ދަރުމަވަންތަ ހޮސްޕިޓަލްގައި ނާރުގެ ބަލިތަކާއި ސްޓްރޯކަށް ޚާއްޞަ ސެންޓަރެއް ހުޅުވައިފިއެވެ.
"ނޭޝަނަލް ސެންޓަރ ފޮރ ނިއުރޯސައިންސް އެންޑް ސްޓްރޯކް"ގެ ޚިދުމަތްތައް އިފްތިތާހުކޮށްދެއްވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މާލެ ސިޓި ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙިމް ޢަބްދުއްރައްޒާޤު ޙަލީމް އެވެ.
ޞިއްޙީ ދާއިރާގެ އައު ޙިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެވެ. އެގޮތުން މާލެ ސަރަހައްދުގައި އައު ޙިދުމަތްތައް ޤާއިމުކުރައްވާނެ ކަމަށް ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވިގެންދިޔަ މިސެންޓަރއަކީވެސް މީގެ ދަށުން ކުރެވުނު މަސައްކަތެވެ. ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ މި ސެންޓަރު ހުޅުވުމާއެކު، ރާއްޖޭގައި ނާރުގެ ބަލިތަކަށް ދެވޭ ފަރުވާ އައު ހަރުފަތަކަށް އުފުލިގެންދާނެކަމަށް ވިދާޅުވިއެވެ.
"ދަރުމަވަންތަ ހޮސްޕިޓަލުގައި "ނޭޝަނަލް ސެންޓަރ ފޮރ ނިއުރޯސައިންސް އެންޑް ސްޓްރޯކް" ކުރިއަށް އޮތް ހަފްތާ ތެރޭގައި، އިރާދަކުރެއްވިއްޔާ ހުޅުވިގެންދާނެ. މި ސެންޓަރު ހުޅުވުމާއެކު، ރާއްޖޭގައި ނާރުގެ ބަލިތަކަށް ދެވޭ ފަރުވާ އައު ހަރުފަތަކަށް އިރާދަކުރެއްވިއްޔާ އުފުލިގެންދާނެ" ރައީސް ވިދާޅުވިއެވެ.
"ނޭޝަނަލް ސެންޓަރ ފޮރ ނިއުރޯސައިންސް އެންޑް ސްޓްރޯކް"ގެ ޚިދުމަތްތައް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މާލެ ސިޓި ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ މި ސެންޓަރުގެ ސަބަބުން މުސްތަޤްބަލުގައި ރޮބޮޓިކް ޓެކްނޮލޮޖީ ފަދަ ޒަމާނީ ވަސީލައްތަކާއެކު ސިކުނޑިއާއި މައިބަދައިގެ އޮޕްރޭޝަންތައް ކުރެވި މުޅި ރާއްޖެ ގުޅާލެވޭ ވުއުގައެއް މެދުވެރިކޮށް ސްޓްރޯކްގެ ބަލިމީހުންނަށް ހަލުވިކަމާއެކު ފަރުވާލިބޭނެ ނިޒާމެއް ޤާއިމްވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއެކު ހިންގާ ޕްރޮގްރާމްތަކުގެ ސަބަބުން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރިނަމަވެސް ފެންވަރު ރަނގަޅު ނާރުގެ ފަރުވާ ލިބުމަށް މަގުފަހިވާނެކަމަށް ވިދާޅުވިއެވެ.
"މިސެންޓަރާއެކު ނިއުރޯ ސައިންސްއާއި ގުޅުންހުރި ދާއިރާތަކުން އިންޓަރގްރޭޑެޓް ފަރުވާއެއް ބަލިމީހުންނަށް ލިބިދެވޭނެކަމަށް އުންމީދު ކުރެވޭއިރު ބަލިމީހަކަށް ދެވޭ ފަރުވާއަކީ ވަށާޖެހޭ ފަރުވާއަށް ހެދޭނީ ހޮސްޕިޓަލުގެ ކަމާއި ބެހޭ ހުރިހާ ޑިޕާޓްމަންޓެއްވެސް ގުޅިގެން، މަލްޓި ޑިސިޕްލިނަރީ އެޕްރޯޗްކުން ފަރުވާ ދެވިގެންދާނެ" ހަލީމް ވިދާޅުވިއެވެ.
އިބްރާޙިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ މި ސެންޓަރގެ މަސައްކަތް ފެށިގެންދާއިރު ދިވެހި ފުރަތަމަ ނިއުރޮލިޖިސްޓް ޑރ. އަހުމަދު ރަޝީދު، ފުރަތަމަ ނިއުރޯ ސާރޖަން ޑރ. އަލީ ނިޔާފް އަދި ފުރަތަމަ ޕީޑިއަޓްރިކް ނިއުރޮލޮޖިސްޓް ޑރ. ސަމާހަތު މި ސެންޓަރުން ބަލިމީހުން ބަލާނެ ކަމަށެވެ. މިއަހަރުގެ ތެރޭގައި ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލް އަދި އައިޖީއެމްއެޗްގައި މުހިންމު ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.