ރާއްޖޭގައި ފެށި ކާވާ ވިމެންސް ލީގު 2026 ގެ ދެވަނަ މެޗުގައި ހުރާ ކޮމިއުނިޓީ ކުލަބުން އުޒްބަކިސްތާނުގެ ހޫމޯ ވީސީ ބަލިކޮށް، ބައިނަލްއަގްވާމީ ފުރަތަމަ މޮޅު ހޯދައިފިއެވެ.
ހުރާ ކޮމިއުނިޓީ ކުލަބަކީ މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ދެ ކުލަބުގެ ތެރެއިން އެއް ކުލަބެވެ. ދެން ވާދަކުރަނީ ވެމްކޯއެވެ.
މި މުބާރާތުގައި ވާދަކުރާ ހުރާ ޓީމުގައި ބިދޭސީ ހަތަރު ކުޅުންތެރިން ހިމެނެއެވެ. މީގެއިތުރުން ރާއްޖޭގެ ޤައުމީ ސްކޮޑުގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންތަކެއް ވެސް އެ ޓީމުގައި ހިމެނެއެވެ. އޭގެތެރޭގައި، ގައުމީ ޓީމުގެ ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ)، މާޔާ ހުސެެއިން ސޮލާހު އަދި އައިމިނަތު ޝަހާ ޝާމިން ހިމެނެއެވެ.
މުބާރާތުގެ ގްރޫޕް ބީގައި ރޭ ހުރާއިން ހޫމޯ އަތުން މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެ ޓީމުން ސެޓުތައް ގެންދިޔައީ، 24-26، 20-25 އަދި 20-25 އިންނެވެ.
މެޗުން ބަލިވި ހޫމޯ އަކީ 2024 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ކާވާ ކުލަބު މުބާރާތުގެ ރަނަރަޕް ޓީމެވެ. އެ ޓީމު ފައިނަލުން ބަލިވީ މިއަހަރުގެ މުބާރާތުގައިވެސް ވާދަކުރާ ނޭޕާލް ޕޮލިސް ކުލަބު އަތުންނެވެ.
މި މުބާރާތުގައި ރާއްޖޭގެ އިތުރުން އެހެން ފަސް ގައުމެއްގެ ކްލަބްތަކުން ވާދަކުރެއެވެ. އެއީ، ސްރީ ލަންކާގެ ހިރުދަރަމާނީ ސްޕޯޓްސް ކްލަބް، ކަޒަކްސްތާންގެ ޓުރާން ވޮލީބޯލް ކްލަބް، ނޭޕާލްގެ ޕޮލިސް ކްލަބް، އުޒްބެކިސްތާންގެ ހޫމޯ ވޮލީބޯލް ކްލަބް އަދި އިރާނުގެ ފޫލާދު މުބާރަކާ ސެޕަހާން އެވެ. ގްރޫޕް އޭގައި ހިމެނެނީ، ވެމްކޯ، ހިރުދަރަމާނީ އަދި ޓުރާން އެވެ. ގްރޫޕް ބީގައި ހިމެނެނީ، ނޭޕާލް ޕޮލިސް ކްލަބް، ހޫމޯ ވޮލީބޯލް ކްލަބް، ފޫލާދު މުބާރަކާ ސެޕަހާން އަދި ހުރާ އެެވެ.
މިއީ، ބައިނަލްއަގުވާމީ މި ލެވަލްގެ ވޮލީ މުބާރާތެއްގައި ހުރާ އިން ކުޅޭ ފުރަތަމަ ފަަހަރެވެ. މިދިޔަ އަހަރުގެ ވޮލީ ސީޒަނެކޭ އެއްގޮތަށް ހުރާ އިން މި މުބާރާތުގައި ވެސް ކުޅެމުން އަންނަނީ ގައުމީ އަންހެން ޓީމަށް އެންމެ ފަހުން ބޭއްވި ކާވާ މުބާާރާތުގައި ރިހި މެޑަލް ހޯދައިދިން ކޯޗު މުހައްމަދު ނަދީމް (ނަދީމްބެ)ގެ ކޯޗުކަމުގަ އެެވެ.
ހުރާ އިން މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އީރާނުގެ ފޫލާދުއާ އެވެ.