ޚަބަރު

ދެއްވަދޫއިން ފުރަތަމަ ފަހަރަށް ޒޯން ތަށި އުފުލާލައިފި


ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ގއ. ދެއްވަދޫއިން ފުރަތަމަ ފަހަރަށް ޒޯން ޗެމްޕިއަންކަން ހޯދައިފިއެވެ.

ދެއްވަދޫއިން މި ކާމިޔާބީ ހޯދީ މި އަހަރުގެ މުބާރާތުގެ ޒޯން 7 ގެ ފައިނަލުގައި ސ. ހިތަދޫގެ މައްޗަށް ކުރިހޯދައިގެންނެވެ. ފައިނަލުގައި ހިތަދޫގެ މައްޗަށް ދެއްވަދޫއިން ކުރިހޯދީ 1-3 ގެ ނަތީޖާއަކުންނެވެ.

ރާއްޖޭގެ ފުޓްސަލްގެ ރަން ޤައުމީ ޓީމުގެ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ދެއްވަދޫއަށް މި މެޗުގައި ލަނޑުތައް ޖަހައިދނީ ޤައުމީ ޓީމުގެ ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) އާއި ޤައުމީ ޓީމުގެ އަޙްމަދު ރާހިލް ރަޝީދު (ރާއްކޮ) ގެ އިތުރުން އޭނާގެ ކޮއްކޮ އަހުނަފް ރަޝީދު (އަހުއްކޮ) އެވެ. މެޗުގައި، ހިތަދޫގެ ހަމައެކަނި ލަނޑު ޖެހީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.

މި މެޗުން ހޯދި މޮޅާއެކު ދެއްވަދޫއިން ފުރަތަމަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ޗެމްޕިއަންކަން ހޯދިއިރު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރާހިލް އެވެ.

މި ޒޯނުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ރާހިލްއެވެ. ޒޯނުގެ ޓޮޕް ސްކޯރަރ އަކީ މަރަދޫގެ ޙަސަން ލައުހުއެވެ.