ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާން 2026 ގައި ކުޅިވަރުގެ ދާއިރާއިން މިއަހަރުތެރޭގައި ހިންގަވާ ބޮޑެތި މަޝްރޫއުތައް އިއުލާނު ކުރައްވާފައިވާއިރު މިއީ އުންމީދީ އަހަރަކަށް ވެގެންދާނެއެވެ.
ބައިނަލްއަގްވާމީ މުބާރާތްތައް ކުޅެވޭ ފެންވަރަށް މަލްޓި ސްޓޯރީ ފުޓްސަލް ކޮމްޕްލެކްސް އާއި މަލްޓި ސްޓޯރީ ނެޓްބޯޅަ ކޮމްޕްލެކްސް ކޮމްޕްލެކްސްގެ މަސައްކަތް އޭޕްރީލުމަހު ފައްޓަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވިއެވެ. އަދި މި ދެ ކޮމްޕްލެކްސް ތަރައްޤީކުރައްވާނީ ބައިނަލްއަގްވާމީ ފެންވަރުގެ ސްޓޭޑިއަކާއި، އިތުރު ހަތަރު ޓްރޭނިން ޕިޗް ހިމެނޭ ގޮތަށް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން 1200 މީހުންގެ ޖާގައިގެ ޒަމާނީ ފެންވަރުގެ ވަސީލަތްތައް ފުރިހަމަ 16 ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތްވެސް ކުރިޔަށްދާ ކަމަށާއި، މިއަހަރު އިތުރު ފަސް ރަށެއްގައި ސްޕޯޓްސް ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ހަވާލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ޒުވާނުންގެ މެދުގައި މަގްބޫލު ރޭސިންއާއި ޑްރިފްޓިން އަށް ބޭނުންވާ ޓްރެކް ހެދުމަށް މިއަހަރުގެ މާޗްމަހުގެތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ފައްޓަވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މާލޭ އުސްފަސްގަނޑުގައި ގާއިމުކުރަމުންދާ ސްޕީޑް ސްކޭޓިންގއަށް ޚާއްސަ ޓްރެކަކާއި ސްކޭޓް ބޯޑް ދުއްވުމަށް ޚާއްސަ ޕާކެއް ހިމެނޭގޮތަށް ތަރައްގީ ކުރާ ސްކޭޓް އެރީނާ މާޗްމަހުގެ މަހު ހުޅުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އީ ސްޕޯޓިންގެ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް ކުދިބޮޑު އެންމެނަށް ބޭނުންކުރެވޭ ގޮތަށް މާލޭގައި އީ ސްޕޯޓްސް އާކޭޑެއް ގާއިމުކުރުމުގެ މަސައްކަތްވެސް މިއަހަރު ފައްޓަވާދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން 879 މަޝްރޫއެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިޔަށްދާ ކަމަށާއި، ކުރިޔަށް އޮތް 12 މަސް ދުވަހުގެތެރޭގައި މަސައްކަތް ނިންމާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިސަރުކާރުން މިދިޔަ އަހަރު 33 މަޝްރޫއެއް ނިންމާފައިވާނެ ކަމަށާއި، ކުރީ ސަރުކާރުން ފަށާ ނުނިންމާ ހުރި 59 މަޝްރޫއެއް މިދިޔަ އަހަރު ވާނީ ނިންމާފަ ކަމަށެވެ. މިސަރުކާރުން ކުޅިވަރުގެ 92 މަޝްރޫއު މިހާތަނަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މިއަހަރަކީ ކުޅިވަރުގެ ދާއިރާ މީގެ އިތުރުންވެސް ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ފެށިގެންދާނެ އަހަރެކެވެ. އެގޮތުން އައު ފުޓްބޯޅަ ސްޓޭޑިއަމާއި، ރަށްރަށުގައި ގާއިމުކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި އެކި ކުޅިވަރުތަކަށް ހާއްސަ އެރީނާތައް އެޅުމުގެ މަސައްކަތް ކުރިޔަށްދާނެއެވެ.
ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއް ރާއްޖެއަށް ގެނައުމުގެ ފުރުސަތު ފަހިކުރުމަށް ގިނަ ވަސީލަތްތައް ގާއިމުކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ ކުޅިވަރުގެ ދާއިރާ ތަރައްޤީކުރެއްވުމަށް އެމަނިކުފާނު ނުހަނު އިސްކަން ދެއްވާ ކަމަށެވެ.
މިއީ ހަށިހެޔޮ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމާއި، ބަލިތަކުން ރައްކާތެރިވުމަށް ކުޅިވަރުގެ ދާއިރާގެ ތަރައްޤީއަކީ މުހިންމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.