ޚަބަރު

ފުޓްސަލް ޓީމު އެކުލަވާލިއިރު ގޮންޖެހުންތައް ކުރިމަތިވި: ނިޔާޒް


  • ގައުމީ ޓީމަށް ކުޅުންތެރިން ހޮވީ ފާރޫކްގެ ބެލުމުގެ ދަށުން

  • ތަށި ދިފާއުކުރުމަށް މުހިންމީ ފުޓްސަލް ޕިޗެއްގައި ފަރިތަކުރުން

ސިލެކްޝަނެއްގައި ތެރޭގައި ޤައުމީ ޓީމަށް ކުޅުންތެރިން ނެގުމަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ހުރި ކަމަށް ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއަށް ގެނެސްދިން ޓީމުގެ އެސިސްޓެންޓް ކޯޗު އަޙްމަދު ނިޔާޒް (ނިޔާ) ބުނެފިއެވެ.

ގައުމީ ޓީމުގެ ކާމިޔާބީ ފާހަގަ ކުރުމަށް ޕީއެސްއެމްއިން ގެނެސްދިން ޚާއްސަ ޕްރޮގްރަމުގައި ވާހަކަ ދައްކަމުން ނިޔާޒް ބުނީ އުމުރުން ހަގު ވަރަށް މޮޅު ކުޅުންތެރިންވެސް ސިލެކްޝަނުގައި ބައިވެރިވި ކަމަށެވެ.

އަދި މުބާރާތް އޮންނަ ދުވަސްކޮޅާއި ގޯލްޑަން ފުޓްސަލް މުބާރާތް ދިމާވުމުން ބައެއް ކުޅުންތެރިން ސްކޮޑަށް ނެގުމުން ވަކިވި ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.

“ބައެއް ކުޅުންތެރިން ރަށު ޓީމަށް ކުޅެން ބޭނުންވެގެން ރިޖެކްޓްވެސް ކުރި. ސިލެކްޝަން ތެރޭގައި ވަރަށް ގޮންޖެހުންތައް އައި. ދެ ކޯޗުންގެ ޚިޔާލުތައްވެސް ތަފާތުވި”ނިޔާޒް ބުންޏެވެ.

ނިޔާޒް ބުނީ އުޒްބަކިސްތާނުގެ ކޯޗު ފާރޫކް ޒަކިރޯވް ހަވާލުވިފަހުން ސިލެކްޝަން ކުރިޔަށް ގެންދިޔައީ އެ ކޯޗުގެ ބެލުމުގެ ދަށުން ކަމަށެވެ.

ނިޔާޒް ބުނީ ދާން އޮތް ދިގު ރާސްތާއަށް ބަލާއިރު ތަށި ދިފާއު ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި މި ސަރަހައްދުގެ އެހެން ގައުމުތަކުން ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު މިވަގުތު ފުޓްސަލް ކޮމިއުނިޓީވެސް ބޭނުންވަނި އިންޑޯ ޕިޗެއްމަށެވެ.

“އިންޑޯ ޕިޗަކާމެދު އަޅުގަނޑުމެންގެވެސް އުންމީދުތައް ހުރީ. އެހެންވީމަ ދެން މި ބަލަނީ ކައިރި މުސްތަގްބަލެއްގައި އަޅުގަނޑުމެންނަށް އެ ޕިޗަށް އަރާ ޓްރޭނިންތަކާއި އެއްޗެހި ކުރިޔަށް ގެންދެވޭނެ ކަމަށް. ” ނިޔާޒް ބުންޏެވެ.

ނިޔާޒް ބުނީ އެ ޕިޗް ލިބުމުން މިހާރަށްވުރެ ރަނގަޅަށް އިތުރު ތަމްރީނުތަކެއް ލިބި ކޯޗު އެނބުރި އައިސް އިތުރު ޓްރޭނިންތަކާއެކު މި ތަށި ދިފާއު ކުރުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ.

“ފެސިލިޓީސް އަޅުގަނޑުމެންނަށް ވަރަށް މުހިންމޭ. މި ފެސިލިޓީސްއާއި އެއްކޮށްކަންނޭންގެ ދެން އަޅުގަނޑުމެންނަށް މީގަ ކުރިޔަށް ދެވޭނީ. ހަމަ އާއެއްކޮށް މީގަ އެބަތިބި ތަންކޮޅެއް ދުވަސްވީ ކުޅިންތެރިންވެސް ވަރަށް ޅަ ކުޅުންތެރިންވެސް. ފަހަރުގައި މިއީ ބައެއް ކުޅުންތެރިންގެ ފަހު މުބާރާތަށް ވުމަކީވެސް އެކަށީގެންވާ ކަމެއް” ނިޔާޒް ބުންޏެވެ.

އެހެންނަމަވެސް އަލަށް އަންނަ ޖެނެރޭޝަނަށް އިންޑޯ ޕިޗް ލިބޭ ހިސާބުން ފެށިގެން ފުޓްސަލްއަކީވެސް ވަރަށް ބޮޑު ޕްލެޓްފޯމަކަށް ވާނެ ކަމަށް ނިޔާޒް ބުންޏެވެ.

ޓީމުގެ ކުޅުންތެރިންގެ ކޮލިޓީ އެބަހުރި ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ. ނިޔާޒް ބުނީ އެހެން ލެވެލަކަށްދާން ބޭނުމިއްޔާ ޖެހޭނީ އިންޑޯ ޕިޗެއްގައި ޓްރޭނިންތައް ހަދަން ކަން ކުޅުންތެރިން މާލޭގައި ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކުންވެސް ފާހަގަ ކުރެވުނު ކަމަށެވެ.

އެހެން ލެވެލަކަށް ފުޓްސަލް ގެންދިއުމަށް ބޭނުންވާނަމަ މި ވަގުތަށް އެންމެ މުހިންމީ އިންޑޯ ޕިޗް ކަމަށާއި ޕިޗެއް ނެތްނަމަ ރާއްޛޭގެ ފުޓްސަލް ގެންދަން ބޭނުންވާ ލެވެލަށް ނުދާނެ ކަމަށް ނިޔާޒް ބުންޏެވެ.