ޚަބަރު

ބާޒާރުމަތީ ޓްރެފިކަށް ރޯދަ މަހު ގެންނަ ބަދަލުތަކާއެކު ފަސޭހަވާނެ


  • ބާޒާރު މަތީ ސަރަޙައްދުގައި ތާރުއެޅުމަށް މިހާރުދަނީ ތައްޔާރުވަމުން

  • ފުލުހުން ވިދާޅުވީ މަސް މާރުކޭޓުގެ ދެފަޅިންވެސް ރަމަޟާން މަހު ޓްރެފިކް ފްލޯ ފަސޭހަވާނެކަމަށް

ރަމަޟާން މަހު މާލެތެރޭގައި އެންމެ ބާރު ބޮޑުވާ އެއް ސަރަޙައްދަކީ، ބާޒާރު މަތީ ސަރަޙައްދެވެ. ބާޒާރު ކުރުމަށާއި މަސް މާރުކޭޓަށް ދާ މީހުންގެ އިތުރުން ބަނދަރު މަތީ ސަރަޙައްދުގައި މުދާ އަރުވާ ބޭލުމުގައި ގިނަ ބަޔަކު ރަމަޟާން މަހު ހަރަކާތްތެރިވެއެވެ.

އެހެންކަމުން ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު އެސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކުރުމަށް ފުލުހުން ޓްރެފިކް ފްލޯއަށް ބަދަލު ގެނެސް އެސަރަޙައްދު ޕެޓްރޯލްކުރުމުގެ މަސައްކަތް ކުރެއެވެ. މިއަހަރު މިމަންޒަރު ވަރަށް ބޮޑަށް ބަދަލުވާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

ރަމަޟާން މަހަށް ތައްޔާރުވުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދަވައެވެ. އެގޮތުން އެހެން މަސްމަހަށްވުރެ ގިނައިން މުދާ އެރުވުމާއި ބޭލުމުގެ މަސައްކަތް ބަނދަރު ސަރަޙައްދުގެ އިތުރުން ފިހާރަތަކާއި ގުދަންތަކުގައި ކުރިއަށްގެންދާ މަހަކަށްވުމުން އެކަމަށް ފުލުހުންގެ އޮޕަރޭޝަންގެ ތެރެއިން ޚާއްސަ ސަމާލުކަމެއް ދެއްވައެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މިއަހަރުވެސް ބާޒާރު މަތީ ބޭރުމަގުގެ ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހެޑް އޮފް ޓްރެފިކް ޕޮލިސް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ޢިމްރާން ވިދާޅުވީ، ބާޒާރު މަތީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީވެގެންދިޔުމުން، އެސަރަޙައްދު ބެލެހެއްޓުމުގައި ފުލުހުންނަށްވެސް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެކަމަށެވެ.

"މަގުގެ މަސައްކަތް ނިމިގެންދާއިރު އަސްލު ވަރަށް ބޮޑަށް ފަސޭހަވާނެ އެސަރަޙައްދުގެ ޓްރެފިކް ފްލޯއަށް. އެހެންވީމަ ޓްރެފިކް ޖޭމްނުވެ އެމަގުގެ ބޭނުން ކުރެވޭނެ." ފުލުހުން ވިދާޅުވިއެވެ.

ބޭރު މަގު ތަރައްޤީކުރަމުންދަނީ 4 ލޭނަށެވެ. އެހެންކަމުން މަގު ދެފަޅިން މުދާ ބޭލުމުގެ މަސައްކަތްކުރިނަމަވެސް ދުއްވުމަށް ދަތިނުވާނެގޮތަށް އިންތިޒާމުކުރެވޭނެކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ ބޭރުމަގު ތަރައްޤީކުރެވުމުން ހަވީރީ ހިނގުން ނުވަތަ މަސްމާރުކޭޓު ފުރަގަހަށް އޮންނަ މަގުގެ ޓްރެފިކް ފްލޯ ބޭރުމަގަށް ބަދަލުވާނެކަމަށެވެ. އެއާއެކު އާންމުގޮތެއްގައި މަސްމާރުކޭޓުގެ ދެފަޅިން ޓްރެފިކަށް އޮންނަ ލޯޑުކުޑަވާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ބާޒާރުމަތީ، ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާއި ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތަރައްޤިކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އެސަރަޙައްދުގެ މަސައްކަތް ރަމަޟާން މަހަށް ނިންމާ މަގު އާންމުންނަށް ހުޅުވާލުމަށްދަނީ މަސައްކަތް ކުރަމުންނެވެ. އެމްޓީސީސީން ވިދާޅުވާ ގޮތުގައި މިހާރުދަނީ ތާރުއެޅުމަށްޓަކައި ތައްޔާރުވަމުންނެވެ.