ޚަބަރު

ދެއްވަދޫ، ތިމަރަފުށި، ކުޑަހުވަދޫ އަދި ވިލިމާލެ ކުއާޓަރ އަށް


  • ދެއްވަދޫއިން ވަނީ ކެޔޮދޫގެ މައްޗަށް 2-4 އިން ކުރިހޯދާފައި

  • ތިމަރަފުށިން މާރަންދޫ ބަލިކުރީ 0-3 އިން

  • ކުޑަހުވަދޫއިން ކަނޑިތީމު ބަލިކުރީ 1-3 ގެ ނަތީޖާއަކުން

  • ވިލިމާލެއިން ގާފަރު ބަލިކޮށް ކުއާޓާއަށް ދަތުރުކުރީ ޕެނަލްޓީގައި ކުރިހޯދައިގެން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓަރ ފައިނަލުގެ ޖާގަތައް، ގއ. ދެއްވަދޫއާއި ތ. ތިމަރަފުށީގެ އިތުރުން ކުޑަހުވަދޫއާއި ވިލިމާލެއިން ހޯދައިފިއެވެ.

މުބާރާތުގައި ބުރާސްފަތި ދުވަހު ކުޅުނު ގަދަ 16 މެޗުގައި ވ. ކެޔޮދޫގެ މައްޗަށް ދެއްވަދޫއިން ކުރިހޯދީ 2-4 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ދެއްވަދޫގެ ލަނޑުތައް ޖަހައިދިނީ އަހްނަފް ރަޝީދު (އަހުއްކޮ) އާއި އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) ގެ އިތުރުން ޢަލީ ހައިސަމް (ޗުމްޕު) އެވެ. އަހްނަފް ވަނީ ދެ ލަނޑު ޖަހައިފައެވެ.

ކެޔޮދޫގެ ލަނޑުތައް ޖަހައިދިނީ ނާއިލް މުޙައްމަދު ނަސީރާއި އަޙްމަަދު ރައްޔާން އާދަމެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހައިސަމެވެ.

ތިމަރަފުށިން ކުއާޓަރ ގެ ޖާގަ ކަށަވަރުކުރީ މާރަންދޫގެ މައްޗަށް 0-3 އިން ކުރިހޯދައިގެންނެވެ. ތިމަރަފުށީގެ ތިން ލަނޑުގެ ތެރެއިން ދެލަނޑު ޢަބްދުﷲ ޒިޔަން ކާމިޔާބުކޮށްދިންއިރު އަނެއް ލަނަޑަކީ މާރަންދޫގެ ހުމެއިދު ހުސެއިން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކީ ތިމަރަފުށީގެ ޒިޔަންއެވެ.

މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ކުޑަހުވަދޫއިން ހޯދީ ށ. ކަނޑިތީމުގެ މައްޗަށް 1-3 އިން ކުރިހޯދައިގެންނެވެ.

ކުޑަހުވަދޫގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު އަޔާޒާއި ޖުމައިލް ޖަމީލް (ޖުމްބެ) އެވެ. އަޔާޒް ވަނީ މެޗުގައި ދެ ލަނޑު ޖަހައިފައެވެ. ކަނޑިތީމުގެ ލަނޑު ޖެހީ އިސްމާޢީލް ނިހާނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަހުވަދޫގެ ޖުމައިލެވެ.

ވިލިމާލެއިން މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކުރީ ޕެނަލްޓީ ޖަހައިގެން ކ. ގާފަރުގެ މައްޗަށް ކުރިހޯދައިގެންނެވެ.

މި މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ހަމަވީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

އެހެންކަމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު ޕެނަލްޓީގައި ވިލިމާލެއިން ކުރިހޯދީ 8-9 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިލިމާލޭގެ އަލީ ޝިޔާޙެވެ.

މުބާރާތުގެ ކުއާޓަރ ފައިނަލުގައި ތިމަރަފުށި ނުކުންނާނީ ދެއްވަދޫއާ ދެކޮޅަށެވެ. ކުޑަހުވަދޫއާ ދެކޮޅަށް ކުއާޓާގައި ކުޅޭނީ ވިލިމާލެއެވެ.

މުބާރާތުގެ ރައުންޑް އޮފް 16 ގައި މިރޭ ހދ.ނައިވާދޫއިން މ. ދިއްގަރާ ދެކޮޅަށް ނުކުންނައިރު އއ.މަތިވެރިން ލ.އިސްދޫއާ ދެކޮޅަށް ނުކުންނާނެއެވެ.