ޚަބަރު

އެއްފަހަރާ ގިނަ މަޝްރޫޢުތައް ފަށަން ބޭނުންވާ މެޝިނަރީ ގެންނަނީ


  • 230 އުޅަނދު ރާއްޖެ ގެންނާނެ

  • ރައީސް ވިދާޅުވީ އެޕްރީލް މަސް ނިމުމުގެ ކުރިން ތަކެތި ގެންނާނެކަަމަށް

  • ގުޅިފަޅާއި ގިރާވަރު ފަޅުގެ މަގު ހެދުމާއި، އަތޮޅުތަކުގެ މަޝްރޫޢުތައް ގެންދާނެ

ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ދުވެލި ޙަލުވިކޮށް އެއްފަހަރާ ގިނަ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް، ބޭނުންވާ ގިނަ ޢަދަދެއްގެ މެޝިނަރީ ރާއްޖެއަށް ގެނައުމަށް ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމެއް ޤާއިމުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވަނީ އެއްފަހަރާ ގިނަ ރަށްތަކެއްގެ މަސައްކަތް ޚަރަދު ކުޑަކޮށް އަމިއްލަ ކެޕޭސިޓީގައި ކުރެވޭ ވަރަށް، ގިނަ ވަސީލަތްތައްތަކެއް މިއަހަރު އޭޕްރިލް މަސް ނިމުމުގެ ކުރިން ރާއްޖެ ގެންނާނެކަމަށް ވިދާޅުވެފައެވެ.

ގިނަ ޢަދަދެއްގެ މެޝިނަރީ ގެންނަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއިން، ޗައިނާގެ އެކްސް.ސީ.އެމް.ޖީ (XCMG) އާ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން (އައިޑީއެސް) އާއި ދެމެދު ވެފައިވާ އެއްބަސްވުމުގެދަށުންނެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމެވެ. ޗައިނާގެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސައުތު އޭޝިއާ ސަރަޙައްދުގެ ޖެނެރަލް މެނޭޖަރ ޓޫ ހުއި އެވެ. މި ރަސްމިއްޔާތުގައި ދެ ކުންފުނީގެ އިސް ފަރާތްތައް ބައިވެރިވިއެވެ.

ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަގު ހެދުމުގެ މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމުގެ މަސައްކަތްތައް ހަލުއި ކުރުމަށާއި އެކި މެޝިނަރީ އާއި އިކުއިޕްމަންޓް ކުއްޔަށް ނަގަންޖެހި މަޝްރޫއުތަކުގެ ޚަރަދު ބޮޑުވާ މައްސަލަ ޙައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

އެއްފަހަރާ ގިނަ ރަށްތަކެއްގެ މަސައްކަތް ޚަރަދު ކުޑަކޮށް އަމިއްލަ ކެޕޭސިޓީގައި ކުރެވޭ ވަރަށް، ކަމާގުޅޭ ޒަމާނީ އެންމެހާ މެޝިނަރީ އާއި އިކުއިޕްމަންޓް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް މިއަހަރު އެޕްރީލް މަސް ނިމުމުގެ ކުރީން ގެންނާނެކަމަށް ރައީސް ވިދާޅުވީއެވެ.

"މިގޮތަށް ގެނެވޭ މެޝިނަރީގެ އެއް ސެޓަޕް ގުޅިފަޅަށް މޮބިލައިޒްކޮށް، ސަރުކާރުގެ ކަމާބެހޭ އެންމެހާ މިނިސްޓްރީތަކާއި ކުންފުނިތައް ގުޅިގެން، ގުޅިފަޅުގެ ފެނާ ނަރުދަމާ އާ ކަރަންޓު އަދި މަގު ހެދުމުގެ މަސައްކަތް މިއަހަރުގެ މެއި މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފަށާނަން. ހަމަ އެފަދައިން، ގިރާވަރުފަޅުގެ ބިން ހިއްކާ ނިމުމުން، އިތުރު ސެޓަޕެއް ގިރާވަރުފަޅަށް ގެންގޮސް، ގިރާވަރުފަޅުގެ ފެނާ ނަރުދަމާ އާ ކަރަންޓު އަދި މަގު ހެދުމުގެ މަސައްކަތް މިއަހަރުގެ މެދު ތެރޭގައި އިރާދަކުރެއްވިއްޔާ ފަށާނަން." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މާލެ އަދި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީކުރުމުގެ މަޝްރޫއުގެ ޑިޒައިން މަސައްކަތްތައް މި އަހަރު ކުރީކޮޅު ފެށުމަށް ހަމަޖެހިފަވާއިރު، ޢަމަލީ މަސައްކަތް މި އަހަރުގެ ފަހު ކޮޅު ފެށުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

‏ޗައިނާގައި ސޮއިކުރި މި "ބިޒްނަސް ކޯޕަރޭޝަން އެގްރީމަންޓް"ގެ ދަށުން މަގު ހެދުމަށް ބޭނުންވާ އަސްފަލްޓް މެޝިނަރީ ހިމެނޭހެން ޖުމްލަ 230 މެޝިނަރީ ރާއްޖެއަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

‏މީގެ އިތުރުން، މި މެޝިނަރީ ތަކަށް ބޭނުންވާ މަރާމާތުގެ ޚިދުމަތްދޭ މަރުކަޒާކާއި، ސްޕެއަރ ޕާޓްސް ވިއްކާ މަރުކަޒެއް ޗައިނާގެ އެ ދެ ކުންފުނި ގުޅިގެން ރާއްޖޭގައި ގާއިމުކުރުމަށް ވެސް މި އެއްބަސްވުމުގައި ވަނީ ކަނޑައަޅާފައެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ތަރައްޤީގެ ދުވެލި ހަލުވިވެ، ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް އާރްޑީސީން ވިދާޅުވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް އަންނަނި ހިންގަމުންނެވެ. އެގޮތުން ޔުޓިލިޓީ ވިއުގަތައް ޤާއިމުކުރުމުގައި ލަފާފުރުމުގެ މައްސަލަތައް ޙައްލުކުރުމުގެ މަޝްރޫޢުތަކާއި މަގު ހެދުމާއި ބިންހިއްކުމާއި އަދިވެސް މުހިންމު ދާއިރާތަކުން ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ.