ޚަބަރު

ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އަހަރަކު 400 ޑޮލަރު ސަރުކާރުން ޖަމާކޮށްދެނީ


  • ފަތުރުވެރިކަމުން ލިބޭ ނަފާ ރައްޔިތުންގެ ޖީބަށް ސީދާގޮތެއްގައި ވަންނާނެ މަގެއް ނެތްކަމަށް ވިދާޅުވި

  • ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ތިން އަހަރުގެ ތެރޭގައި 10 ރިސޯޓެއް ތަރައްޤީކުރާނެ

  • މި ރިސޯޓުތަކުގެ ހިއްސާދާރުންނަށް ދިވެހި ރައްޔިތުން ވާނެ

ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ނަފާ ސީދާގޮތެއްގައި ދިވެހި ކޮންމެ ރައްޔިތެއްގެ ޖީބަށް ވަންނާނެ ގޮތް ހެދުމަށްޓަކައި، ކޮންމެ ރައްޔިތެއްގެ ބޭންކު އެކައުންޓަށް އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާކޮށްދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިކަން އިއުލާނުކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަން ފެށުނުތާ 54 އަހަރު ވެފައިވާއިރު، މި ސިނާއަތުން ލިބޭ ނަފާ ރައްޔިތުންގެ ޖީބަށް ސީދާގޮތެއްގައި ވަންނާނެ މަގެއް މިހާތަނަށް އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައި ނުވާ ކަމަށެވެ. އަދި ފަތުރުވެރިކަމަކީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް އެންމެ ބޮޑަށް ބޭނުންކުރާ ސިނާއަތް ކަމަށްވާއިރު، އެ ވަސީލަތްތަކުގެ ހަގީގީ މިލްކުވެރިންނަކީ ރައްޔިތުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"މިއީ ރާއްޖޭގެ ގުދުރަތި ރީތިކަމުގައިވާ ރީތި ގޮނޑުދޮށްތަކާއި، ފަރުތަކާއި ކަނޑުތައް ފަދ ގުދުރަތީޯ އެސްޓްތައް އެންމެ ބޮޑަށް ބޭނުންކުރަމުންދާ އަދި މަދު ހާލަތެއްގައި މެނުވީ އިއާދަނުކުރެވޭ ފަަދަ ބަދަލުތަކެއް އެ އެސެޓްތަކަށް ގެނެސްފައިވާ އަދި ގެންނަމުންދާ ސިނާއަތް. އެހެންކަމުން އަޅުގަނޑު ދެކެނިީ މި ގުދުރަތީ އެސްޓްއތަކުގެ ހަގީގީ މިލްކުވެރިންކަމުގައިވާ ދިވެހި ރައްޔިރުންނަށް ސިޑާ ގޮތެއްގައި އާމްދަނީ ލިބޭނެ ގޮތއްގައި ނިޒާމި ގޮތެއްގައި ހަމަޖެހިގެންދިއުމަކީ އެންމެ އަދުލުވެރި ގޮތް ކަމުގައި." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 ރިސޯޓެއް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. ރައީސް ވިދާޅުވީ، ދިވެހި އައިޑީކާޑު އޮތް ކޮންމެ ރައްޔިތަކީ މި ރިސޯޓުތަކުގެ ހިއްސާދާރަކަށް ވާނެކަން ވަކި ގާނޫނަކުން ކަނޑައަޅާނެ ކަމަށެވެ. އަދި މި ރިސޯޓުތަކުން ލިބޭ އާމްދަނީގެ ބައެއް، ހަމަ އެއްވެސް ރައްޔިތަކު ބާކީނުކޮށް ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކު އެކައުންޓަށް އަހަރަކު އެއް ފަހަރު ބޭރު ފައިސާއިން ޖަމާކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ނަތީޖާއެއްގެ ގޮތުން މި މަޝްރޫއުގެ ދަށުން ތަރައްޤީކުރާ ރިސޯޓަތަކުން ލިބޭ ނަފާ ދިވެހި އައިޑީކާޑެއް އޮތް ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާއެކު، އަދި ކޮންމެ އަހަަރަކު ލިބި، ރާއްޖޭގެ ތާރީހުގައިވެސް ފުރަތަަމަ ފަަހަރަށް ފަތުރުވެރިކަމުގެ ސިނާއަތުގެ ސީދާ ހިއްސާދާރަކަށްވެ މާލީ ގޮތުން މަންފާ ވާން ފަށާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ސަރުކާރުގެ އަންދާޒާއަކީ މި މަޝްރޫއުގެ ދަށުން 2030 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ އެކައުންޓަށް މި ފައިސާ ޖަމާކުރަން ފެށުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހިސާބުތަކުން ދައްކާގޮތުގައި، އެވްރެޖްކޮށް ކޮންމެ ދިވެހި ރައްޔިތެއްގެ އެކައުންޓަށް އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާވެގެންދާނެ ކަމަށްވެސް މިއަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިސާލަކަށް 5 މެމްބަރުންގެ އާއިލާއެއްގައި ނަމަ އެ އާއިލާއެއްގެ ކޮންމެ މެމްބަރެއް މަދުވެގެން 10 ރިސޯޓުގެ ޝެއަރހޯސްޑަރަކަށް ވުމުގެ އިތުރުން އެއާއިލާއަކަށް މަދުވެގެން ކޮންމެ އަހަރަކު 2000 އެމެރިކާ ޑޮލަރު ލިބިގެންދާނެ. މިކަން ހަގީގަތަކަށް ހެދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ވަރަށް ހަލުވިކަމެއްގައި އިރާދަކުރެއްވިއްޔާ ކުރިއަށްގެންދާނެ." ރައީސް ވިދާޅުވިއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީޚުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ސީދާ މަންފާ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބިގެންދާނެ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މި ނިންމުމަކީ ފަތުރުވެރިކަމުގެ ސިނާއަތުން މުޅި ރާއްޖެއަށް އޭގެ މަންފާ އިތުރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ އަމާޒުގެ ދަށުން ނިންމި ވަރަށް މުހިންމު ނިންމުމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.