ޚަބަރު

އިންތިޚާބު ކާމިިޔާބު ކުރަން ބީއެންޕީއަށް އިއްތިޙާދެއް ބޭނުމެއް ނުވާނެ: ރަޙްމާން


ފެބުރުވަރީ މަހު ބަންގްލަދޭޝްގައި ބާއްވާ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމުގައި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ވެރިޔާ ޠާރިޤު ރަޙްމާން ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ، އިންތިޚާބަށް ފަހު ގުޅިފައިވާ ސަރުކާރެއް އެކުލަވައިލުމަށް ވާދަވެރި ޕާޓީތަކުން ހުށަހަޅާފައިވީ ނަމަވެސް، އެ ކަމަށް ބީއެންޕީން އިންކާރު ކުރާ ކަމުގައެވެ. އުމުރުން 60 އަހަރުގެ ރަޙްމާނަކީ، ބީއެންޕީގެ ކުރީގެ ވެރިޔާ، އަދި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ދަރިކަލުންނެވެ.

ބަންގްލަދޭޝްގެ ސިޔާސީ މަސްރަޙް ހޫނުވުމާ ގުޅިގެން އަމިއްލައަށް އަރުވައިލެއްވިގެން އިނގިރޭސިވިލާތުގައި ދެ އަހަރު ދިރިއުޅުއްވުމަށް ފަހު ރަޙްމާން އެނބުރި ދާކާއަށް ވަޑައިގަންނަވާފައި ވަނީ ޑިސެންބަރު މަހުއެވެ. ބަންގްލަދޭޝްގެ ސިޔާސީ ހަމަނުޖެހުންގަނޑުގެ ތެރެއިން އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ވެރިކަން ވަނީ ވައްޓައިލާފައެވެ. އަދި، އިސްތިޢުފާ ދެއްވުމަށް ފަހު އޭނާ ވަނީ ފިއްލަވައިގެން އިންޑިޔާއަށް ވަޑައިގަންނަވާފައެވެ.

ފެބުރުވަރީ 12ވަނަ ދުވަހު ބޭއްވުމަށް ތާވަލު ކޮށްފައިވާ އިންތިޚާބުގައި ބީއެންޕީއާ އެންމެ ގާތުން ވާދަކުރާނެ ކަމަށް ބެލެވެނީ ޖަމާޢަތު-އިސްލާމީއެެވެ. 2001ން 2006ވަނަ އަހަރަށް ބީއެންޕީން ކުރި ވެރިކަމުގައި ޖަމާޢަތު-އިސްލާމީއަކީ އެ ޕާޓީގެ އިއްތިޙާދުގެ ބައިވެރިއެކެވެ. ކުރިއަށް އޮތް އިންތިޚާބަށް ފަހު އެ ފަދަ އިއްތިޙާދެއް އެކުލަވައިލުމަށް ޖަމާޢަތު-އިސްލާމީން ވަނީ ބީއެންޕީއަށް ހުށަހަޅާފައެވެ. ނަމަވެސް، ރަޙްމާން ވަނީ އެ ކަމަށް އިންކާރު ކުރައްވާފައެވެ.

"އަޅުގަނޑުގެ ސިޔާސީ ވާދަވެރިންނާ އެކު ގުޅިފައިވާ ސަރުކާރެއް އެކުލަވާލާނީ ކިހިނެއްތޯ؟ އެހެން ހަދައިފިނަމަ އިދިކޮޅު ޕާޓީއަކަށް ވާނީ ކޮން ބައެއްތޯ؟" ބީއެންޕީގެ އޮފީހުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރަޙްމާން ސުވާލު އުފެއްދެވިއެވެ. އިންތިޚާބުގައި ޖަމާޢަތު-އިސްލާމީއަށް ކާމިޔާބު ކުރެވޭނީ ކިތައް ގޮނޑިކަން ދަންނަވަން ނޭނގުނު ނަމަވެސް، އިންތިޚާބަށް ފަހު އެއީ ހަރުދަނާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ދެމިއޮތުމަށް އުންމީދު ކުރައްވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ބީއެންޕީގެ އޮފިޝަލުން ލަފާކުރައްވާ ގޮތުގައި، ޤާނޫނު ހަދާ މަޖިލީހުގެ 300 ގޮނޑީގެ ތެރެއިން ތިންބައިކުޅަ ދެބައި އެ ޕާޓީއަށް ކާމިޔާބު ކުރެވޭނެއެވެ. ކުރިއަށް އޮތް އިންތިޚާބުގައި ބީއެންޕީން 292 ދާއިރާއަކަށް ވާދަކުރާއިރު، ބާކީ ގޮނޑިތަކަށް ވާދަކުރަނީ އެ ޕާޓީއާ ގުޅިފައިވާ ފަރާތްތަކުންނެވެ. ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ބީއެންޕީއަށް ކުރި ލިބުނު ނަމަވެސް، އެ ޕާޓީއަށް ޖަމާޢަތު-އިސްލާމީއާއި ހަސީނާގެ ވެރިކަން ވައްޓައިލުމުގައި ހަރަކާތްތެރިވި ޒުވާނުން ހިމެނޭ އިއްތިޙާދުން ބޮޑު ވާދަވެރިކަމެއް ކުރިމަތިވާނެއެވެ.

ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރަޙްމާން ވިދާޅުވީ، އިންޑިއާ ނުވަތަ ޗައިނާއަށް ވަކި ޚާއްޞަ އިސްކަމެއް ދިނުމުގެ ބަދަލުގައި، ބަންގްލަދޭޝްގެ އިޤްތިޞާދީ ކުރިއެރުމަށް އެހީތެރިވެދެވޭނެ ކޮންމެ ބައިވެރިއަކާ ގުޅިގެން މަސައްކަތް ކުރުމަށް އިސްކަން ދެއްވާނެ ކަމުގައެވެ. އޭނާ ވިދާޅުވީ، ވެރިކަން ލިބިއްޖެ ނަމަ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކަމަށާއި، އެ ކަން ކުރެވޭނީ ބޭރުގެ ވިޔަފާރިތައް ޤައުމަށް ގެނެސްގެން ކަމުގައެވެ. އަދި ބަންގްލަދޭޝްގެ މަޞްލަޙަތާއި މިނިވަންކަން ޙިމާޔަތްކުރެވޭ ގޮތަށް އެހީތެރިކަން ފޯރުކޮށްދޭ ކޮންމެ ޤައުމަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގައި ވެސް ރަޙްމާން ވިދާޅުވިއެވެ.