އޭދަފުށި ވާދަކުރަން ޖެހޭނީ، ކުއާޓަރ ފައިނަލުގައި އއ. މަތިވެރީގެ މައްޗަށް ކުރިހޯދި ހދ. ނައިވާދޫއާ ދެކޮޅަށެވެ.