މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ، މައިންޑްކޯއާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން އޭއައި އަދި ޑޭޓާ ކޮމްޕިޓެންސީ ސެންޓަރެއް ޤާއިމުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ސެންޓަރު ޤާއިމްކުރުމުގެ އެއްބަސްވުމުގައި މައިންޑްކޯގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސައީދާ އުމަރެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ، އެބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ.
ބީއެމްއެލުން ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު، ސަރުކާރުން ފައްޓަވާފައިވާ 'މޯލްޑިވްސް 2.0' ޑިޖިޓަލް ޓްރާންސްފޮމޭޝަން އެޖެންޑާގެ ދަށުން ކުރިއަށްގެންދާ ޤައުމީ ފެންވަރުގެ މަޝްރޫޢެއް ކަމަށެވެ. އަދި މި ސެންޓަރު ޤާއިމުކުރުމަކީ ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމަށާއި، އާންމު ޚިދުމަތްތައް ދިނުމުގައި އާޓިފިޝަލް އިންޓެލިޖެންސް އޭއައި އާއި ޑޭޓާގެ ބޭނުން ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
ބީއެމްއެލުން ވިދާޅުވީ، މި ސެންޓަރަކީ ދައުލަތުގެ އިދާރާތަކަށާއި އިޤްތިސާދީ މުހިންމު ދާއިރާތަކަށް ރައްކާތެރި އަދި ޒިންމާދާރު ގޮތެއްގައި ޑޭޓާއާއި އޭއައި ބޭނުން ކުރުމަށް އެހީތެރިވެދޭނެ ޤައުމީ ވަސީލަތެއް ކަމަށެވެ. އަދި މި ސެންޓަރުގެ މައިގަނޑު އަމާޒަކީ ޤައުމުގެ ތަރައްޤީގައި އިސްކަންދޭ ކަންތައްތައް ހާސިލްކުރުމަށްޓަކައި އާންމު ޚިދުމަތްތައް ރަނގަޅު ކުރުމާއި، މުއައްސަސާތަކުގެ ޤާބިލުކަން އިތުރު ކުރުމުގެ އިތުރުން، ވިލުންތެރި އިޤްތިސާދެއް ބިނާ ކުރުމަށް ބޭނުންވާ ޙައްލުތައް ހޯދައިދިނުން ކަމަށްވެސް އެ ބޭންކުން ފާހަގަކުރެއެވެ.
ސަރުކާރުގެ އެކި ދާއިރާތަކަށް ދިމާވާ ގޮންޖެހުންތަކަށް އަމަލީ ޙައްލެއް ހޯދުމަށް، އޭއައި އަދި ޑޭޓާ ޓޫލްސްތައް އުފެއްދުމުގައި ރާއްޖޭގެ ޕްރައިވެޓް ސެކްޓަރަށް ދަޢުވަތު ހުޅުވާލާ އެފަރާތްތަކާއި ގުޅިގެން މި ސެންޓަރުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.
Today, we have signed a MoU with Maldives Innovation and Digital Company (MINDCo) to collaborate on the establishment of an AI and Data Competency Centre, a flagship national initiative under his excellency President Dr Mohamed Muizzu’s Maldives 2.0 Digital Transformation… pic.twitter.com/G3iGD1jGM0
— Bank of Maldives (@bankofmaldives) February 4, 2026
ބީއެމްއެލުން ވިދާޅުވީ، ރާއްޖޭގެ ޓެކްނޮލޮޖީ ކުންފުނިތަކާއި، އަލަށް ފަށާ ވިޔަފާރިތަކާއި، މި ދާއިރާގެ މާހިރުންނާއެކު ރޭވުންތެރިކަމާއެކު ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، އައު އީޖާދުތަކާއި ޓެކްނޮލޮޖީތައް ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަށްވެސް މި ސެންޓަރުން މަސައްކަތްކުރާނެ ކަމަށެވެ. މީގެ އިތުރުން، ގައުމީ އިސްކަންދޭ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން، އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކަށީގެންވާ، ރައްކާތެރި، އަދި ފުޅާކުރެވޭނެ ފަދަ ހައްލުތަކެއް މި މަރުކަޒުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށްވެސް އެ ބޭންކުން ފާހަގަކުރެއެވެ.
މި ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް މައިންޑްކޯއިން އިސްވެ ކުރިއަށްގެންދާއިރު ބީއެމްއެލުން މި މަޝްރޫއުގައި ބައިވެރިވަނީ، ސެންޓަރު ފެށުމުގެ މަރުހަލާގައި އެހީތެރިވެދޭނެ ސްޓްރެޓީޖިކް ޕާޓްނަރެއްގެ ގޮތުގައެވެ. ބީއެމްއެލުން މި މަޝްރޫއުގައި ބައިވެރިވުމުން ރަމްޒުކޮށްދެނީ ގައުމުގެ ޑިޖިޓަލް އަދި މާލީ ނިޒާމު ކުރިއެރުވުމަށާއި އާންމު ޚިދުމަތްތައްދިނުން ޒަމާނީ ކުރުމަށް ކުރެވޭ ގައުމީ މަސައްކަތްތަކަށް އަހުމިއްޔަތުކަން ދޭކަން ކަމަށް އެ ބޭންކުން ފާހަގަކުރެއެވެ.
ބީއެމްއެލްގެ ތަޖުރިބާ ހުރި ދާއިރާތައް ކަމަށްވާ ޑިޖިޓަލް ޕޭމެންޓް، ފައިނޭންޝަލް ޓެކްނޮލަޖީ، ޑޭޓާ އާއި އޭއައި ބޭނުންކުރުމުގައި ހޯދަމުންދާ ތަޖުރިބާ، މި މަޝްރޫއު ކާމިޔާބު މަޝްރޫއަކަށް ހެދުމުގައި އެހީތެރިވެދޭނެ ކަމަށް ބީއެމްއެލުން ވިދާޅުވެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ބީއެމްއެލްގެ މާލީ ދާއިރާގެ ތަޖުރިބާ އާއި ޕްރެކްޓިކަލް އިންސައިޓްސް އަދި ޑިޖިޓަލް ގޮތުން ހޯދާފައިވާ ގާބިލުކަން ބޭނުންކޮށްގެން އާންމު ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ ސިސްޓަމްތައް ހަރުދަނާކުރުމަށާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ޑޭޓާގެ މައްޗަށް ބިނާކޮށް ފުރިހަމަ ނިންމުންތައް ނިންމަން ސަރުކާރުގެ އިދާރާތަކަށް ފަސޭހަވެގެންދާނެ ކަމަށްވެސް އެ ބޭންކުން މައުލޫމާތުދެއެވެ.
ބީއެމްއެލުން ވިދާޅުވީ، މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ މާލީ އަދި ޕޭމެންޓްގެ ނިޒާމަށް މިހާރުވެސް އަންނަމުންދާ ހެޔޮ ބަދަލުތަކާއި ކުރިއެރުންތަކަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން ދައުލަތުގެ އިދާރާތައް ޑިޖިޓަލްކުރުމަށް ހިންގަމުންދާ މަޝްރޫއުތަކާއި، ރާއްޖޭގައި ހަލުވިކަމާއެކު ތަރައްގީވަމުން އަންނަ ޑިޖިޓަލް މާލީ އޮނިގަނޑު އެއް މިސްރާބަކަށް ގެނެސް، އެކަންކަން އިތުރަށް ހަރުދަނާކުރުމަށް މި މަޝްރޫއުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށެވެ.
ރައްކާތެރި ޑިޖިޓަލް ވަސީލަތްތަކާއި ޕޭމަންޓް ސިސްޓަމްތައް ބޭނުންކޮށްގެން ޚިދުމަތްތައް ދިނުން ފަދަ މަސައްކަތްތަކުން ބީއެމްއެލްއިން ހޯދާފައިވާ ތަޖުރިބާ ބޭނުންކޮށްގެން މި ސެންޓަރުގެ ޚިދުމަތްތައް ވީހާވެސް އަވަހަށް އަދި ޒިންމާދާރުކަމާއެކު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަކީ މި ސެންޓަރުގެ އެންމެ ބޮޑު އަމާޒެވެ. ފިޔަވަހިތަކަކަށް ބަހާލައިގެން ހިންގުމަށް ހަމަޖެހިފައިވާ މި ސެންޓަރުގެ މަސައްކަތް މިއަންނަ އެޕްރީލު މަހުގައި ފަށާނެއެވެ.