ޚަބަރު

އެމެރިކާއާއެކު މަޝްވަރާ ފެށުމަށް އީރާނުގެ ރައީސް އަމުރު ކުރައްވައިފި


އެމެރިކާއާއެކު "އިންސާފުވެރި އަދި ހަމަހަމަ" މަޝްވަރާތަކެއް ފެށުމަށް ތައްޔާރުވުމަށް އީރާނުގެ ޚާރިޖީ ވުޒާރާއަށް އަމުރު ކުރައްވާފައިވާނެ ކަން އެ ޤައުމުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ހާމަކުރައްވައިފިއެވެ. އޭނާ މި ކަން ހާމަކުރައްވާފައި މި ވަނީ، ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކޮންމެވެސް ވަރަކަށް ކުޑަވެފައިވާ ދަނޑިވަޅެއްގައެވެ.

ޕީޒިޝްކިޔާން ވިދާޅުވީ، އިންޒާރުތަކާއި އެކަށީގެންނުވާ އުއްމީދުތަކުން އެއްކިބާވެފައިވާ، އެކަށީގެންވާ މާހައުލެއް އޮތްނަމަ، ކަރާމާތާއި ވިސްނުންތެރިކަމުގެ އުސޫލުތަކާ އެއްގޮތަށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޚާރިޖީ ވަޒީރަށް އަންގަވާފައިވާނެ ކަމުގައެވެ. ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް ބޭއްވުމުގެ އިންތިޒާމުތައް ވިލަރެސް ކުރަމުން ދަނީ ތުރުކީވިލާތުން ކަމުގައި ރިޕޯޓުތައް ބުނެއެވެ.

އެމެރިކާއާ އެކު މަޝްވަރާ ކުރުމަށް އިންކާރު ކުރާ ނަމަ، އީރާނަށް ޙަމަލާ ދޭން ޖެހިދާނެ ކަމުގައި ވިދާޅުވެ، ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ އިންޒާރު ދެއްވަމުންނެވެ. އަދި، އޭނާގެ އަމުރަށް އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އެބްރަހަމް ލިންކަން ހިމެނޭ ބިޔަ ލަޝްކަރެއް އެމެރިކާއިން ވަނީ އީރާނު ކައިރިއަށް ފޮނުވާފައެވެ. ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި މިހާރު ވެސް ނުރަސްމީ މަޝްވަރާތަކެއް ފަށާފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

މެދުއިރުމަތީގެ މަސްރަޙު ފިނިކުރުމަށް ތުރުކީވިލާތުގެ އިތުރުން ޤަޠަރު، މިޞްރު އަދި އޮމާނުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ތަހްރާނުން ބުނީ، ދެބަސްވުންތައް ހައްލު ކުރުމަށް އެ ޤައުމުތަކުން ހުށަހަޅާފައިވާ ހުށަހެޅުންތައް ދިރާސާ ކުރަމުންދާ ކަމުގައެވެ. ފެބުރުވަރީ 6ވަނަ ދުވަހު ތުރުކީވިލާތުގެ އިސްތަންބޫލުގައި މަޝްވަރާތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ މަޝްވަރާތަކުގައި ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފާއި އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ބައިވެރިވެ ވަޑައިގަންނަވާނެ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، އެއްވެސް ފަރާތަކުން މި ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާޔީ ވެސް ވަނީ ނުސީދާ މަޝްވަރާތައް ކުރިއަށްދާކަން ކަށަވަރުކޮށްދެއްވާފައެވެ. "ސަރަހައްދީ ޤައުމުތަކުން ދަނީ މެސެޖުތައް ބަދަލުކުރުމުގައި މެދުވެރިންގެ ރޯލު އަދާކުރަމުން،" އޭނާ ވިދާޅުވިއެވެ. އަދި ޚާރިޖީ މަރުހަލާތަކުގެ ތަފްސީލުތައް ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ދައުލަތުގެ ނޫސް އޭޖެންސީ އައިއާރްއެންއޭން ރިޕޯޓްކޮށްފައިވާ ގޮތުގައި ޚާރިޖީ ވަޒީރު ޢަރާޤިޖީ ވަނީ ސަޢޫދީ ޢަރަބިއްޔާ، މިޞްރު އަދި ތުރުކީވިލާތުގެ ޚާރިޖީ ވަޒީރުންނާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ. މީގެއިތުރުން، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ ވާހަކަތައް އަލުން ފެށުމަށް ރައީސް ޕީޒިޝްކިޔާން އަމުރުކުރައްވާފައިވާ ކަމުގައި ފާރިސް ނޫސް އޭޖެންސީން ވެސް ރިޕޯޓްކޮށްފައިވެއެވެ.