ޔޫރަޕިއަން ސުޕަލީގު އުފައްދަން އެއްބަސްވި 12 ކުލަބުގެ ތެރެއިން ސްޕޭނުގެ ބާސެލޯނާއިން އެ ކުންފުނިން ވަކިވުމުން ރެއާލް މެޑްރިޑް އެކަނި ވެއްޖެ އެވެ.
ސުޕަލީގު އުފައްދަން އެއްބަސްވި 12 ކުލަބުގެ ތެރެއިން އެންމެ ފުރަތަމަ ވަކިވީ އިނގިރޭސި ހަ ކުލަބެވެ. މި ލީގު އިއުލާނު ކުރިތާ އެންމެ ހައެއްކަ ގަޑިއިރު ތެރޭގައި މި ކުލަބު ތަކުން ވަކިވީ ސަޕޯޓަރުންގެ ނުރުހުމާއި ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ ޔޫއޭފާގެ ހިތްހަމަ ނުޖެހުންތަކާ ހެދި އެވެ.
އޭގެ ފަހުން ވަކިވީ ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑާއި އިޓަލީގެ މިލާނުގެ ދެ ކުލަބު ކަމަށްވާ އިންޓަމިލާނާއި އޭސީ މިލާނެވެ. މިއަށްފަހު 2024 ވަނަ އަހަރު ސުޕަލީގު ކުންފުނިން ވަކިވީ އިޓަލީގެ ޔުވެންޓަސް އެވެ.
ބާސެލޯނާއިން ވަކިވި މައިގަނޑު ސަބަބަކީ އެ ކުލަބަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކާއެކު ޔޫއޭފާގެ ފިއްތުންތައް އިންތިހާ އަށް ދިއުމެވެ. ސުޕަލީގުން ވަކިވުމަށްފަހު ބާސެލޯނާއިން ބުނީ އެ މީހުން މިހާރު ބޭނުންވަނީ ޔޫއޭފާއާއެކު ގުޅުން ރަނގަޅު ކުރަން ކަމަށެވެ.
ސުޕަލީގުން ބާސެލޯނާ ވަކިމިވީ އެ ކުލަބުގެ އިންތިހާބު މާދަމާ އިއުލާނު ކުރަން ހަމަޖެހިފައިވަނިކޮށެވެ. މި އިންތިހާބުގައި މިހާރުގެ ރައީސް ޖޯން ލަޕޯޓާ ވެސް ވާދަކުރައްވާނެ އެވެ. ދެ ވަނަ ދައުރަކަށް ހޮވެން އަމާޒު ހިފާފައިވާ ރައީސަށް މިވަގުތު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކުލަބުގެ މާލީހާލަތެވެ. ހާއްސަކޮށް ސްޕޭނުގެ ފުޓްބޯޅައިގެ މާލީކަންކަން ހިފަހައްޓަންޖެހޭ މިންގަނޑުގައި ހިފަހައްޓައި މާލީ ގޮތުން މިނިވަންކަމާއެކު ހަރަދު ކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމެވެ. މިކަން ކުރެވެން އޮތީ ސްޕޭނިސް ލީގާއި ޔޫއޭފާ ރުއްސައިގެންނެވެ.