ޚަބަރު

ތައިލެންޑުގެ އިންތިޚާބު: އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ލިބުން ދުރު


ތައިލެންޑުގެ ޢާންމު އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު، އެއްވެސް ޕާޓީއަކަށް ޤާނޫނު ހަދާ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ހޯދޭނެ ކަމާ މެދު ސުވާލު އުފެދިފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެފިއެވެ. ހުސްވި އަހަރުގެ ޑިސެންބަރު މަހު، ބޮޑުވަޒީރު އަނޫޓީން ޗާންވީރަކޫން އިންތިޚާބު އިޢުލާނު ކުރައްވާފައި ވަނީ، ތައިލެންޑާއި ކެމްބޯޑިޔާއާ ދެމެދު ބޮޑު ހަމަނުޖެހުމެއް ފެށިގެން ކުރިއަށް ދިޔަ ދަނޑިވަޅެއްގައެވެ.

އަނޫޓީންގެ ޕޫމްޗައިތާއީ ޕާޓީއަކީ ކޮންޒަރވެޓިވް ފިކުރު ނުވަތަ ޒަމާނުއްސުރެ އޮންނަ ސަޤާފަތާއި އާދަކާދަ ދެމެހެއްޓުމާ އެކު، އެ ކަންކަމަށް ބަދަލު ގެނައުމާ ދެކޮޅު ވިސްނުން ކުރިއަރުވާ ޕާޓީއެކެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ތައިލެންޑް-ކެމްބޯޑިޔާ ހަމަނުޖެހުންގަނޑާ ގުޅިގެން އުފެދިގެން ދިޔަ ޤައުމިއްޔަތުގެ އޮއިވަރާ އެކު، ޕޫމްޗައިތާއީ ޕާޓީއަށް އިންތިޚާބުގައި ކުރިއެރުން ހޯދޭނެ ކަމަށް އަނޫޓީން ދެކެވަޑައިގަންނަވާ ކަމުގައެވެ.

އަނޫޓީންގެ ޕާޓީން ވެރިކަމާ ޙަވާލުވެފައި ވަނީ، ކުރިން ވެރިކަން ކުރަމުން ދިޔަ ފިޔު ތައި ޕާޓީގެ ވެރިކަން ވެއްޓުމާ ގުޅިގެންނެވެ. އަދި، ކުރީގެ ބޮޑުވަޒީރު ޕޭޓޮންގްޓާން ޗިނަވާތު ވެރިކަމުން ދުރު ކުރުމާ އެކުގައެވެ. ކުރީގެ ބޮޑުވަޒީރު ތަކްސިން ޗިނަވާތުގެ ދަރިކަނބަލުން ޕޭޓޮންގްޓާން ވެރިކަމުން ދުރުކުރުމާ އެކު ފިޔު ތައިއަށް އޮތް ތާޢީދު ފަނޑުވެފައި އޮތް ނަމަވެސް، އިންތިޚާބުގައި އެ ޕާޓީގެ ކެނޑިޑޭޓުން ވެސް ގެންދަވަނީ ވާދަ ކުރައްވަމުންނެވެ.

އިންތިޚާބުގައި ޕޫމްޗައިތާއީއާއި ފިޔު ތައިއަށް އެންމެ ބޮޑު ވާދަވެރިކަމެއް ކުރިމަތި ކުރުވާނީ ޕީޕަލްސް ޕާޓީން ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އެއީ ޕްރޮގްރެސިވް ފިކުރު ނުވަތަ އިންސާފުވެރި މުޖުތަމަޢެއް ބިނާކުރުމަށް ޓަކައި ބަދަލުތަކެއް ގެނައުމަށް ވަކާލާތު ކުރާ ޕާޓީއެކެވެ. އިންތިޚާބުގެ ކެމްޕޭނުގެ ތެރެއިން ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާއަށް ބަލައިލާއިރު، ބޮޑު ކާމިޔާބީއެއް ހޯދުމުގެ ފުރުޞަތު އެ ޕާޓީއަށް އޮތް ކަމުގައި ބެލެވެއެވެ. ނަމަވެސް، އެ ޕާޓީއަށް ވެސް ޤާނޫނު ހަދާ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ހޯދޭނެ ކަމާ މެދު އޮތީ ސުވާލު އުފެދިފައެވެ.

2023ވަނަ އަހަރު ތައިލެންޑުގައި ބޭއްވި ޢާންމު އިންތިޚާބުގައި ކާމިޔާބީ ހޯދާފައި ވަނީ މޫވް ފޯވަރޑް ޕާޓީންނެވެ. ނަމަވެސް، އައު ސަރުކާރެއް އެކުލަވައިލުމުގެ ފުރުޞަތު ތައިލެންޑުގެ ސެނެޓުން އެ ޕާޓީއަށް ދީފައެއް ނުވެއެވެ. އަދި، ތައިލެންޑުގެ ދުސްތޫރީ ކޯޓުން ވަނީ އެ ޕާޓީ އުވައިލާފައެވެ. ޕީޕަލްސް ޕާޓީ އުފެދިގެން ދިޔައީ މޫވް ފޯވަރޑްގެ ބަދަލުގައެވެ.

ފެބުރުވަރީ 8ވަނަ ދުވަހު ކުރިއަށްދާ އިންތިޚާބުގައި ޤާނޫނު ހަދާ މަޖިލީހަށް މެންބަރުން އިންތިޚާބުގެ ކުރުމުގެ އިތުރުން، އައު ޤާނޫނު އަސާސީއެއް ފާސްކުރުމަށް ވެސް ދަނީ ވޯޓު ނަގަމުންނެވެ. ތައިލެންޑުގައި މިހާރު އަމަލު ކުރަމުންދާ ޤާނޫނު އަސާސީ ތަސްދީޤުކޮށްފައި ވަނީ 2017ވަނަ އަހަރުއެވެ. ޤާނޫނު އަސާސީގެ އައު ދެލިކޮޕީއެއް އެކުލަވައިލާފައި ވަނީ ތައިލެންޑުގެ އަސްކަރިއްޔާގެ ތާޢީދާ އެކުގައެވެ. އެ ދެލިކޮޕީއަށް ފާޑުކިޔުންތައް އަމާޒު ކުރަމުންދާ ފަރާތްތަކުން ދެކޭ ގޮތުގައި، އަސްކަރިއްޔާގެ މައިގަނޑު މަޤުޞަދަކީ ރައްޔިތުންގެ ބާރު ކަނޑުވައިލުމެވެ. އަދި، ޑިމޮކުރަސީގެ ބޭރުން އެކުލަވައިލާފައިވާ މުއައްސަސާތަކަށް ބާރުތައް ދިނުމެވެ.