13 ވަނަ އިންޓަރ އޮފީސް ބިލިއާޑް ޗެމްޕިއަންޝިޕްގެ ޓީމު އިވެންޓުތައް ފަށައިފިއެވެ.
މާލެ ޕޫލް ބިލިއާޑް ހޯލުގައި ކުރިޔަށްދާ މި މުބާރާތުގެ ޓީމް އިވެންޓުތައް ކުރިޔަށްދާނީ މިމަހުގެ 3-6 ގެ ނިޔަލަށެވެ. މި މުބާރާތުގެ ސިންގަލް އިވެންޓްތަކުގެ ކުޅުން މިހާރުވަނީ ނިމިފައެވެ.
މުބާރާތުގައި ޖުމްލަ 12 ޓީމު ވާދަކުރެއެވެ. އޭގެތެރޭގައި ހިމެނެނީ ބީއެމްއެލް، ރައީސް އޮފީސް، އެމްއައިބީ، ސްޓެލްކޯ، އެމްއެންޑީއެފް، އެމްޑަބްލިއުއެސްސީ، ޓީއެމްއޭ، ސީއާރްސީ، އެމްޕީއެލް، އެސްޓީއޯ، ދިރާގު އަދި ސްޓެލްކޯއެވެ.
އިންޓަރ އޮފީސް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ސްޓެލްކޯއިން ބުނީ މި މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށާއި ތަށި ދިފާއު ކުރާނެ ކަމަށެވެ. އެޓީމުގެ ކުޅުންތެރިންގެ ތެރޭގައި ބިދޭސީ ކުޅުންތެރިއެއްވެސް ހިމެނޭއިރު އޭނާއަކީ ރާއްޖޭގެ މާހައުލަށް ހޭނިފައިވާ ކުޅުންތެރިއެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ރާއްޖޭގެ ގައުމީ މުބާރާތުގައިވެސް ވާދަކޮށްފައިވާ ބިދޭސީ ކުޅުންތެރިޔާގެ ތަޖުރިބާއާއެކު މިއަހަރުވެސް ޗެމްޕިއަންކަން ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ސްޓެލްކޯ ޓީމުން ބުނެއެވެ.
އެންމެ ފަހުގެ ގައުމީ މުބާރާތުގެ ޗެމްޕިއަނުން ހިމެނޭ އެމްޕީއެލް ޓީމުން ބުނީ ޓްރޮފީ ނެގޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށެވެ. އަދި ރަނގަޅުވާދައެއް ކުރެވޭނެ ކަމަށާއި ދުރާލާ މި މުބާރާތަށް އެޓީމު ތައްޔާރުވަމުން އައި ކަމަށެވެ.
ރަނގަޅު ވާދައެއްކޮށް ފައިނަލާއި ހަމައަށް ދަތުރުކުރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑުކަމަށް އެމްޕީއެލް ޓީމުން ބުންޏެވެ.