ޚަބަރު

ސަރުކާރުގެ ސިޔާސަތަކީ ދުޅަހެޔޮ ސިއްހަތަކަށް ކުޅިވަރުގެ ދައުރު ބޮޑުކުރުން: ރައީސް


  • ސަރުކާރުން ފެށި 33 މަޝްރޫއެއްގެ އަމަލީ މަސައްކަތް މިދިޔަ އަހަރު ނިންމާފައިވޭ

  • ނުނިންމާހުރި 59 މަޝްރޫޢެއް، މިދިޔަ އަހަރުގެ ތެރޭގައި މި ސަރުކާރުން ނިންމާފައިވޭ

މި ސަރުކާރުގެ ސިޔާސަތަކީ ދިވެހި ރައްޔިތުންނަށް ދުޅަހެޔޮ ސިއްޙަތެއް ހޯދައިދިނުމުގައި، ކުޅިވަރު އަދާކުރާ ދައުރު ބޮޑުކުރުންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

މި އަހަރަށް މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބަލިބަލިން ރައްކާތެރިވުމުގެ ސިޔާސަތު ތަންފީޛުކުރުމުގައި އެންމެ މުހިންމު އިސްކަމެއް ދޭން ޖެހޭނީ، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތަކުން ރައްކާތެރިވެ، ޖިސްމާނީ ގޮތުން ހަށިހެޔޮ ރައްޔިތުންތަކެއް އުފެއްދުމަށް ކަމަށެވެ.

"ބަލިބަލިން ރައްކާތެރިވުމުގެ ސިޔާސަތު ތަންފީޛުކުރުމުގައި އެންމެ އިސްކަމެއް ދޭންޖެހޭނީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތަކުން ނުވަތަ ލައިފްސްޓައިލް ޑިޒީޒަސް ތަކުން ރައްކާތެރިވެ، ދުޅަހެޔޮ، ޖިސްމާނީ ގޮތުން ހަށިހެޔޮ ރައްޔިތަކަށް ވުމަށް. މިކަން ހާސިލްކުރުމަށްޓަކައި ކުޅީވަރާއި ހަށިހެޔޮކަމުގެ ދާއިރާ ތަރައްގީކުރުމަކީ ނުހަނު މުހިންމުކަމެއް ކަމަށް މި ސަރުކާރުން ދެކެން". ދުޅަހެޔޮ ސިއްހަތަކަށް ކުޅިވަރުގެ ދައުރު ބޮޑުކުރުމަކީ މި ސަރުކާރުގެ ސިޔާސަތުކަން ހާމަކުރައްވައި ރައީސް ވިދާޅުވިއެވެ.

މިކަން ޙާސިލުކުރުމުގައި، ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާ ތަރައްގީކުރުމަކީ ނުހަނު މުހިންމު ކަމެއްކަމުގައި މި ސަރުކާރުން ދެކޭ ކަމަށާއި، އެކަމަށްޓަކައި ސަރުކާރުން ކޮށްފައިވާ މުހިންމު މަސައްކަތްތަކާއި ކުރަން ނިންމާފައިވާ މުހިންމު ކަންތައްތަކެއް ރައީސް ހިއްސާކުރެއްވިއެވެ.

އެގޮތުން، މި ދާއިރާއިން ސަރުކާރުން ފެށި 33 މަޝްރޫއެއްގެ އަމަލީ މަސައްކަތް މިދިޔަ އަހަރު ނިންމާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އަދި މި ސަރުކާރުން ހަވާލުވިއިރު ނުނިންމާހުރި 59 މަޝްރޫޢެއް، މިދިޔަ އަހަރުގެ ތެރޭގައި މި ސަރުކާރުން ނިންމާފައިވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިން ޖުމްލަ 92 މަޝްރޫޢެއް، މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ނިންމާފައެވެ. މީގެއިތުރުން މި ސަރުކާރުން ފެށި، ކުޅިވަރާއި ހަށިހެޔޮކަމުގެ 879 މަޝްރޫއެއްގެ މަސައްކަތް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ހުރިހާ މަޝްރޫޢެއް ވެސް، ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރާނެކަމުގެ ޔަގީންކަން، ރިޔާސީ ބަޔާން އިއްވަވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ދެއްވާފައިވެއެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި، މި ސަރުކާރުން ގެންދަނީ ކުޅިވަރު ވަސީލަތްތައް ހަމައެކަނި މާލެ ސަރަހައްދުގައި ބިނާކުރުމުގެ ބަދަލުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ވަސީލަތްތައް ލިބޭނެ މަގު ފަހިކޮށްދެމުންނެވެ.

އެގޮތުން މަލްޓި ޕާޕަސް ސްޕޯޓްސް ކޮމްޕްލެކްސްތަކާއި، އައުޓްޑޯ ޖިމްތަކާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ހުޅުވުމުގެ އެތައް މަޝްރޫއެއް ސަރުކާރުން ވަނީ ފަށާފައެވެ.