ޚަބަރު

ރޭސިން އެރީނާގެ ބިން ހިއްކުމުގެ މަސައްކަތް މާރޗު މަހު ފަށަނީ


  • ރޭސިންގ ޓްރެކް އެޅުމަށް ހަމަޖެހިފައިވަނީ އެމްއޭސީއެލް އިން އިންވެސްޓްކުރާ ގޮތަށްމި ޓްރެކް ހަދަނީ، ބްރިޖުން ފެށިގެން ހުޅުމާލެއަށްދާން އޮންނަ ހައިވޭގައި

ރޭސިން އަދި ޑްރިފްޓިންއަށް ޙާއްސަ އެރީނާއެއް އެޅުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ އެރީނާ އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މި އަހަރުގެ މާރޗު މަހުގެ ތެރޭގައި ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.

ރައީސް މިކަން އިއުލާނުކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވައި، ކުޅިވަރުގެ ދާއިރާ ކުރިއަރުވައި ތަރައްގީކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލް ހިއްސާކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

"ރޭސިން އާއި ޑްރިފްޓިންއަށް ޙާއްސަ އެރީނާ ޤާއިމްކުރުމަށްޓަކައި ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މި އަހަރުގެ މާޗު މަހުގެ ތެރޭގައި ފެށިގެންދާނެ". ރައީސް ވިދާޅުވިއެވެ.

މާލޭ ސަރަޙައްދުގައި ރޭސިންގ ޓްރެކު ހެދުމަށް ބްރިޖު ހައިވޭ ބޭރުން ބިމެއް ހިއްކުމަށް ހަމަޖެހިފައިވާކަން ރައީސް ހާމަކުރެއްވީ މިދިޔަ އަހަރުގެ މެއި މަހުގެ ތިންވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ މަސައްކަތް ސަރުކާރުން ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފައެވެ. އެ ރޭސިންގ ޓްރެކް އެޅުމަށް ހަމަޖެހިފައިވަނީ އެމްއޭސީއެލް އިން އިންވެސްޓްކުރާ ގޮތަށެވެ.

އެ ދުވަހު ރައީސް ހާމަކުރެއްވި ގޮތުގައި މި ޓްރެކް ހަދަނީ، ބްރިޖުން ފެށިގެން ހުޅުމާލެއަށްދާން އޮންނަ ހައިވޭގައި ހުންނަ ސޯލަރ ޕެނަލްތަކުގެ ބޭރުން ބައެއް ހިއްކައިގެންނެވެ. ރައީސް ވިދާޅުވީ، މިގޮތަށް ރޭސިންގ ޓްރެކެއް އެޅުމަށް ހަމަޖެހިފައިވަނީ މީހުން އުޅޭ ސަރަހައްދުގައި ރޭސިންގ ޓްރެކެއް އެޅުމަކީ އެންމެ ރައްކާތެރިގޮތްކަމަށް ނުބެލެވޭތީކަމަށެވެ.

ރޭސިންގ ޓްރެކެއް އެޅޭނީ ޓްރެކެއް އެޅުމަށް ބޭނުންވާ ދިގުމިން ހުންނަ ތަނެއްގައިކަމަށްވުމާއެކު، ހައިވޭގެ ބޭރު ސަރަހައްދަކީ އެ ޓްރެކް އެޅުމަށް ހިއްކައިގެން ބިން ލިބޭނެ ސަރަހައްދެއްކަމަށް ރައީސް ވިދާޅުވިއެވެ.