ހުރިހާ ޤައުމަކަށް ވެސް ހަމަހަމަ އަދި ވަށައިޖެހޭ ފުރުޞަތުތައް ފަހިވެފައިވާ ދުނިޔެއަކަށް ޗައިނާ އާއި ޔުރޫގުއޭ އިން ގުޅިގެން މަސައްކަތް ކުރަން ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގޮވާލައްވައިފިއެވެ.
ޔުރޫގުއޭގެ ރައީސް ޔަމަންޑޫ އޯރސީ ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޝީ އާއެކު ވަނީ ވިޔަފާރި އާއި ތިމާވެށީގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުޙިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރެވިފައެވެ.
ދެ ޤައުމު ގުޅިގެން ނެރުނު ބަޔާނުގައި ބުނީ، ޗައިނާ އާއި ދެކުނު އެމެރިކާގެ އިއްތިޙާދު މަރކޯސުރ އާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ މަޝްވަރާތައް ވީހާވެސް އަވަހަކަށް ފެށުމަށް ނިންމާފައިވާ ކަމަށެވެ.
މިއީ ވެނެޒުއެލާއަށް އެމެރިކާ ސިފައިން އަރައި އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކޮށްގެން ގެންދިޔަ ފަހުން، ދެކުނު އެމެރިކާގެ ޤައުމެއްގެ އިސް ވެރިއަކު ޗައިނާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ލެޓިން އެމެރިކާ އާއި ކެރީބިއަން ޤައުމުތައް ގުޅިގެން، މިނިވަންކަމާއި އިސްތިޤުލާލާއި، ތަރައްޤީ އަދި ރައްކާތެރިކަން ކަށަވަރުކޮށް، ބިރުދެއްކުމާ ދެކޮޅަށް އެކުގައި މަސައްކަތް ކުރަން ޝީ ބާރުއެޅުއްވި ކަމަށް، މީޑިއާތަކާ ޗައިނާގެ ސަރުކާރުން ޚިއްޞާކުރި ކަރުދާހެއްގައި ބުނެފައިވެއެވެ.
އޯރސީ ވިދާޅުވީ، ޗައިނާ އާއި ޔުރޫގުއޭގެމި ވަރުގަދަ ގުޅުން ކުރިއަށްދާނީ، ދެ ޤައުމުގެ ގުޅުން މުޅީން އައު ހަރުފަތަކަށް އުފުލުމުގެ ޢަމާޒުގައި ކަމަށެވެ.
ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުފުޅުގައި، އޯރސީ އާއެކު މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ 150 އިސް ބޭފުޅުން ހިމެނޭ ވަފުދު، ޗައިނާގެ ވިޔަފާރި މަރުކަޒު ޝަންހާއީ އަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގެ ތެރެއިން އިޢުލާނުކުރެވުނު އެއްބާރުލުންދިނުމުގެ ތަފާތު 12 އެއްބަސްވުމުގެ ތެރޭގައި ސައިންސާއި ޓެކްނޮލޮޖީން ފެށިގެން ތިމާވެށްޓާއި ފިކުރީ މުދަލާއި މަހުގެ ވިޔަފާރި ހިމެނެއެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޗައިނާއާއެކު 187.1 މިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފައިވާއިރު، ޔުރޫގުއޭއިން ޗައިނާގެ މެޝިނަރީއާއި އިލެކްޓްރޯނިކް ސާމާނާއި އަދި ކެމިކަލް އެތެރެކުރެއެވެ.