ފުޓުބޯޅައަށް ގިނަ ޚިދުމަތްތަކެއް ކޮށްފައިވާ ފަރާތްތަކެއްގެ ބައްޕަ ކަމަށްވާ، ކްލަބް އީގަލްސްގެ ފުރަތަމަ މުއައްސިސް، ޙަސަން ޢަލީ ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޙަސަން އަލީ ނިޔާވީ، ލޭގެ ޕްރެޝަރު ދަށްވެ، މިދިޔަ ބުރާސްފަތި ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް، ރޭގެ ވަގުތެއްގައެވެ.
ޙަސަން ޢަލީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުގެ އަޞްރު ނަމާދަށްފަހު، މާލޭގައި ހުންނަ އާސަހަރާ މިސްކިތުގައެވެ.
އީގަލްސްގެ ފުރަތަމަ މުއައްސިސް ޙަސަން ޢަލީ އަކީ، ފުރުސަތު ނުލިބިފައި ތިބި އެތައް ޒުވާން ކުޅުންތެރިންތަކެއް ފުޓުބޯޅައިގެ ތެރެއަށް ނެރެދިން ހިއްސާދާރެވެ. އެގޮތުން ކުލަބެއް ރަޖިސްޓްރީކުރަން ބޭނުންވެ، އުމުރު ހަމަނުވާތީވެ އެކަން ނުކުރެވިފައި ތިބި ޒުވާނުންތަކަކަށް، ކްލަބް އީގަލްސްގެ ނަމުގައި ކުލަބެއް ރަޖިސްޓްރީކޮށްދިނީ އެ ކުލަބުގެ މަސައްކަތް ފަށައިގަތުމުގައި ވެސް އެންމެ ބޮޑު ދައުރެއް އަދާކުރީ ޙަސަން ޢަލީއެވެ.
ޙަސަން ޢަލީ އަކީ ޤައުމީ ޓީމާއި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކެއްގެ ކޯޗުކަން ވެސް ކޮށްފައިވާ ޢަލީ ސުޒެއިންއާއި މިވަގުތު ޔުނައިޓެޑް ވިކްޓްރީގެ ކޯޗުގެ މަގާމުގައި ހުރި މުޙައްމަދު ނަޒީހުގެ ބައްޕައެވެ. މީގެއިތުރުން ވިކްޓްރީއާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި ވީބީ އައްޑޫ އެފްސީއަށް ކުޅެފައިވާ ހުނަރުވެރި ޑިފެންޑަރު އިބްރާހީމް ސިނާޒް (ސިނާ) އާއި ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ގޯލްކީޕަރު ޓްރެއިނަރެއްގެ ގޮތުގައި 30 އަހަރު ޚިދުމަތްކުރި އަޙުމަދު ރިޔާޒް (ގާނާ) އަކީ ވެސް ޙަސަން ޢަލީގެ ދަރިންނެވެ.
މި ހަތަރު ބެއިންގެ ތެރެއިން ފުޓުބޯޅައިގައި އެންމެ ފާޙަގަކޮށްލެވެނީ ޢަލީ ސުޒެއިންގެ ނަމެވެ.
އެގޮތުން ސުޒެއިން ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ވިކްޓްރީ އާއި ވެލެންސިއާއަށް ކުޅެ، ވިކްޓްރީއާއި މާޒިޔާއާއެކު ގިނަ ކާމިޔާބީތަކެއް ކޯޗެއްގެ ގޮތުގައި ހޯދާފައެވެ. ރާއްޖޭގެ އެންމެ ކާމިޔާބު ކޯޗުގެ ގޮތުގައި ފާހަގަކުރެވޭ ސުޒެއިން ވަނީ 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ޤައުމީ ޓީމަށް ކޯޗުކަންކޮށްދީފައެވެ.