ޚަބަރު

ވެލެންސިއާގެ ތުހުމަތުތައް ގްރީންއިން ދޮގުކޮށްފި


  • ވެލެންސިއާއިން ވަނީ ގްރީން އިން މެޗުފިކްސިންގެ އަމަލެއް ހިންގީކަމަށް ތުހުމަތުކޮށްފަ

  • މައްސަލަ ފީފާއަށާއި އޭއެފްސީއަށް ހުށަހަޅާނެކަމަށް ވެލެންސިއާއިން ބުނެފައިވޭ

  • ގްރީން އިންވަނީ ތުހުމަތުތަކަށް އިންކާރުކޮށް، އެފަދަ ވާހަކަ ނުދެއްކުމަށް ގޮވާލާފަ

ދިވެހި ލީގުގައި މި ސީޒަނުގައި ކްލަބް ގްރީން ސްޓްރީޓްސް ކުޅެން އޮތް ފަހު މެޗު، ގަސްތުގައި ދޫކޮށްލީކަމަށް ބުނެ ކުރާ ތުހުމަތުތައް އެ ކުލަބުން ދޮގުކޮށްފިއެވެ.

ލީގުގެ ފަހު މެޗުގައި ގްރީން ނުކުންނަން އޮތީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެހެންނަމަވެސް މެޗުގެ ވަގުތު ޖެހުނުއިރު ވެސް، މެޗު ފެށުމަށް ބޭނުންވާ މިންވަރަށް އެ ކުލަބުގެ ކުޅުންތެރިން ދަނޑަށް ހާޒިރުވެފައެއް ނުވެއެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ގްރީންގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ވެސް މެޗަށް ހާޒިރުވެފައި ނުވާއިރު، ބުރާސްފަތި ދުވަހުގެ ހަވީރު އޮތް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ރައުންޑް އޮފް 16 ގައި މައްޗަންގޯޅިއާއި ބ. އޭދަފުށި ބައްދަލުކުރި މެޗުގައި، މައްޗަންގޯޅި ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ރިލްވާން ކުޅެފައިވެއެވެ.

ކުޅުންތެރިން ހާޒިރުނުވުމާ ގުޅިގެން މެޗުން އެ ޓީމު ބަލިވީ ކަމަށް ކަނޑައަޅައި، 0-2 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް މޮޅުވީކަމަށް ވަނީ ނިންމާފައެވެ.

މިއާއެކު، މި މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ރެލިގޭޝަން ޕްލޭ އޮފްގައި ކުޅުމުގެ ފުރުސަތު ލިބެން އޮތް ކްލަބް ވެލެންސިއާ ވަނީ ފުރަތަމަ ޑިވިޝަނުން ރެލިގޭޓުވެފައެވެ. ޕްލޭއޮފްގެ ޖާގައެއް ވެލެންސިއާއަށް ލިބެން އޮތީ އެ މެޗުން 0-5 ގެ ފަރަގަކުން ގްރީން ބަލިވެގެންނެވެ.

ދިވެހި ޕްރިމިއަރ ލީގުގެ ގަވައިދު ބުނާގޮތުން މެޗެއް ނުކުޅެ ދޫކޮށްލައިފިނަމަ އެ ޓީމެއް ބަލިވީކަމަށް ކަނޑައަޅާނީ ދެ ލަނޑުގެ ތަފާތުންނެވެ.

މިއާއެކު ވެލެންސިއާއިން ވަނީ ނުރުހުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، ލީގުގެ ގަވައިދުގައިވާ މި މާއްދާގެ އެޑްވާންޓޭޖް ނަގައި، އަމިއްލައަށް ނަތީޖާ ކަނޑައެޅުމަކީ ވެސްމެޗުގެ ނަތީޖާ ފިކްސްކުރުންކަމަށް ބެލެވޭނެކަން ފާޙަގަކޮށް، ގްރީން ސްޓްރީޓްސްއަށް މެޗް ފިކްސިންގެ ތުހުމަތުކޮށްފައެވެ.

އަދި މި މައްސަލަ އޭއެފްސީ އަށާއި ފީފާއަށް ވެސް ހުށަހަޅާނެކަމަށް ވެލެންސިއާއިން ބުނެފައިވެއެވެ.

މި ބަޔާނާ ގުޅިގެން އަދި މިކަމުގެ ޚަބަރު މީޑިއާތަކުން ޝާއިރުކުރަމުންދާތީއާއެކު ގްރީން ސްޓްރީޓްސްއިން ނެރުނު ބަޔާނެއްގައި ބުނީ، ގްރީން އިން މެޗުފިކްސިންގެ އަމަލެއް ހިންގިކަމުގެ އަދި ކުޅިވަރުގެ ރޫހާ ޚިލާފަށް އެއްވެސް ކަމެއް ކުރިކަމުގެ ހެކި ފެންނަން ނެތް ކަމަށާއި، ގަސްތުގައި މެޗު ދޫކޮށްލީކަމަށް ބުނެ އަޅުވަމުންދާ ތުހުމަތަށް އިންކާރުކުރާ ކަމަށެވެ.

އަދި ގްރީންއާ ގުޅުވައި މިފަދަ ވާހަކަ ދެއްކުމުން މީޑިއާތަކާއި އާންމުން ވެސް ދުރުވުމަށާއި، މިކަމާ ގުޅިގެން އެފްއޭއެމް އިން ނިންމާ ނިންމުމަކަށް މަޑުކުރުމަށް އެ ބަޔާނުގައި ގޮވާލާފައިވެއެވެ.

އަދި ގްރީން އިން އަބަދުވެސް، ފުޓުބޯޅައިގެ ރީތި އުސޫލުތައް ދަމަހައްޓާނެ ކަމަށާއި އެއްވެސް ކުލަބެއްގެ ވެސް އަދި ކުޅުންތެރިއެއްގެ ވެސް ހައްގަށް އުނިކަމެއް އައިސްދާނެކަމެއް ގަސްތުގައި ގްރީންއިން ނުކުރާނެކަމަށް އެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

މި މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ބަލާނެއެވެ. އަދި މެޗު ދޫކޮށްލުމުން 25،000ރ ގެ ޖޫރިމަނާއަކާ ވެސް އެ ކުލަބަށް ކުރިމަތިވާނެއެވެ.