ޚަބަރު

ކުރީ ސަރުކާރުން ފޮނުވި ޗާގޯސްގެ ސިޓީ އަނބުރާ ގެނެސް، މައްސަލަ ބަލަން ކޮމިޝަނެއް


  • ޤާނޫނީ ގޮތުންކުރަން ޖެހޭ ކަންކަން ފަށާފައިވާ ކަމަށް ވިދާޅުވި

  • ކަނޑުގެ ޤާނޫނު އިސްލާހުކުރުމަށް މަޖިލީހަށް ފޮނުވާނެކަމަށް ވިދާޅުވި

ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުން ދޫކޮށްލި ބައި ހޯދުމަށް ޤާނޫނީގޮތުން ކުރަންޖެހޭ މަސައްކަތްތައް ފަށާފަވާކަމަށާއި، އެ ނިންމުން ނިންމި މީހުންނާ ސުވާލުކޮށް، ޤާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ފޯޅަވައްސަކީ ދިވެހި ރާއްޖޭގެ އިމުގެ ބައެއްކަން، ތާރީޚީ ގިނަ ލިޔެލިޔުންތަކުން ފެންނަން އޮތްކަމަށެވެ.

ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމު އިއުތިރާޒުކޮށް އެކަމަށް ދިވެހި ދަޢުލަތުން ދެކޮޅު ހަދާކަން 18 ޖެނަވަރީ 2026ގައި އިނގިރޭސިވިލާތަށް ލިޔުމުން ހުށައަޅާފަވާނެކަމަށެވެ. އަދި މިދިޔަ އަހަރު ޑިސެންބަރު ގައި އިނގިރޭސިވިލާތުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ދަ ރައިޓް އޮނަރަބަލް ޑޭވިޑް ލެމީއާއެކު އޮތް ފޯނު ކޯލުގައިވެސް، މި މައްސަލަ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ދެކުނުން ބޮޑު ބައެއް ގެއްލޭ ގޮތަށް އިޓްލޮސްއިން ނިންމި ނިންމުން ދިރާސާކޮށް، އަނބުރާ ހޯދުމަށް 19 ނޮވެންބަރު 2023ގައި ބަންޑާރަ ނައިބަށް އަންގާފަވާކަމަށެވެ. އެ މަސައްކަތަށް 3 މެންބަރުންގެ ވިލަރެސް ކޮމިޓީއެއް އެކުލަވާލާ، އެ ކޮމިޓީގެ ރިޕޯޓް 22 ޖަނަވަރީ 2026ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅުއްވާފައިވާކަމަށެވެ. ކޮމިޓީއިން ހުށައެޅީ ކަންކަން ހިމެނޭހެން ކެބިނެޓް ކަރުދާހެއް އެކުލަވާލާ 25 ޖަނަވަރީ 2026ގައި ހުށައަޅާފަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރިޕޯޓާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް ކެބިނެޓުން ނިންމާ، ޤާނޫނީ މާހިރުންގެ ލަފަޔާއެކު، ދިވެހި ރާއްޖެއިން އީއީޒެޑްއިން ދޫކޮށްލި ބައި ހޯދުމަށް ޤަނޫނީގޮތުން ކުރަންޖެހޭ ކަންކަން ފަށާފަވާކަމަށް ރައީސް ވިދާޅުވިއެވެ.

"22 އޮގަސްޓް 2022ގައި ރާއްޖެއިން ފޮނުވި ސިޓީގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ސަރަޙައްދުގެ ރައްކަލަށް ނޭދެވޭ އަސަރުކޮށްފަވާކަމަށް ބައިނަލްއަޤްވާމީ މާހިރުންގެ ލަފާ ލިބިފަވާތީ، އެ ސިޓީ އަނބުރާ ގެނައުމަށް ނިންމިކަން، ރައްޔިތުންގެ ޙައްގުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކުރިފުޅުމަތީގައި އިޢުލާނުކުރަން. މީގެއިތުރުން ކަނޑުގެ ސަރަހައްދުގެ ޤާނުނުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ އާކިޕެލިޖިކް ބޭސްޕޮއިންޓްތަކާ ހަވާލާދީ، ރާއްޖޭގެ އެސްސީޒެޑްއަކީ ދޫކޮށްލި ކަނޑުގެ ސަރަޙައްދު ހިމެނޭގޮތަށް ޤާނުނުގައި މިހާރުވެސް ކަނޑައަޅާފައިވާ ސަރަޙައްދުކަމަށް ނިންމާ މަޖިލިސް މެންބަރުގެ ހާޒިރުގައި އެކަން އިއުލާނުކުރަން." ރައީސް ވުދާޅުވިއެވެ.

ރައިސް ވިދާޅުވީ ޤާނޫނު އަސާސީއަށް ގެނައި 6ވަނަ އިސްލާަހަށް ރިއާޔަތްކޮށް ކަނޑުގެ ޤާނޫނު އިސްލާހުކުރުމަށް މަޖިލީހަށް ފޮނުވާނެކަމަށެވެ.

މީގެއިތުރުން ރާއްޖޭގެ ސަރަޙައްދާއި ބޭސްލައިން ކަނޑައެޅުމަށް، ސަރަޙައްދީ ކޯޑިނޭޓްތަކާއި ބޭސް ލައިން ސަރަޙައްދާއި މިކަމާއި ގުޅުންހުރި އިތުރު މައްސަލަތައް ބެލުމަށް އޮފީހެއް ޤާއިމުކުރުމަށް މާހިރުން ލަފާދީފައިވާތީ، ވަކި ޚާއްސަ އިދާރާއެއް ޤާއިމުކުރުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"އިއާދަނުކުރެވޭފަދަ ގެއްލުންތަކެއް ލިބިފަވާކަމަށް ލަފާ ލިބިފައިވާތީ، އެކަން ކުރި ފަރާތްތަކާއި ސުވާލުކޮށް، އެކަމުގެ ސަބަބުތައް ދެނެގަނެ، ޤާނޫނީގޮތުން ފިޔަވަޅު އަޅަންޖެހޭނަމަ ފިޔަވަޅު އަޅާނަން. އެފަދަ ކަންކަން ތަކުރާރުނުވާނެގޮތަށް، ޤާނޫނު އަސާސީގެ 115ގެ މާއްދާގެ ދަށުން "ކޮމިޝަން އޮފް އިނކުއަރީ "އެއް އުފެއްދުމަށް ނިންމާފައިވާކަން އިޢުލާނުކުރަން." ރައީސް ވިދާޅުވިއެވެ.

ރަޢިސް ވިދާޅުވީ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރައްވާނެކަމަށެވެ.

މޮރިޝަސްއާއި އެ ޤައުމުގެ ވެރިރަށް ޕޯޓް ލުއީ އޮންނަނީ ފޯޅަވައްސާ ގާތްގަނޑަކަށް 1،300 މޭލު ދުރުގައެވެ. ނަމަވެސް ދިވެހިރާއްޖޭގެ ވެރިރަށް މާލެއާއި ފޯޅަވައްސާ ދެމެދު ހުރީ އެންމެ 310 މޭލުގެ ދުރުމިނެކެވެ.

ދިވެހިރާއްޖެއާއި ފޯޅަވައްސާ ދެމެދު އޮތް ތާރީޚީ އަދި ސަގާފީ ގުޅުންތަކަކީ ލިޔެކިޔުންތަކުން ސާބިތުވާން ހުރި ކަންކަމެވެ. ފޯޅަވަހީން ފެނިފައިވާ، ދިވެހިބަހުން ލިޔެ ކަނޑާނަގާފައިވާ މަހާނަގާތަކަކީ އެތައް ޒަމާނެއް ވަންދެން އޮތް ގާތް ގުޅުމުގެ ހެކިތަކުގެ ތެރެއިން ވަރަށް ބޮޑު ހެއްކެވެ. މި މަހާނަ ގައުތަކާ ރާއްޖޭގެ އެހެން ރަށަތަކުން ފެންނަން ހުރި ކުރީގެ މަހާނަ ގައުތަކާ އެއްވެސް ތަފާތެއް ނެތެވެ.

މީގެ އިތުރުން، އެތައް ގަރުނެއްވީ ދިވެހި ފުލޯކު ވާހަކަތަކުންވެސް ދަތުރުވެރިންނާއި މަސްވެރިން އެ ރަށްރަށުގައި ތިބިކަމުގެ ވާހަކަތައް އެނގެން އެބަހުއްޓެވެ. 16 ވަނަ ގަރުނުގެ ދިވެހި ރަސްކަލެއްގެ ފަތްކޮޅެއްގައި ފޯޅަވަހީގެ މައްޗަށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު އޮތްކަން ބަޔާންކޮށްފައިވެއެވެ. މިއީ މޮރިޝަސްގައި އިންސާނުން އާބާދުވުމުގެ 100 އަހަރަށްވުރެ ކުރީގެ ތާރީޚެކެވެ. ކާބަން-ޑޭޓިންގް ބޭނުންކޮށްގެން ހޯދާފައިވާ އާސާރީ ހެކިތަކުގެ އިތުރުން، 1970ގެ އަހަރުތަކުގައި އިނގިރޭސި-އެމެރިކާ އަސްކަރީ މަރުކަޒު ހެދުމަށްޓަކައި އެ ރަށްތަކުން މަޖުބޫރުން ބޭރުކޮށްލި ފޯޅަވަހީގެ އަސްލު ވަޒަންވެރިންގެ ޑީ.އެން.އޭއިން އެމީހުންގެ ކިބައިގައި ދިވެހި ނަސްލާއި ކްރިއޯލް ނަސްލުގެ ހިއްސާ އޮތްކަން ހާމަވެއެވެ.