ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން ރަޝިޔާ ސަސްޕެންޑް ކޮށްފައި އޮތުން ނިމުމަކަށް ގެންނާނެ ކަމުގެ އިޝާރާތެއް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިއުލާނުކޮށްފި އެވެ.
އަންހެނުންގެ ޗެމްޕިއަންސް ކަޕުގެ ފައިނަލަށް ލަންޑަނަށް ވަޑައިގަތުމަށްފަހު ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުގައި އިންފަންޓީނޯ ވިދާޅުވީ ރަޝިޔާ އަށް ފީފާއިން ދީފައިވާ އަދަބުން ހާސިލްވާ އެއްވެސް ކަމެއް ނެތް ކަމަށެވެ.
"މިއަދަބުން އެއްވެސް ކަމެއް ހާސިލެއް ނުވޭ. އިތުރުވަނީ ރުޅިވެރިކަން. އެހެންވީމާ އެންމެ ރަނގަޅު ގޮތަކީ މި ސަސްޕެންޝަން ނެތުން. ރަޝިޔާގެ އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ވެސް ވާދަވެރިކަމާއެކު ފުޓްބޯޅަ ކުޅެވޭނެ ފުރުސަތު ފަހިވެގެން ދިއުން،" އިންފަންޓީނޯ ވިދާޅުވި އެވެ.
ނަމަވެސް މިކަމާ ދެކޮޅަށް ޔޫއޭފާގެ ރައީސް އެލެގެޒެންޑާ ސެފެރިން ވިދާޅުވީ ސަސްޕެންޝަން އުވާލާނަމަ ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ ވެސް ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށެވެ.
2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވި ރަޝިޔާ، ފީފާއިން ސަސްޕެންޑް ކުރީ 2022 ވަނަ އަހަރު އެވެ. އެއީ ރަޝިޔާއިން ޔުކްރޭނަށް އަރައިގަތުމުން އެކަމާ ދެކޮޅު ހެދުމުގެ ސަބަބުން އެޅި ފިޔަވަޅެކެވެ. މީގެ ސަބަބުން ރަޝިޔާ އަށް 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕާއި މި އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕުގައި ކުޅުމުގެ ފުރުސަތު ނުލިބުނެވެ. ނަމަވެސް ރަޝިޔާ އަށް އެޅިފަދަ ފިޔަވަޅެއް އެފަދަ ކަންކަން ކުރާ އެހެން ގައުމުތަކަށް ނާޅާތީވެ ފީފާ އަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފަ އެވެ. ހާއްސަކޮށް ފަލަސްތީނުގެ ޢައްޒާ އަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ ގައުމާ ދެކޮޅަށް ފިޔަވަޅު އަޅަން ދުނިޔޭގެ ގިން ބަޔަކު ގޮވާލުމުން ފީފާއިން އެކަމަށް ދެކޮޅު ހެދުމުން އަމާޒުވި ފާޑުކިއުންތައް ގިނަ އެވެ.
މީގެ ފަހުން ކުޅިވަރާ ގުޅުން ނެތް މިފަދަ ކަންކަމާހުރެ އެއްވެސް ގައުމަކަށް ފިޔަވަޅު ނާޅާނެ ކަމުގެ އިޝާރާތެއް ވެސް އިންފަންޓީނޯ ދިނެވެ. އޭނާ ވިދާޅުވީ ގައުމުގެ ތަކުގެ ސިޔާސީ ލީޑަރުންގެ އަމަލުތަކުގެ ސަބަބުން ފުޓްބޯޅަގައި ބައިވެރިކުރުން މަނާ ކުރުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.
ފީފާގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުން ދެން އޮންނާނީ މި މަހުގެ 11 ވަނަ ދުވަހު ބްރަސެލްސަގަ އެވެ. މި ބައްދަލުވުމުގައި ރަޝިޔާގެ ސަސްޕެންޝަން ނިމުމަކަށް ގެނައުމުގެ ފުރުސަތު އެބައޮތެވެ.